ދޮގު ބަޔާނެއް ދިން ކަމަށް ބުނެ ސުޝާންތުގެ އަވަށްޓެރިއަކާ ދެކޮޅަށް ރިއާ މައްސަލަ ޖައްސައިފި
ދޮގު ބަޔާނެއް ދީފައިވާ ކަމަށް ބުނެ ބޮލީވުޑްގެ އެކްޓަރ ސުޝާންތު ސިންގް ރާޖްޕޫތުގެ އަވަށްޓެރިއަކާއި ދެކޮޅަށް ރިއާ ޗަކްރަބަތީ ފުލުހަށް މައްސަލަ ހުށަހަޅައިފިއެވެ.
މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރިވެސް ކޮށްފައިވާ ކަމުގެ ތުހުމަތުގައި މިދިޔަ މަހު ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ބައިކުއްލާ ޖަލަށް ލީ ރިއާ، އެޖަލުގައި 28 ދުވަސް ހޭދަ ކުރުމަށްފަހު މިހާރު ވަނީ ކަފާލާތުގެ ދަށުން މިނިވަން ވެފައެވެ.
ޖަލުގައި އޭނަ ހުރި ދުވަސް ތަކުގައި ސުޝާންތުގެ އަވަށްޓެރިއެއް ކަމަށްވާ ޑިމްޕަލް ތަވާނީ ބުނެފައި ވަނީ، ސުޝާންތު މަރުވުމުގެ އެއް ދުވަސް ކުރިން ރިއާ އެގެއަށް ގޮސް ބައްދަލު ކޮށްފައިވާ ކަމަށާއި ސުޝާންތު ރިއާ ގެއަށް ލައިދޭން ވެސް ދިޔަ ކަމަށެވެ.
ނަމަވެސް ރިއާ ވަނީ އެވާހަކަތައް ދޮގު ކޮށްފައެވެ. އަދި ދޮގު ޚަބަރު ފެތުރީތީ ޑިމްޕަލް އާއެ ދެކޮޅަށް ރިއާ ވަނީ މައްސަލަ ހުށަހަޅާފައެވެ.
ރިއާގެ ވަކީލު ސަތިޝް މަނޭޝިންޑޭ ވެސް މިހާރުވަނީ މިކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ. ރިއާ އަށް މިފަދައިން ފުރައްސާރަކުރި އެންމެންގެ މައްސަލަތައް ހުށަހަޅާނެ ކަމަށް ވެސް ވަކީލު ބުނެފައިވެއެވެ.
ސުޝާންތު މަރުވެފައި ހުއްޓާ ފެނިފައި ވަނީ ޖޫން މަހުގެ 14 ވަނަ ދުވަހު، ބާންޑްރާގައި އޭނާ ދިރިއުޅޭ ގެއިންނެވެ. އޭނަގެ މަރަށްފަހު ބޮލީވުޑްގައި ވެސް ވަނީ އެތައް މައްސަލަތަކެއް ޖެހި، އެތައް ތަރިންތަކެއް އެމައްސަލަޔަކުގެ ތެރެއަށް ވަދެފައެވެ.
އެގޮތުން ސުޝާންތު ބާކީ ކުރުމުގައި އާލިއާ ބަޓް، ސަލްމާން ޚާން، ކަރަން ޖޯހަރް، ސޯނަމް ކަޕޫރް އަދި މަހޭޝް ބަޓް ވެސް ހިމެނޭ ކަމަށް އަޑު ފެތުރުނުއިރު، ސުޝާންތުގެ މަރާއި ގުޅުނު މަސްތުވާތަކެތީގެ މައްސަލައިގައި ސާރާ އަލީޚާން، ރުކުލް ޕްރީތު ސިންގް، ޝްރައްދާ ކަޕޫރް އަދި ދީޕިކާ ޕަދުކޯން ގެ ނަން ވެސް ވަނީ އައިސްފައެވެ.