ޚަބަރު

މާލެއިން މާއުނގޫދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މާލެއިން ށ. މާއުނގޫދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

Ads by PNC

ފުލުހުންގެ ޚިދުމަތުން ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާރިޗު 30ވަނަ ދުވަހު އެރަށު ބަނދަރުމަތިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 48 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މާއުނގޫދޫގައި ގާއިމުވެތިބޭ ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި އަތުލައިގަނެފައި ވަނީ އެރަށު ނިރޮޅުގޭ، އަޙްމަދު ނަޢީމެވެ. އޭނާ ހުއްޓުވައި ހަށިގަނޑާއި ތަކެތި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ބާވަތެއް އަޅާފައިވާ ފަސް ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ކުރިއަށްގެންދިއުމަށްޓަކައި 10 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance