ދީން

ނަމާދާއި ދަރުސްތަކުގެ ޖަމާޢަތްތައް ނޯންނަ ރޯދަމަހަކާ ދިމާލަށް!

ދެން އެމްވީ

ރަމަޟާންމަހަކީ ބަރަކާތްތެރި މައްސަރެކެވެ. އެއީ ފާފަފުއްސެވުމާއި ނަރަކައިން ދިންނެވުމުގެ މައްސަރެވެ. ހެޔޮ މަގަށް ނަފްސް ލަންބުވާ މައްސަރެވެ. މި މައްސަރު ފެށުމާއެކު އަހަރެމެންގެ ތެރެއިން ފެނިގެންދަނީ ތަފާތު ރޫޙެކެވެ. އެންމެން ވެސް ހެޔޮ ކަންކަމަށް އަވަސްވެ ގަނެއެވެ. ޖަމާޢަތުގައި ނަމާދު ކުރުމަށް ހަމަ ކޮންމެ މީހަކު ވެސް އިސްކަންދެއެވެ. ބަރަކާތްތެރި ޤުރުއާނުގެ ކޮންމެވެސް މިންވަރެއް ކޮންމެ ދުވަހަކު ވެސް ކިޔެވުމަށް އެންމެން ވެސް ހިތްވަރުކުރެއެވެ. އަދި ތިމާގެ ފަރާތުން އެހެން މީހަކަށް ރޯދަވީއްލުން ދެވޭތޯ ގިނަ ބަޔަކު މަސައްކަތް ކުރެއެވެ.

މިފަދަ ހިތްގައިމު އެތައް ކަމަކާއެކު ރޯދަ މަހަކީ ތަފާތު އިހްސާސްތަކެއް ގެނުވާ މައްސަރެކެވެ. ތަރާވީޙް ނަމާދު ނުވަތަ ދަމު ނަމާދުގެ ބޮޑެތި ޖަމާޢަތްތަކާއި ރޯދަވީއްލުމަށް މިސްކިތުގައި ހަދާ ޖަމާޢަތްތަކުގެ އިތުރުން ކޮންމެ ދުވަހެއްގެ އަޞްރު ނަމާދަށްފަހު އެކި މިސްކިތްތަކުގައި ބާއްވާ ސިލްސިލާ ދަރުސްތަކުގެ މާހައުލުތަކުން އުފެދޭ އެކުވެރިކަމާއި ބަރަކާތްތެރިކަމުގެ ރޫޙަކީ އެހެން މައްސަރުތަކުގައި އަހަރެމެންނަށް ނުފެންނަ ރޫޙެކެވެ.

މިއަހަރުގެ ރަމަޟާމަސް އަހަރެމެންނާއި ބައްދަލުކުރާން ދެން އޮތީ ދެ ހަފްތާއެއްހައި ދުވަހެވެ. މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް19ގެ ބަލިމަޑުކަމާއެކު އަހަރެމެން ވެސް މިތިބީ އޭގެ ނުރައްކާތެރިކަމުން ސަލާމަތްވުމަށް ބަންދު ވެގެންނެވެ. އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސުކޫލުތަކާއި އޮފީސްތައް ވެސް ބަންދުކޮށް މިސްކިތްތަކުގެ ޖަމާޢަތްތައް ވެސް ވަނީ ހުއްޓާލާފައެވެ.

ކޮވިޑް19ގެ ބިރުވެރިކަމާއެކު އަހަރެމެން އެންމެންގެ ދިރިއުޅުމަށް މިވަނީ ބަދަލުތަކެއް ގެނުވާފައެވެ. ދިރިއުޅުމުގައި ކުރަމުން އައި އެންމެހައި ކަންކަމެއް ހުއްޓާލާފައި ގެއަށް ވަދެ މިތިބީ އާންމު ދިރިއުޅުމަށް ރުޖޫޢަ ވެވޭނެ ދުވަހެއް ނޭނގޭ އިންތިޒާރެއްގައެވެ.

ވެކްސިނެއް ބޭހެއް އުފެއްދިފައި ނެތް ، ކޮވިޑް19 އަހަރެމެންގެ ހަޔާތް އެފުށް މިފުށަށް ޖަހައިފިއެވެ. ކުރިއަށް އޮތް ރޯދަ މަހުގައި ވެސް މިފަދަ ގޮތަކަށް އަހަރެމެންގެ ދިރިއުޅުން ހޭދަ ކުރަން ޖެހިދާނެކަމުގެ އިޝާރާތެއް ހެލްތު މިނިސްޓަރ ޢަބުދުﷲ އަމީން އިއްޔެ ވަނީ ދެއްވާފައެވެ. އެހެންކަމަށް ވެއްޖެނަމަ އަހަރެމެންނާއި މިއަހަރު ބައްދަލު ކުރާނީ ތަފާތު ރޯދަ މަހެކެވެ. އެފަދަ ރޯދަ މަހެއް ވާނީ ނަމާދުގެ ބޮޑެތި ޖަމާޢަތްތައް ނެތުމުން އެކަމާމެދު އަހަރެމެން ކަރުނަ އަޅާނެ ރޯދަ މަހަކަށެވެ. ހަމައެހެންމެ ދަރުސްތަކުގެ ބަރަކާތްތެރި މަޖިލިސްތައް ނެތްކަމުގެ ފަޅުކަން ވަރަށް ބޮޑަށް އިހްސާސްވާނެ ރޯދަ މަހަކަށެވެ. އަދި ރޯދަ ވީއްލުމަށް މިސްކިތްތަކުގައި އަހަރެމެން ދަމާލާ ސުފުރާތައް ނެތި ، އެ ބަރަކާތްތެރިކަމުގެ އަސަރު ހިތްތަކަށް ކުރުވާނެ ރޯދަ މަހަކަށެވެ.

ޔާﷲ! ކޮވިޑް19 ގެ ނުރައްކާތެރިކަމުން އަހަރެމެން ސަލާމަތް ކުރައްވާށި! އަހަރެމެންގެ ދިރިއުޅުން ފަސޭހަ ކޮށްދެއްވާށި! ކުރިއަށް އޮތް ރޯދަ މަހުގެ ރަޙުމަތާއި ބަރަކާތް އަޅަމެންނަށް މިންވަރު ކުރައްވާށި! އާމީން!

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!