ދުނިޔެ

ގިނަ އަހަރުތަކެއް ވަންދެން ޓްރަމްޕް ޓެކްސް ނުދައްކާ ހުރި މައްސަލައެއް ފެންމަތިވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގިނަ އަހަރުތަކެއް ވަންދެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓެކްސް ނުދައްކާ ހުންނެވި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

Ads by Sosun Fihaara

ނިއު ޔޯކް ޓައިމްސް ގައި ބުނެފައިވާ ގޮތުގައި ޓްރަމްޕް ޓެކްސް ނުދައްކާ ހުންނަވާތާ މިހާރު 10 ވަރަކަށް އަހަރު ވެއްޖެއެވެ.

ބިލިއަނަރެއް ކަމުގައިވާ ރައީސް ޓްރަމްޕް 2016 ވަނަ އަހަރުގައާއި 2017 ވަނަ އަހަރު، ޓެކްސް ގެ ގޮތުގައި ދައްކާފައިވަނީ އެންމެ 750 ޑޮލަރެވެ.

ނިއުޔޯކް ޓައިމްސް އިން ބުނެފައިވާ ގޮތުގައި މިހާލަތަށް ކަންތައް ދިޔައީ ޓްރަމްޕްގެ ކުންފުނިތަކަށް އާމްދަނީ ނުލިބި ބޮޑެތި ލޯނުތަކެއް ނަގާފައި ވާތީ ކަމަށެވެ. އެހެންކަމުން ޓެކްސް ދައްކާފައިވަނީ އެމެރިކާގެ ރައީސް ކަމަށް ވަޑައިގެންނެވި 2016 ވަނަ އަހަރުގައާއި ދައުރުގެ ފުރަތަމަ އަހަރު އެކަނި ކަމަށް ވެސް އެނޫހުން ވަނީ ބުނެފައެވެ.

ޓްރަމްޕަކީ ގިނަ ކުންފުނިތަކެއް ހިންގަވާ، ކާމިޔާބު ވިޔަފާރިވެރިއެކެވެ. ނަމަވެސް ޓެކްސް ދެއްކި ދެ އަހަރުގައި ވެސް ދައްކަވާފައި ވަނީ އެންމެ 750 ޑޮލަރެވެ.

ނިއުޔޯކް ޓައިމްސް ގެ ރިޕޯޓުން ބުނެފައިވާ ގޮތުގައި ވެރިކަމަށް އަރައިވަޑައިގަތުމުގެ ކުރިން ވެސް ރައީސް ޓްރަމްޕް ޓެކްސް ދައްކާފައެއް ނުވެއެވެ. އެގޮތުން އާމްދަނީއަށް ލިބޭ ފައިސާއިން ބައެއް ޓެކުހަށް ދައްކަން ޖެހޭއިރު، ވެރިކަމާއި ހަވާލުވެ ވަޑައިގަތުމުގެ 10 އަހަރު ކުރިން ވެސް އެފައިސާ ނުދައްކާކަން އެރިޕޯޓުން ވަނީ ފާހަގަ ކޮށްފައެެވެ.

މިލިޔެކިޔުންތަކުން ހާމަވާގޮތުން ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ދައްކާ ޚަލާސްކުރަންޖެހޭ 300 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ރައީސް ޓްރަމްޕް ވަނީ ނަންގަވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!