ކުޑަ ކުދިންނަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު ކުޑަ

ކުޑަކުދިންނަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު ކުޑަ ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ.
ޔޫކޭގެ އިންސްޓިޓިއުޓް އޮފް ޗައިލްޑް ހެލްތް އިން ކުރި މި ދިރާސާގައި ދައްކާ ގޮތުން ކުޑަ ކުއްޖަކު ބަލި ޖެހިފައި ހުރި މީހަކާ ކޮންޓެކްޓް ވެއްޖެ ނަމަ އެކުއްޖާއަށް ބަލި ޖެހުމުގެ ފުރުސަތު އޮންނަނީ 0.56 ގައެވެ. މިއީ ބޮޑެތި މީހުންނާ އަޅާ ބަލާއިރު ދެގުނަ ދަށް އަދަދެކެވެ.
އެގޮތުން ބަލި ޖެހިފައި ހުރި ބޮޑު މީހަކު ކުޑަ ދެ ކުދިންނާ ކޮންޓެކްޓު ވެއްޖެނަމަ އެތަނުން ބަލި ޖެހުމުގެ ފުރުސަތު އޮންނާނީ އެއް ކުއްޖަކަށް ކަމުގައި މި ދިރާސާގައި ބުނެފައިވެއެވެ.
މި ދިރާސާ ކުރުމަށް އިންސްޓިޓިއުޓް އޮފް ޗައިލްޑް ހެލްތް އިން ވަނީ ދުނިޔޭގެ އެކި ހިސާބުތަކުން ޕޮޕިއުލޭޝަން ސްކްރީނިން އާއި ކޮންޓެކްޓް ޓެރޭސިން ފަދަ 32 ސްޓަޑީއެއް ދިރާސާ ކޮށްފައެވެ. އެގޮތުން ޗައިނާ، ޖަޕާން، ބްރޫނާއި، އިންޑިއާ، ސިންގަޕޫރު އަދި އޮސްޓްރޭލިއާ ފަދަ ގައުމުތައް ހިމެނެއެވެ.
ދިރާސާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ދިރާސާކުރި ހުރިހާ ގައުމެއްގައި ވެސް އެހެން މީހެއްގެ ފަރާތުން ބަލި ޖެހުނު ކުޑަކުދިންނަށް ބަލި ޖެހުނު އިންސައްތަ ވަރަށް ކުޑައެވެ.