ޚަބަރު

އަދީބު 20 އަހަރަށް ޖަލަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން، ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ޢަބްދުލްޣަފޫޜުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހަތް ދައުވާގެ މައްސަލައިގައި އެމަނިކުފާނު 20  އަހަރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.

Ads by MWSC

އަދީބުގެ މައްޗަށް ހުކުމް އިއްވުމުގެ ޝަރީޢަތް އޮތީ މިއަދު 18:00 ގައެވެ. ނަމަވެސް އެޝަރީޢަތް ފެށިފައިވަނީ 18:40 ހާއިރުއެވެ. ގާތްގަނޑަކަށް ދެ ގަޑިއިރު ހޭދަވި މިޝަރީޢަތުގައި މައްސަލަ ބެއްލެވި ގާޒީ ވަނީ އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހަތް ދައުވާ ތަފްސީލު ކޮށްދެއްވާ އޭގެ ކޮންމެ ދައުވާ އަކަށް ހުކުމް އިއްވާފައެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ދައުވާތަކާއި ހުކުމްތައް:

1- ޚިޔާނާތުގައި ބައިވެރިވުމުގެ ދައުވާގެ ހުކުމް: 4 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށް
2- ޚިޔާނާތުގައި ބައިވެރިވުމުގެ ދައުވާގެ ހުކުމް: 2 އަހަރާއި 4 މަހާއި 24 ދުވަހަށް ޖަލަށް
3- މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިން ކަމުގެ ދައުވާގެ ހުކުމް: 6 މަސް ދުވަސް
4- ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރިކަމުގެ ދައުވާގެ ހުކުމް : 3 މަސް
5- މަނީ ލޯންޑާކުރުމުގެ ދައުވާގެ ހުކުމް: 5 އަހަރާއި 11 މަހާއި 21 ދުވަހަށް ޖަލަށްލުމާއެކު 1 މިލިއަން ރުފިޔާގެ ޖޫރިމަނާއެއްކޮށް އެފައިސާ އެއްމަސް ދުވަސް ތެރޭގައި ދައުލަތަށް ދެއްކުން
6- މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިންކަމުގެ ދައުވާގެ ހުކުމް: 1 މަހާއި 15 ދުވަސް
7- މަނީ ލޯންޑާކުރުމުގެ ދެވަނަ ދައުވާގެ ހުކުމް: 5 އަހަރާއި 11 މަހާއި 21 ދުވަހަށް ޖަލަށްލުމާއި 1 މިލިއަން ރުފިޔާގެ ޖޫރިމަނާ އެއް މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުން

މިއަދު މިބޭއްވުނު ޝަރީޢަތުގައި އަދީބު 20 އަހަރު ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފައިވާއިރު، އެއްމަސް ދުވަސް ތެރޭގައި ދައުލަތަށް 2 މިލިއަން ރުފިޔާ ދެއްކުމަށް ވެސް ވަނީ ހުކުމް ކޮށްފައެވެ.

ޝަރީޢަތް ނިންމަވާލައްވަމުން މިމައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ ވަނީ އަދީބަށް ނަސޭޙަތުގެ ބަސްކޮޅެއް އިއްވާފައެވެ. އެގޮތުން ގާޒީ ވިދާޅުވީ އަދީބަކީ ޒުވާނަކަށް ވެފައި، އެފަދަ ބޮޑު މަގާމެއް ލިބުނު ގޮތް ހަނދުމަފުޅު ކުރެއްވުމަށެވެ.
"އެމަގާމުގައި ހުރިއިރު އެހީތެރިވެދިން ފަރާތްތަކުގެ މަތިން ހަނދާން" ކޮށްލުމަށާއި އަދި "މިއަދު އަޅާލާނެ އެއްވެސް މީހަކު ނެތް" ކަމަށާއި "ނަފްސު ވިއްކާލައިގެން އެއްވެސް މީހަކަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ" ކަމަށް ގާޒީ ވަނީ ވިދާޅުވެ އަދީބު އަށް ނަސޭޙަތް ދެއްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!