ބޮލީވުޑް މުނިފޫހިފިލުވުން

މިކަމުން ދަރިފުޅު ހަމަޖެހޭނެ ގޮތެއް ނޭނގެ، އެކަމަކު އަހަރުމެން ތެރަޕީ ދޭނަން: ރިއާގެ މަންމަ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މުމްބައި: މަސްތުވާތަކެތީގެ މައްސަލައިގައި ބައިކުއްލާ ޖަލުގައި 28 ވަރަކަށް ދުވަސް ހޭދަ ކުރުމަށްފަހު، ކަފާލާތުގެ ދަށުން ރިއާ ޗަކްރަބަތީ މިނިވަންވުމުން، ފުރަތަމަ ފަހަރަށް އޭނާގެ މަންމަ މީޑިއާތަކަށް އިންޓަވިއުއެއް ދީފިއެވެ.

ރިއާގެ މަންމަ ސަންދްޔާ ޗަކްރަބަތީ ބުނީ، އެމީހުންގެ ދަރިފުޅު އެނބުރި ގެއަށް އައުމުން އިންތިހާއަށް އުފާވާ ކަމަށާއި ރިއާގެ ބައްޕަ ވެސް ހުރީ ވަރަށް އުފަލުން ކަމަށެވެ.

ނަމަވެސް ސަންދްޔާ ބުނީ މިކަންތައްތަކުގެ ސަބަބުން ރިއާ އަށް ފުން އަސަރެއް ކޮށްފައިވާ ކަމަަށެވެ.

"މިކަމުން އޭނާ ހަމަޖެހޭނެ ގޮތެއް ނޭނގެ. އެކަމަކު އޭނާއަކީ ހިތްވަރުގަދަ ކުއްޖެއް. އަހަރުމެން އޭނައަށް ތެރަޕީ ދޭނަން" ރިއާގެ މަންމަ ބުނެފައިވެއެވެ.

ސަންދްޔާ ބުނީ ކުރީގެ އާއްމު ދިރިއުޅުމަށް އަލުން ރިއާ ގެންދިޔުމަށް ވަގުތު ނަގާނެ ކަމަށެވެ. ނަމަވެސް ތެރަޕީ ދީގެންނާއި ކުރެވުނު ކަމެއް ކޮށްގެން ރިއާގެ ދިރިއުޅުން އަލުން އުޖާލާ ކުރެވޭތޯ ބަލާނެ ކަމަށް ބުނެފައިވެއެވެ.

ކަފާލާތުގެ ދަށުން ރިއާ ޖަލުން ސަލާމަތް ވެފައިވީ ނަމަވެސް، މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރިކަމުގެ ތުހުމަތުގައި ރިއާގެ ބޭބެ ޝޯވިކް ޗަކްރަބަތީ އަދިވެސްވީ ޖަލުގައެވެ.

"ރިއާ އެނބުރި ގެއަށް އައުމުން އުފާވެރިކަން ލިބުނަސް، މިބިރުވެރި ހުވަފެން އަދިވެސް ނުނިމޭތީ ދެރަވޭ. އަހަރެންގެ ފިރިހެން ދަރިފުޅު އަދިވެސްވީ ޖަލުގައި. އެހެންކަމުން މާދަމާ ވާނެ ގޮތެއް ނޭނގެ" ރިއާ ގެ މަންމަ ސަންދްޔާ ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!