ބޮލީވުޑް މުނިފޫހިފިލުވުން

ކަފާލާތުގެ ދަށުން ރިއާ މިނިވަންވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޖޫން މަހު މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތަށް މަސްތުވާތަކެތި ހޯދައިދީ، އެ ބޭނުންކުރަން މަގުފަހިކޮށްދޭން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބޮތީ ކަފާލާތުގެ ދަށުން ޖަލުން ދޫކޮށްލައިފިއެވެ.

Ads by Sosun Fihaara

ބޮމްބޭ ހައި ކޯޓުން ވަނީ ރިއާގެ މައްޗަށް 1 ލައްކަ ރުޕީސް ދެއްކުމަށް ހުކުމްކޮށްފައެވެ. މިއަދަދުގެ އިތުރުން ވެސް ރިއާ ދޫކޮށްލާފައި ވަނީ އިތުރު 5 ޝަރުތެއްގެ މަތިންނެވެ.

ކަފާލާތުގެ ދަށުން ރިއާ ދޫކޮށްލާފައިވީ ނަމަވެސް ރިއާ އާއެކު މި ކޭސްގައި އިތުރަށް ހައްޔަރުކުރި އޭނާގެ ބޭބެ ޝޮވިކް އާއި އަބެލް ބާސިތު ދޫގެ ކަފާލާތު ކޯޓުން ގަބޫލު ކޮށްފައެއް ނުވެއެވެ.

ރިއާ ޖަލުން ދޫކޮށްލާފައިވީ ނަމަވެސް މިނިވަންވުމަށް ފަހު ހޭދަވާ ފުރަތަމަ 10 ދުވަހު އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަން އަކަށް ހާޒިރުވުމަށް ކޯޓުން ވަނީ ރިއާގެ މައްޗަށް އަމުރުކޮށްފައެވެ. އޭނާގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައިވާއިރު، މުމްބާއީ އިން ބޭރަށް ދާނަމަ އެކަން ޕޮލިހަށް އަންގަން ޖެހޭނެއެވެ.

ނާކޮޓިކްސް ބިއުރޯ އިން ރިއާ ހައްޔަރުކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެންސީބީ އަށް ދިން ބަޔާންތަކުގައި ރިއާ ވަނީ ސުޝާންތަށް މަސްތުވާތަކެތި ހޯދައިދޭން މަސައްކަތްތައް ކުރި ކަމަށާއި އޭނާގެ ކޮއްކޮ މެދުވެރިކޮށް އެފަދަ މުއާމަލާތްތައް ހިންގާ ބައެއްގެ މަސްތުވާތަަކެތި ސަޕްލައިކުރުވާފައި ކަމަށެވެ. އަދި 2018 އިން ފެށިގެން ސުޝާންތަކީ މަރުޖުއާނާ އަށް އެޑިކްޓްވެފައިވާ މީހެއް ކަމަށާއި އެކަން ހުއްޓުވަން މަސައްކަތްކޮށްފައިވާ ކަމަށް ރިއާ ބުނެފައިވެއެވެ. ނަމަވެސް ސުޝާންތު މަޖުބޫރު ކޮށްގެން އަމިއްލަ އަށް ވެސް މަސްތުވާތަކެތި ބޭނުންކުރި ކަމަށް ރިއާގެ ބަޔާންތަކުގައި ބުނެފައިވެއެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!