ޚަބަރު

އަދީބަށް 20 އަހަރުގެ އަދަބެއް؟ ހުކުމް އިއްވުން މިއަދު ހަވީރު!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާއަށް ހުކުމް އިއްވުން މިއަދު ހަވީރަށް ތާވަލު ކޮށްފިއެވެ.

Ads by MWSC

އެގޮތުން ކްރިމިނަލް ކޯޓުގައި އެއަޑުއެހުން ބޭއްވުމަށް ތާވަލު ކޮށްފައިވަނީ މިއަދު ހަވީރު 6:00 ގައެވެ. ހުކުމް ކުރުމުގެ އަަޑުއެހުން އެގަޑިއަށް ތާވަލު ކޮށްފައި މިވަނީ މިއަދު ހެނދުނު ވެސް މިމައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ފަހުގައެވެ.

މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އަދީބާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން ހަތް ދައުވާއަށް އަންނާނެ އަދަބުތައް ތަފްސީލްކޮށް ކިޔައިދެއްވާފައެވެ.

ކުރީގެ ނައިބު ރައީސް ކުށަށް އިއުތިރާފުވެފައިވާތީ ދެއްވާ ލުޔެއްގެ ގޮތުން ކޯޓުން ވަނީ ކޮންމެ ދައުވާއެއްގައިވާ ކުށަށް ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ އަސާސީ އަދަބު، ހާލަތާއި ކުށްކޮށްފައިވާ ގޮތަށް ބަލާ ދަރަޖަ މަތިކުރަން ޖެހޭ ދައުވާތަކަށް މަތިކުރުމަށް ފަހު އެއް ދަރަޖަ ތިރިކޮށްފައެވެ.

އަދީބުގެ މައްޗަށް ކޮށްފައިވާ ހަތް ދައުވާއަށް އަންނަ އަދަބުތަކަކީ:

▪︎ ޚިޔާނާތުގައި ބައިވެރިވުމުގެ ދައުވާ: ހަތަރު އަހަރާއި ނުވަ މަހާއި ދެ ދުވަސް

▪︎ ޚިޔާނާތުގައި ބައިވެރިވުމުގެ ދައުވާ: ދެ އަހަރާއި ހަތަރު މަހާއި 24 ދުވަސް

▪︎ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުން: ހަ މަސް ދުވަހަށް ޖަލަށް

▪︎ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުން: ތިން މަސް ދުވަހަށް ޖަލަށް

▪︎ މަނީ ލޯންޑާކުރުން: ފަސް އަހަރާއި 11 މަހާއި ހަ ދުވަހަށް ޖަލަށް ލުމާއި އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުން

▪︎ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުން: އެއް މަހާއި 15 ދުވަހަށް ޖަލަށް

▪︎ މަނީ ލޯންޑާކުރުން: ފަސް އަހަރާއި 11 މަހާއި 12 ދުވަހަށް

މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި އަދީބު ވިދާޅުވީ އެމަނިކުފާނު ހުންނެވީ އެއެއްބަސްވުމުގައިވާ ގޮތުގެ މަތިން ކުރިއަށް ދާން ކަމަށާއި މިހާރު ވެސް ދައުލަތަށް އެއްބާރުލުން ދެމުންދާ ކަމަށެވެ. އަދި ބައެއް ހެކިތައް ވެސް ފޯރުކޮށްދީފައިވާނެ ކަމަށާއި އެކަންކަމަށް ރިއާޔަތްކޮށް ދިނުމަށް އަދީބު އެދިލެއްވިއެވެ.

އެއެއްބަސްވުމުގައި ގޮތުގެ މަތިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވިއްސަކަށް އަހަރުގެ ޖަލު ހުކުމެއް އާދެއެވެ. އަދި މިމައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އަދީބުގެ މައްޗަށް ކުށް ސާބިތުވާނެ ކަމަށާއި އަދަބު ކަނޑައަޅައި، ހުކުމް ކުރުމުގެ އަޑުއެހުން މިއަދު ހަވީރު ބާއްވާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!