ދީން

ކުރިމަތިވެފައިމިވާ ހިތާމަވެރި ވަގުތުގައި ދީލަތިވެ، ސަދަގާތް ކުރުން ގިނަ ކުރޭ: ހުތުބާ

ދެން އެމްވީ ، ދެން އޮންލައިން

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ނުރައްކާތެރި، ހިތާމަވެރި ވަގުތުގައި ދީލަތިވެ ސަދަގާތް ކުރުމަށް އަވަސްވެގަތުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

Ads by MWSC

ޝައުބާން މަހުގެ މާތްކަމުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ހުތުބާގައި ބުނެފައިވަނީ ކުރިއަށް ވުރެ ބޮޑަށް ދީލަތިވެ، ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށެވެ. އަދި ހާލުގައި ޖެހިފައިވާ މީހުންނާއި ތިމާގެ އާއިލާ މީހުންނަށް ހޭދަކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދިނުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.

ޝައުބާން މަހުގެ ދުވަސްތައް ހޭދަކުރަމުންދާއިރު، މި މަހަކީ ރަމަޟާން މަހަށް ތައްޔާރުވުމަށް އަންނަ މައްސަރެއް ކަމަށް ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އަދި ޝައުބާން މަހުގެ ހަނދު ފެނުމާއެކު ރަމަޟާން މަހުގެ މާތްކަމާއި އެ މައްސަރުގެ މަތިމަކަން ކޮންމެ މުސްލިމެއްގެ ހިތަށް ވަދެގެންދާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"ޝައުބާން މަހުގެ ހެޔޮ އަމަލުތަކާއި ބަރަކާތް، ކޮންމެ މުސްލިމެއްގެ ހިތަށް ވަދަގެން ދެއެވެ. ބަރަކާތާއި ރަހްމަތުން ފުރިގެންވާ މޫސުމަކަށް ރަމަޟާން މަސް ވާތީ އެވެ. ހިތާއި ގުނަވަންތަކުން ރަމަޟާން މަހުގައި ގަދައަޅައި އަޅުކަން ކުރުމަށް ލިބިދެވޭ ތަމްރީމެއް ކަމުގައި ޝައުބާން މަސް ވާތީއެވެ. އެއީ ޝައިތާނާގެ ކަސްތަޅުތަކުން ތިމާ މިނިވަންވުމަށާއި ހަވާނަފްސުގެ އެދުންތަކުން އެއްކިބާވުމަށާއި ބޭކާރު ވަހުމްތަކާއި ވަސްވާސްތަކުން ދުރުހެލިވެ، ސީދާވުމަށް ލިބޭ ފުރުސަތަކަށް ވާތީ އެވެ." ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ތިމާގެ އުމުރަކީ ކިތައް ދުވަސްކަމެއް އެއްވެސް މީހަކަށް އެނގިގެން ނުވާ ކަމަށާއި ނަމަވެސް އުމުރުގެ ދުވަސްތަކަށް ނިމުމެއް އަންނާނެ ކަމީ ކަށަވަރުވެގެންވާ ކަމެއް ކަމަށެވެ. އަދި އެ ވަގުތު އަންނާނީ ކިހިނެތް ކޮންއިރަކު އަދި ކޮންތާކު ކަމެއް އެއްވެސް މީހަކަށް ނޭނގޭނެ ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.

"މުސްލިމު އަހުންނޭވެ. ވެހޭތާ ފެންނަގާށެވެ. ބުނާފަދައިން ލިބިފައި އޮތް ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ނަސޭހަތްތެރިވަމެވެ. ގައިބާރު ދެރަވުމުގެ ކުރިން ހެޔޮއަމަލު ކުރުމުގައި އަވަދިނެތި އުޅެވޭތޯ މަސައްކަތް ކުރާށެވެ. ހެޔޮކަންތައް އިތުރު ކުރުމަކީ ގަސްދަކާނުލައި ކުރެވޭ ނުރަނގަޅު ކަންކަމުންނާއި ކުދ ފާފައިން މާތްﷲ ސަލާމަތް ކުރެވޭނެ ކަމެކެވެ. މިފަދަ މޫސުމެއްގައި މާތް ނަބިއްޔާ ދައްކަވާފައިވާ ގޮތުގައި ހިފެހެއްޓޭތޯ ބަލާށެވެ." ހުތުބާގައި އިލްތިމާސް ކޮށްފައި ވެއެވެ.

ސުވަރުގެއަށް ދިޔުމަށް މަގުކޮށާ ބަޔަކު ކަމުގައިވާނަމަ ކީރިތި ގުރްއާނާއި ރަސޫލާގެ ސުންނަތަށް އަމަލު ކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. ބަރަކާތާއި ރަހްމަތުގެ ދުވަސްތައް ހެޔޮ ގޮތުގައި ހޭދަކޮށް އިސްލާމް ދީނުގެ ހުކުމްތަކާއި ދަރުސްތައް އަހައި ތިމާގެ އަމިއްލަ ނަފްސު އިސްލާމީ އިލްމުން މުއްސަނދި ކުރުމަށް ވެސް ހުތުބާގައި ވަނީ ނަސޭހަތްތެރި ވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!