ބޮލީވުޑް މުނިފޫހިފިލުވުން

ސުޝާންތު ސާރާ އަށް ބޭވަފާތެރިވި؟

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ސުޝާންތު ސިންގް ރާޖްޕޫތުގެ ނިމިދިޔުން މިވަނީ، ބޮލީވުޑާ މެދު ގިނަ ބަޔަކަށް ކުރިން ނޭނގޭ އެތައް ކަމަކަށް ލޯހުޅުވާލި ކަމަކަށެވެ.

Ads by Sosun Fihaara

ބާންޑްރާ ގައި އޭނާ ދިރިއުޅޭ ގޭގައި މިއަހަރުގެ ޖޫން 14 ވަނަ ދުވަހު އަމިއްލައަށް މަރުވި ސުޝާންތުގެ މަރުގެ ތަހުގީގު އެހިސާބުން ވަނީ ފެށިފައެވެ. މުމްބައި ފުލުހުންގެ އަތުން ނަގާ ތަހުގީގުގެ މަސައްކަތް ސީބީއައި އާއި ހަވާލުކުރުމުން، ސުޝާންތުގެ މަރުގެ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު އުފުލިފައިވާ އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ގެ ފޯނު ކްލޯނުކޮށް އޭގެ އެހީގައި ކުރިން ނޭނގޭ އެތައް ކަމެއް ވަނީ ހޯދިފައެވެ.

އެގޮތުން އެންމެ ބޮޑަށް ފެންމަތިވީ މައްސަލައަކީ ސުޝާންތަށް ރިއާ މަސްތުވާތަކެތި ދިން ކަމުގެ މައްސަލައެވެ. އެކަމަށް ރިއާ އެއްބަސްވެ، "ކްވޯން" ކިޔާ ކުންފުންޏެއް މެދުވެރިކޮށް މަސްތުވާތަކެތި ހޯދައިދިން ކަމަށް ވެސް އެއްބަސްވިއެވެ. އަދި އެމައްސަލައިގައި ރިއާ މިހާރު ހުރީ ފުލުހުންގެ ހައްޔަރުގައެވެ. ނަމަވެސް ތަހުގީގުގައި ރިއާ ވަނީ ބޮލީވުޑްގެ އެކްޓްރެސް ރުކުލް ޕްރީތު އާއި ސާރާ އަލީ ޚާން ވެސް މަސްތުވާތަކެތި ބޭނުން ކުރި ކަމަށް ބުނެފައެވެ.

މި މައްސަލައިގެ ތަހުގީގަށް ސާރާ އާ ސުވާލުކޮށްފައިވާއިރު، ސާރާ ވަނީ ސުޝާންތު އާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް އެއްބަސްވެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސާރާ އެންސީބީ ގައި ބުނީ ސުޝާންތު އާއެކު ފުރަތަމަ އޮތީ ރަހުމަތްތެރިކަމުގެ ގުޅުން ކަމަށެވެ. އަދި 2018 ވަނައަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޝޫޓިންގ ތެރެއިން އެމީހުންގެ ގުޅުން އިތުރަށް ގާތްވިއެވެ. އަދި އެގުޅުން ލޯބީގެ ގުޅުމަށް ބަދަލުވެ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެދެމީހުން އެއްކޮށް "ކޮށް ސަމޫއީ" އަށް ޗުއްޓީ ހޭދަ ކުރުމަށް ވެސް ދިޔަ ކަމަށް ސާރާ ބުނެފައި ވެއެވެ.

ސުޝާންތު އާ ރުޅިވީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށް ސާރާ ބުނެފައިވާއިރު، ރުޅިވި ސަބަބަކަށް ސާރާ ބުނެފައިވަނީ ސުޝާންތު އޭނާ އަށް ބޭވަފާތެރިވުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ރުޅިވާން ޖެހުނީ އެތައް ފަހަރެއްގެ މަތިން ވެސް އެކަން ތަކުރާރު ކުރުމުންނެވެ.

މީގެ އިތުރުންވެސް ގުޅިގެން އުޅުނު އިރު ސުޝާންތު އަކީ ވަރަށް "ޕޮސެސިވް" މީހެއްގެ ގޮތުގައި ސާރާ ވަނީ ސިފަކޮށްފައެވެ. އެގޮތުން ސުޝާންތު ސާރާއަށް ބައެއް ބޮޑެތި ފިލްމުތައް ހޯދައިދީ ސޮއި ކުރުމަށް ބާރު އަޅާ ކަމަށް ސާރާ ބުނެފައިވެއެވެ. ނަމަވެސް އެއީ ސާރާ އަށް ވާނެ ކަމެއް ނޫން ކަން އޭނާ ފާހަގަކުރިއެވެ.

ސުޝާންތު އާ އެކީ މަސްތުވާތަކެތި ބޭނުން ކުރި ކަމަށް ސާރާ ވަނީ އިންކާރު ކޮށްފައެވެ. ސާރާ ބުނެފައި ވަނީ ދެ މީހުން އެކުގައި ސިގިރޭޓު ބުއި ކަމަށާއި ނަމަވެސް އެއްވެސް ކަހަލަގެ މަސްތުވާ އެއްޗެއް ބޭނުން ނުކުރާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!