ދުނިޔެ

ހިތްދަތި ހާދިސާއެއް: ފަރުވާ ދިނުމަށް އެތައް ހޮސްޕިޓަލަކުން ދެކޮޅުހެދި މީހެއްގެ އެއްމާބަނޑު ދެކުދިން މަރުވީ ބަނޑުތެރެއަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ކެރެލާގެ މާބަނޑު އަންހެނަކަށް އެތައް ހޮސްޕިޓަލަކުން ފަރުވާ ދިނުމަށް ދެކޮޅު ހެދުމުން ފަރުވާ ނުލިބުނު އަންހެނެއްގެ ބަނޑުތެރެއަށް އެއްމާބަނޑު ދެކުދިން މަރުވެއްޖެއެވެ.

Ads by Sosun Fihaara

ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި 20 އަހަރުގެ ޝެހްލާ ތަސްނީ ނަމަކަށް ކިޔާ މި އަންހެން މީހާ ވިހަން ބަނޑުގައި ރިއްސަން ފެށުމުން 3 ހޮސްޕިޓަލަކަށް ފަރުވާ ހޯދަން ގޮސްފައިވެއެވެ.

އެގޮތުން މި އަންހެން މީހާ އޭނާގެ ފިރިމީހާއާއެކު ފަރުވާ ހޯދަން އެންމެ ފުރަތަމަ ދިޔައީ މަންޖޭރީ މެޑިކަލް ކޮލެޖު ނަމަކަށް ކިޔާ ހޮސްޕިޓަލަކަށެވެ. ނަމަވެސް އެ ހޮސްޕިޓަލުން ކޮވިޑް-19ގެ ދުވަސްވަރު ކަމުން އެ ހޮސްޕިޓަލުން ފަރުވާ ދެވެން ނެތްކަމަށް ބުނެ އެމީހުން ވަނީ ފޮނުވާލާފައެވެ. އެ ހޮސްޕިޓަލުން ފަރުވާ ދޭން ދެކޮޅު ހެދުމުން ސަރުކާރުގެ ހޮސްޕިޓަލެއް ކަމަށްވާ "ކޮއްޓައްޕާ ރަންބާ"އަށް އެމީހުން ދިޔައެެވެ. އެހެންނަމަވެސް އެ ހޮސްޕިޓަލުގައި އަންހެނުންނާ ބެހޭ ޚާއްސަ ޑޮކްޓަރެއް ނެތް ކަމަށް  ބުނެ އެ ހޮސްޕިޓަލުން ވެސް ވަނީ އެމީހުނަށް ފަރުވާ ދިނުމަށް ދެކޮޅު ހަދާފައެވެ.

ތިންވަނަ ހޮސްޕިޓަލަކަށް ވެސް ޝެހްލާ އާއި އޭނާގެ ފިރިމީހާ ދިޔައީ ފަރުވާ ލިބޭނެ ކަމުގެ އުއްމީދާއެކުގައެވެ. ނަމަވެސް އެހޮސްޕިޓަލުން ވެސް ފަރުވާ ދިނުމަށް ދެކޮޅު ހެދީ، ފަރުވާ ދެވޭނީ ކޮވިޑް-19ގެ ޓެސްޓު ހަދައި އެ ޓެސްޓުގެ ނަތީޖާ ނައްސި ވުމުން ކަމުގައި ބުނެފައެވެ. ހަތަރުވަނަ ހޮސްޕިޓަލުން ވެސް އެމީހުންނަށް ފަރުވާ ދިނުމަށް ހެދީ ދެކޮޅެވެ.

އެހެންކަމުން 5 ވަނަ ހޮސްޕިޓަލަކަށްވެސް އެމީހުން ދިޔައެވެެ. މާޔޫސްވެފައިވާ ހާލު އެހީތެރި ވެދޭނެ މީހަކުވޭތޯ، ފަރުވާ ދޭނެ ހޮސްޕިޓަލެއް ލިބޭތޯ ހިތާހިތާ ދުޢާ ކުރަމުންނެވެ. އެގޮތުން 5 ވަނަ އަށް އެމީހުން ދިޔައީ " ކޮޒިކޯޑް މެޑިކަލް ކޮލެޖް" ނަމަކަށް ކިޔާ ހޮސްޕިޓަލަކަށެވެ. އެ ހޮސްޕިޓަލުން ޝެހްލާއަށް ފަރުވާ ދިނުމަށް އެއްބަސް ވިއެވެ. ނަމަވެސް ވިއްސަން ބެލި އިރު ޝެހްލާގެ ބަނޑުގައިވާ އެއްމާބަނޑު 2 ކުދިން ވެސް ވަނީ މަރުވެފައެވެ.

ޝެހްލާގެ ފިރިމީހާ ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ހުއްޓާނުލާ 14 ގަޑިއިރު ވަންދެން އެމީހުން ފަރުވާދޭނެ ހޮސްޕިޓަލެއް ފެނޭތޯ މަސައްްކަތް ކުރިކަމަށެވެ. އެގޮތުން ފަތިހު 4:30ގައި އެމީހުން މަސައްކަތް ފެށި ނަމަވެސް ފަރުވާ ލިބުނީ އިރުއޮއްސި 6:30 ހާއިރު ކަމަށް އޭނާ ބުނެފައި ވެއެވެ.

ޝެހްލާގެ ހާލު މިހާރު ވަރަށް ސީރިއަސް ކަމަށާއި މިހާރު އޭނާއަށް ދަނީ ސަރުކާރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ކަމަށް މީޑިއާތައް ބުނެއެވެ.

ޝެހްލާއަށް ފަރުވާ ދިނުމަށް ދެކޮޅު ހެދި ހޮސްޕިޓަލުތަކާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް އިންޑިއާގެ ސަރުކާރުން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!