ރިއާއަށް މަސްތުވާތަކެތި ހޯދައިދިން މީހާ ހައްޔަރު ކޮށްފި

ބޮލީވުޑްގެ ފިލްމީތަރި ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލައާ ގުޅިގެން ފެންމަތިވި މަސްތުވާތަކެތީގެ މައްސަލައިގައި ބޮޑު ޑްރަގް ޑީލަރަކު ހައްޔަރު ކޮށްފިއެވެ.
ނާކޮޓިކްސް ކޮންްޓްރޯލް ބިއުރޯ (އެންސީބީ) އިން ހައްޔަރު ކޮށްފައިވަނީ ރިގެލް މަހާކަލް ނަމަކަށް ކިޔާ ޑްރަގް ސަޕްލަޔަރަކެވެ. ރިޕޯޓު ތަކުން ބުނެފައިވާ ގޮތުގައި ރިގެލް އަކީ ސުޝާންތުގެ ލޯބިވެރިޔާ ރިޔާ ޗަކްރަބަތީ އާއި އޭނަގެ ބޭބެ ޝޯވިކް ޗަކްރަބަޓީ އަށް ވެސް މަސްތުވާތަކެތި ހޯދައިދިން މީހާއެވެ.
ރިގެލް ހައްޔަރުކުރީ މިއަދު ކަމަށާއި މިވަގުތު އޭނާ ހުރީ އެންސީބީގެ ބެލުމުގެ ދަށުގައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އޭއެންއައި އިން ބުނެފައިވާ ގޮތުގައި ރިއާއަށް ދޭން ރިގެލް މަސްތުވާތަކެތި ހަވާލުކުރީ އެހެން ޑީލަރެއް ކަމަށްވާ އަނުޖް ކޭޝްވާނީ އާއެވެ.
ފިލައިގެން އުޅެނިކޮށް އެންސީބީ އަށް ރިގެލް ހައްޔަރު ކުރެވުނީ ލޯކަންޑްވާލާގައި އޭނާ ދިރިއުޅޭ ގެއިންނެވެ. އެގެއިން ގިނަ އަދަދެއްގެ މަސްތުވާ ތަކެތި ވެސް ހޯދިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ރިގެލްގެ ބަންދުގެ މުއްދަތު ޖެހުމަށް ވަރަށް އަވަހަށް ކޯޓަށް ހާޒިރު ކުރާނެ ކަމަށާއި ނަމަވެސް އޭގެ ކުރިން އޭނާގެ ކުޑަކަމުދާ ތަކެތީގެ ޓެސްޓެއް ވެސް ހަދާނެ ކަމަށް އެންސީބީން ބުނެފައިވެއެވެ.