އެމްޑީޕީގެ ކެންޕެއިން މެނޭޖަރަކަށް މުޙައްމަދު އިބްރާހީމް
އޭޕްރީލް 4ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޕެއިން މެނޭޖަރަކަށް ގަލޮޅު އުތުރުދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު އިބްރާހީމް ހަމަޖައްސައިފިއެވެ.
އެމްޑީޕީން ވަނީ މި ކެންޕެއިންގައި އިސްކޮށް މަސައްކަތްކުރާނޭ އެހެން މަގާމުތަކަށް ވެސް ބޭފުޅުން ޢައްޔަންކޮށްފައެވެ. އެ ގޮތުން ޑެޕިއުޓީ މޭޖަރުންނަށް ހަމަޖައްސައިފައި ވަނީ ހުޅުމާލެ ދާއިރާ ކުރީގެ، މަޖިލިސް މެންބަރު ޢަލީ ނިޔާޒާއި ދާންދޫ ދާއިރާގެ ކުރީގެ ،މަޖިލިސް މެންބަރު ޔައުގޫބް ޢަބުދުﷲ އަދި އެ ޕާޓީގެ ގާނޫނީ ކޮމެޓީގެ މެންބަރު އައިކް އަޙްމަދު އީސާއެވެ.
މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެންޕެއިން ތަރުޖަމާނަކަށް ދިއްދޫ ދާއިރާގެ ކުރީގެ، މަޖިލިސް މެންބަރު ޢަބުދުﷲ ވަހީދު ވަނީ ހަމަޖައްސައިފައެވެ. އަދި އޭނާގެ ނައިބަކަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު ޙުސައިން ޙަސަން ވަނީ ހަމަޖައްސައިފައެވެ.
އެމްޑީޕީން ވަނީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އެ ޕާޓީން ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ޕްރައިމަރީއެއް ބާއްވައިފައެވެ. މި މަހުގެ 16ވަނަ ދުވަހު ބޭއްވި މި އިންތިޚާބުގައި އެންމެ ފޯރިގަދަ ކެންޕެއިނެއް ފެނުނު މާލޭ މޭޔަރއަށް ވާދަކުރާނެ ކެނޑިޑޭޓަކަށް ހޮވުނީ މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމެވެ.

