ﷲގެ ހަޟްރަތުގައި ދަންނަވާ، ރައީސް ސޯލިހް މަގާމުން ދުރުކުރަން މަސައްކަތް ކުރަން ޖެހޭ: އަދުރޭ
ﷲގެ ހަޟްރަތުގައި އެކަމަށް ދަންނަވާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުން ދުރުކުރަން މަސައްކަތް ކުރަން ޖެހޭކަމަށް ޕީއެންސީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ މިއަދު ހަވީރު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އަދުރޭ ވަނީ މިއީ ސަމާސާއަކަށް ދައްކާ ވާހަކައެއް ނޫން ކަމަށް ވިދާޅުވެފައެވެ. ރާއްޖޭގެ ހާލަތު އެއަށްވުރެ ސީރިއަސްވެއްޖެ ކަމަށާ މިއީ އެއްވެސް ހާލެއްގައި ސިޔާސީ ގޮތުން ނުވަތަ ވެރިކަން ބޭނުންވެގެން ދައްކާ ވާހަކައެއް ވެސް ނޫންކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ހުރިހާ ކަމެއް ﷲގެ ހަޟްރަތުގައި ދެންނެވުމުން ނުފުދޭނެ ކަމަށެވެ. އަދި ސަބަބުތަކުގައި ހިފައި އަމަލުތަކުން ވެސް އެކަން ދައްކަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
އަބްދުއްރަހީމްގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރަށާއި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ރާއްޖޭގައި މިއަދު ކަން ހިނގާ ގޮތަށް ކަން ކަން ގޮސްފިނަމަ ދިވެހިންގެ ކަރަށް ރާ އަޅަން މާދަމާ ވެސް ބަޔަކު އަތުވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ބައެއް ދިވެހިން ޝަހީދު ހުސެއިން އާދަމަށާއި، ބޮޑުތަކުރުފާނު ފަދަ ގައުމީ ބަތަލުންނަށް މަލާމާތް ކުރަމުންދާކަން ފާހަގަ ކުރައްވާ އަދުރޭ ވިދާޅުވީ އެފަދަ ބަތަލުންނަށް މަލާމާތް ނުކުރާނަމަ، ގައުމުގެ ދިފާއުގައި ނުކުންނާނެ ކަމަށާއި ރައީސް ސޯލިހާއި ދެކޮޅަށް ނުކުންނަން ޖެހޭ ކަމަށެވެ.
އާން