ކޮވިޑް-19: ކުޅުދުއްފުށިން މީހަކު ފައްސިވެ ރަށް މޮނީޓަރިންގެ ހާލަތަށް!

ހދ. ކުޅުދުއްފުށިން މީހަކު ކޮވިޑަށް ފައްސިވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ހދ. ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ކެޕްޓަނަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެންނެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ ކުޅުދުއްފުށިން ބައްޔަށް ފައްސިވެފައިވަނީ ބޯޓެއްގެ ފަޅުވެރިއެއް ކަމަށާއި، އޭނާ ފައްސިކަން އެނގުނީ އަލާމާތްތަށް ހުރުމުން ކޮވިޑަށް ޓެސްޓު ކުރުމުން ކަމަށެވެ.
ފައްސިވީ މީހާގެ ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްޓަކައި މިހާރު ކުޅުދުއްފުށްޓާއި ނޮޅިވަރަމް ވަނީ މޮނީޓަރިންގެ ހާލަތަށް ލާފައެވެ.
މޮނީޓަރިންގެ ހާލަތުގައި އޮންނައިރު އެރަށަކަށް އެޗްޕީއޭގެ ޚާއްސަ ހުއްދައަކާއި ނުލާ އަރާ ފޭބުން މަނާވާނެއެވެ.
ކުޅުދުއްފުށީ ކައުންސިލު ރައީސް އަބްދުއްލަތީފް ޙަސަން "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކޮވިޑަށް ފައްސި ވެފައިވަނީ އެބޯޓުގެ ކައްޕި ކަމަށާއި ރަށް މޮނީޓަރިންއަށް ލާން އެޗްޕީއޭ އިން އަންގާފައިވާ ކަމަށެވެ.