ދުނިޔެ

ކުވައިތުގެ އަމީރު ޝައިޚް ޞަބާޙް ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވައިފި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ކުވައިތުގެ އަމީރު ޝައިޚް ޞަބާޙް އަލްއަޙްމަދު އައްޞަބާޙް ދެމިއޮތުމުގެ ޢާލަމަށް މިއަދު ދަތުރުކުރައްވައިފިއެވެ.

Ads by WAMCO

އުމުރުފުޅުން 91 އަހަރުގެ އަމީރު ޝައިޚް ޞަބާހް ދުނިޔެ ދޫކުރި ޚަބަރު އަމީރު އޮފީހްގެ ޑެޕިޔުޓީ މިނިސްޓަރ ޢަލީ އަލްޖައްރާޙް ވަނީ ކުވައިތު ޓީވީއިން މިއަދު އިޢުލާން ކޮށްފައެވެ.

އަމީރު ޞަބާޙް ވަނީ ޖުލައި މަހު 18 ވަނަ ދުވަހު މެޑިކަލް ޗެކްއަޕެއް ހެދުމަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ. އަދި އޭގެ އެއް ދުވަސް ފަހުން އެމަނިކުފާނުގެ ސާޖަރީއެއް ވަނީ ކޮށްފައެވެ. އޭގެ ފަހުން ޖުލައި 23 ވަނަ ދުވަހު އެމަނިކުފާނު ވަނީ އިތުރު ފަރުވާއަށް އެމެރިކާއަށް ގެންގޮސްފައެވެ.

އަމީރުގެ ބައްޔާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެމަނިކުފާނުގެ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ. އަމީރު ނިޔާވުމާ ގުޅިގެން ކުވައިތުން ވަނީ ގައުމީ ހިތާމައިގެ ތިން ދުވަސް އިއުލާން ކޮށްފައެވެ.

އަމީރު ޞަބާޙް މަގާމާ ހަވާލުވެ ވަޑައިގަތީ 29 ޖެނުއަރީ 2006 ގައެވެ. އެމަނިކުފާނަކީ ކުވައިތުގެ ކުރީގެ ވެރިޔާ އަޙުމަދު ޞަބާޙް އަލްޖާބިރުގެ ހަތަރު ވަނަ ދަރިކަލުންނެވެ. އަމީރު ޞަބާޙްގެ އަނބިކަނބަލުން ފާތިމަތު ބިންތު ސަލްމާން ވަނީ 1990 ވަނަ އަހަރު ނިޔާވެފައެވެ. އެމަނިކުފާނަށް ތިން ދަރިކަލުންނާއި އެއް ދަރިކަނބަލަކު ލިބިވަޑައިގެންނެވިއެވެ. އޭގެ ތެރެއިން ދަރިކަނބަލުންނާއި ދަރިކަލެއް ވަނީ ދުނިޔެ ދޫކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!