ރާހުލް ގާންދީއާއި ޕްރިޔަންކާ ގާންދީ ހައްޔަރުކޮށްފި
ގންގަކުން ރޭޕްކޮށް މިދިޔަ ބުދަ ދުވަހު އިންޑިއާގެ އަންހެން ކުއްޖާގެ އާއިލާއާ ބައްދަލު ކުރަން ދަނިކޮށް އެގައުމުގެ އިދިކޮޅު ޕާޓީ ، ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީއާއި އޭނާގެ ކޮއްކޮ ޕްރިޔަންކާ ގާންދީ ހައްޔަރު ކޮށްފިއެވެ.
އިންޑިއާގެ މީޑިއާތައް ބުނާ ގޮތުގައި ރާހުލްއާއި ޕްރިޔަންކާ ހައްޔަރު ކުރީ ދިއްލީއިން އުއްތަރަ ޕްރަދޭޝްއަށް ދަތުރުކުރާ ހައިވޭއިންނެވެ. ވެހިކަލް ހުއްޓުވުމުން އެ ދެމީހުން ސަޕޯޓަރުންނާއެކު ހިނގާފައި ދިޔަ ނަމަވެސް ފުލުހުން ވަނީ އެ ދެ މީހުން ހައްޔަރުކޮށް ދިއްލީއަށް ގެންގޮސްފައިކަމަށް މީޑިއާތައް ބުނެއެވެ.
ރާހުލްއާއި ޕްރިޔަންކާ ހައްުޔަރު ކުރުމުގެ ތެރޭގައި ފުލުހުންނާ ދެމެދު ހިނގި ދެބަސްވުންތަކުގެ ތެރޭގައި ރާހުލް ވަނީ ކޯފާ އިސްކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ، އެގޮތުން އޭނާ ހައްޔަރު ކުރަނީ ކޮން ކަމެއްގެ މައްޗަށް ބިނާކޮށްތޯ ސުވާލު ކުރެއްވިއެވެ. އަދި މަގުމަތީގައި ހިނގުމުގެ ހައްގު އޮތީ ހަމައެކަނި ބޮޑުވަޒީރު މޯދީއަށްތޯ ރާހުލް ސުވާލު ކުރެއްވިއެވެ.
އުއްތަރަ ޕްރަދޭޝްގެ ހަތުރަސްގައި ހިނގި ރޭޕް ކޭސްގައި އަންހެން ކުއްޖާ ރޭޕް ކޮށްފައިވަނީ އެ ސަރަހައްދުގެ މަތީ ފަންތީގެ އާއިލާއަކުން ކަމަށް އާންމުންނާއި މީޑިއާ ތުހުމަތު ކުރެއެވެ. އެހެން ނަމަވެސް އެމީހުން ހައްޔަރު ނުކުރެވި އަންހެން ކުއްޖާއަށް އިންސާފު ނުލިބިދާތީ އުއްތަރަ ޕްރަދޭޝްގައި ދަނީ މުޒާހަރާ ކުރަމުންނެވެ. 14 ސެޕްޓެމްބަރުގައި ހިނގި މި ރޭޕް ކޭސްގައި އަންހެން ކުއްޖާއަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އެގޮތުން ޕެރެލައިޒްވެ ކަރަށް ގެއްލުންވެ ނޭވާލާން އުނދަގޫވިއެވެ. އަދި ހަށިގަނޑުގެ އެތައް ތަނެއްގައި ރެދުލާފައި ވެއެވެ.