އަންނަ ހަފްތާ ނިމޭއިރު ކާޅުގެ މައްސަލަ ކޮޅެއްގައި ޖެހޭނެ: ރޮޒެއިނާ

އުންމީދަކީ އަންނަ ހަފްތާގެ ނިމެންވާއިރަށް އައްޑޫއަށް ދިމާވެފައިވާ ކާޅުގެ މައްސަލައަށް ހައްލެއް ލިބުން ކަމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒެއިނާ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްްގައި ވިދާޅުވީ ޕެސްޓެއްގެ ގޮތުގައި ކާޅު މެރުމަށް ފިޝަރީޒް މިނިސްޓްރީގެ ހުއްދައެއް ބޭނުންވާ ކަމަށާއި މި ހުއްދަ ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އެ މިނިސްޓްރީއަށް ސިޓީ ހުށަހަޅާފައިވާ ކަމަށް އައްޑޫ މޭޔަރު ވިދާޅުވި ކަމަށެވެ.
އަދި ފެށޭ ހަފްތާގެ އާދިއްތަ ދުވަހު އެ ހުއްދަ ދެެއްވާނެ ކަމުގެ ޔަގީންކަން ފިޝަރީޒް މިނިސްޓަރު ޒަހާ ދެއްވާފައިވާ ކަމުގައި ވެސް މެންބަރު ރޮޒެއިނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރޮޒެއިނާ ވިދާޅުވީ، ފިޝަރީޒް މިނިސްޓްރީގެ ހުއްދައާއެކު އެމްއެންޑިއެފްއަށް ހުށަހެޅުމުން، އެމްއެންޑީއެފް އިން ކާޅު މަރައިދޭނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވި ކަމަށެވެ.
"އަޅުގަނޑު އުންމީދު ކުރަން މި އަންނަ ހަފްތާ ނިމެން ވާއިރަށް މިކަން ކޮޅެއްގައި ޖެހޭނެ ކަމަށް" ރޮޒެއިނާ އިތުރަށް ވިދާޅުވިއެވެ.