ޑޮނަލްޑް ޓްރަމްޕަށް މޭގަން މާކްލް ކަމަކު ނުދިޔަ!
އިނގިރޭސިވިލާތުގެ ޝާހީ އަމީރު (ޕްރިންސް) ހެރީ ކައިވެނި ބައްލަވައި ގަނެގެން އުޅުއްވާ މޭގަން މާކްލްއާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނުރުހުން ފާޅު ކޮށްފިއެވެ.
ވައިޓްހައުސްގެ ޕޯޑިއަމެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ މޭގަން އަށް ނުރުހުން ފާޅުކޮށް، ހެރީ އާއި މޭގަން ޖޯޑު އެހާ ނުގުޅޭ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި މޭގަން އާއި އެއްކޮށް އުޅޭތީ ހެރީ އަށް ހެޔޮ ދުޢާ ކުރާކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
"އެކަހަލަ އަންހެނަކާއި އެކީ އުޅެންޖެހިފައިވާތީ، އޭނަ (ހެރީ) އަށް އެންމެންގެ ފަރާތުންވެސް ހެޔޮ ދުޢާ ބޭނުންވާނެ" ޓްރަމްޕް ވިދާޅުވެފައިވެއެވެ.
އެމެރިކާގެ ރައީސް ގެ ފަރާތުން މިފަދަ ނުރުހުމުގެ ބަސްތަކެއް އެޤައުމުގެ ރައްޔިތެއް ކަމުގައިވާ މޭގަން އަށް އަމާޒުވެފައި މިވަނީ މިއަހަރުގެ ނޮވެމްބަރު މަހު އެޤައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޓްރަމްޕަށް ވޯޓު ނުދީ، ޖޯއި ބިޑެން އަށް ވޯޓު ދިނުމަށް މޭގަން އާއި ހެރީ ވިދާޅުވެ އާއްމުކޮށްފައިވާ ވީޑިއޯ އަކާއި ގުޅިގެންނެވެ.
އެ ވީޑިއޯގައި ހެރީ ބުނެފައިވަނީ ނަފްރަތު ފެތުރޭނެފަދަ ވާހަކަތަކުން ދުރުވުމަށެވެ. އަދި މޭގަން ބުނެފައި ވަނީ މިއީ އެންމެ މުހިންމު އިންތިހާބު ކަމަށާއި އެހެންކަމުން މިފަހަރު ކަންކަން ބަދަލުކޮށް ވިސްނުންތެރި ކަމާއެކު ގޮތް ނިންމެވުމަށެވެ.
މޭގަން އާއި ހެރީ ގެ މިވާހަކަތަކުން އިނގިރޭސި ޝާހީ ޢާއިލާގެ ބޭފުޅުން ވެސް ތިއްބެވީ ކަންބޮޑުވެ، ނުރުހުންފާޅު ކޮށްފައިކަމަށް ބަކިންގްޚަމް ޕެލެސްގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ. އެހެން ޤައުމުތަކުގެ ވެެރިކަމާއި ބެހުމަކީ ޝާހީ ޢާއިލާއިން ދުވަހަކު ވެސް ކޮށް އުޅުނު ކަމެއް ނޫން ކަމަށާއި، ޝާހީ ޢާއިލާއަކީ އަބަދުވެސް ވަކި ކޮޅަކަށް ނުޖެހޭ ބައެއްކަން އޮފިޝަލުން ވަނީ ހާމަ ކޮށްފައެވެ. އެހެންކަމުން މޭގަން އާއި ހެރީ ގެ މިޢަމަލާއިމެދު އެޢާއިލާއިން ދެކިލައްވަނީ، އެދެމަފިރިން "ލިމިޓުން ބޭރަށް" ވަޑައިގަންނަވައިފި ކަމަށް ވެސް އޮފިޝަލުން ވިދާޅުވެފައި ވެއެވެ.