ވިޔަފާރި

ޕޭޕަލް އިން ބީއެމްއެލް ކާޑު ބޭނުން ނުކުރެވުނީ، ބީއެމްއެލް އިން ޕޭޕަލް ބްލޮކް ކުރުމުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު ޕޭޕަލް އިން ބޭނުން ނުކުރެވެނީ، ބީއެމްއެލް އިން ޕޭޕަލް ބްލޮކް ކޮށްފައިވާތީ ކަމަށް އެބޭންކުން ބުނެފިއެވެ.

Ads by Sosun Fihaara

މިކަން ހާމަކުރަމުން ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާރަކަށް އައިސް ކަސްޓަމަރުންނަށް ނޭނގި ކާޑުގެ ބޭނުން ކޮށްގެން ކުރާ މުއާމަލާތްތައް ގިނަވަމުންދާކަން ފާހަގަވާ ކަމަށާއި އެފަދަ ސައްޙަ ނޫން މުޢާމަލާތްތަކުން ކަސްޓަމަރުންނަށް ރައްކާތެރިކަން ހޯދައި ދިނުމުގެ ގޮތުން ދާދިފަހުން ބީއެމްއެލް އިން ވަނީ ބައެއް ޕޭޕަލް މަރޗަންޓުން ބްލޮކް ކޮށްފައި ކަމަށެވެ.

މިއީ ޢާއްމު އުސޫލުގެ މަތިން ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް ކަމަށާއި ޕާޕަލްގެ ބައެއް މަރޗަންޓުން ބްލޮކް ކުރަންޖެހޭ ހާލަތްތަކުގައި ބްލޮކް ކުރާނެ ކަމަށް ވެސް ބީއެމްއެލުން ވަނީ ބުނެފައެވެ.

މީގެއިތުރުން ބީއެމްއެލުން ބުނީ، އެބޭންކުން މިހާރު ވަނީ ޕޭޕަލްގެ ހުރިހާ މަރޗަންޓުން އަންބްލޮކް ކޮށްފައި ކަމަށެވެ. އެހެންކަމުން ކަސްޓަމަރުންނަށް ބީއެމްއެލް ކާޑުތައް ޕޭޕަލް އެކައުންޓާއި މިހާރު ލިންކު ކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް، ބީއެމްއެލުން ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ސައްޙަ ނޫން މުޢާމަލާތްތައް ހިނގާތޯ ބަލާ، އެފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެބޭންކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ބީއެމްއެލުން ބުނެފައިވެއެވެ. އަދި މަރޗަންޓުން ބްލޮކް ކުރަން ޖެހިއްޖެ ހާލަތެއްގައި ބްލޮކް ވެސް ކުރާނެ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!