ދޯނީގެ ޓީމު ބަލިވުމުން އޭނާގެ އަންހެން ދަރިފުޅު ރޭޕްކޮށްލާނެ ކަމުގެ އިންޒާރު ދީފި

އެކުވެރި އަރަބި އިމާރާތުގައި މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގުގައި ، އިންޑިއާގެ ކުރީގެ ގައުމީ ކްރިކެޓް ކެޕްޓަން މަހެންދުރަ ސިންގު ދޯނީގެ ޓީމު ބަލިވުމުން އޭނާގެ ފަސް އަހަރުގެ އަންހެން ދަރިފުޅު ރޭޕްކޮށްލާނެ ކަމުގެ އިންޒާރުތަކެއް މީސްމީޑިއާގައި ދީފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ލީގުގައި މަހެންދުރަ ސިންގް ދޯނީގެ ޗެންނާއީ ސްޕަރ ކިންގްސް މިދިޔަ އަންގާރަ ދުވަހު ބަލިވީ ކޮލްކަޓާ ނައިޓް ރައިޑާސް އަތުންނެވެ. 10 ލަނޑުން ސްޕަރ ކިންގްސް ބަލިވި މި މެޗަށްފަހު ދަރިފުޅު ރޭޕް ކޮށްލާނެ ކަމުގެ އިންޒާރުތައް ދޯނީގެ އަންހެނުން ، ސަކްޝީގެ އިންސްޓަގްރާމް އެކައުންޓަށް ވެސް ފޮނުވާފައި ވެއެވެ.
މި ހާދިސާއާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމާއި ރުޅިވެރިކަން ވަނީ މީސްމީޑިއާއިން ފެނިގެން ގޮސްފައެވެ.އެގޮތުން ބޮލީވުޑްގެ ކުރީގެ ތަރި އަދި މިހާރު ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ ނަގްމާ ވެސް ވަނީ އޭނާގެ ކަންބޮޑުވުން ޓްވިޓާގައި ހިއްސާކޮށްފައެވެ.
"އަހަރެމެންގެ ގައުމު މިދަނީ ކޮން މިސްރާބަކަށް ، ބޮޑުވަޒީރު! އަހަރެމެންގެ ގައުމަށް މިވަނީ ކިހިނެއް؟" ނަގުމާގެ ޓްވީޓްގައި ބުނެފައި ވެއެވެ.
ރޭޕް ކުރުމާއި އެކަމުގެ އިންޒާރުތައް ދިނުމަކީ އިންޑިއާގައި އާންމު ކަމެކެވެ. ކޮންމެ ދުވަހަކު އެފަދަ އެތަކެއް ހާސް މައްސަލަތަކެއް އިންޑިއާގެ ފުލުސް އޮފީސްތަކަށް ހުށަހެޅެއެވެ. އަދި ލަދުވެތިކަމަށްޓަކައި ފުލުސް އޮފީހަށް ހުށަނާޅާ އެތައް ހާސް މައްސަލަތަކެއް ވާނެ ކަމަށް އިންޑިއާގެ މަދަނީ ޖަމްއިއްޔާތަކުން ބުނެއެވެ.