ދުނިޔެ

ފިރިމީހާގެ އަނިޔާއާ ހެދި ފިލައިގެން ދިޔަ އަންހެނެއްގެ އަދަބަކަށްވީ ބަރަހަނާކޮށްފައި ބޯ ބޭލުވުން

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އަރުނާޗަލް ޕްރަދޭޝް. އިންޑިއާ: ފިރިމީހާ ދެމުން ގެންދިޔަ އަނިޔާތަކުގެ ސަބަބުން އޭނާ ދޫކޮށް އެހެން ފިރިހެނަކާ އެކީ ފިލައިގެން ދިޔަ އަންހެނަކަށް އަދަބު ދީފިއެވެ.

Ads by Sosun Fihaara

މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ އަރްނާޗަލް ޕްރަދޭޝްގައެވެ. އިންޑިއާގެ މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާގައި އަންހެން މީހާ ، ފިރިމީހާއަށް ފިލައިގެން ދިޔައީ ފަސްއަހަރު އެކީ ހޭދަ ކުރި ދިރިއުޅުމުގައި ލިބެމުންދިޔަ އަނިޔާތަކަށް ކެތް ނުވެގެންނެވެ. އެގޮތުން ބަލިވެ އިންދާ ފިރިމީހާ ރުޅިއައިސް ކުރި އަނިޔާތަކުގެ ސަބަބުން ދެފަހަރު ބައިގެން ވެސް ދިޔަ ކަމަށާއި އޭގެން އެއްފަހަރު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދީފައިވާ ކަމަށް ވެސް މީޑިއާތައް ބުނެއެވެ.

އެންމެފަހުން މިދިޔަ ސެޕްޓެމްބަރު މަހު އޭނާ ، އެހެން ފިރިހެނެއްގެ އެހީއާއެކު ފިލައިގެން ދިޔައީ އައްސާމަށެވެ. މިފިިރިހެންމީހާއަކީ އަންހެނާއާ ލޯބީގެ ގުޅުމެއް އޮތް މީހެއް ނޫން ކަމަށާއި ހަމައެކަނި އެހީތެރިވެދިން މީހެއް ކަމަށް ވެސް މީޑިއާތައް ބުނެއެވެ.

އައްސާމުގައި ދުވަސްތައް ހޭދަ ކުރަމުން ދަނިކޮށް ، އަންހެންމީހާއާއެކު ފިޔަ ފިރިހެންމީހާގެ އާއިލާއިން އޭނާއާ ފޯނުން ވާހަކަ ދެއްކިއެވެ. އަދި އެނބުރި އަމިއްލަ ވަޒަނަށް އައުމަށާއި އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީން ކޮށްދިނެވެ. އެހެންކަމުން އެނބުރި ވަޒަނަށް ދިޔުމަށް އެމީހުން ނިންމިއެވެ.

އަރްނާޗަލްގެ ޗަންގްލަންގް ޑިސްޓްރިކަށް ނިސްބަތްވާ މި ދެމީހުން އެނބުރި އަވަށަށް އައީ މިދިޔަ މަހު 25 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. ސަލާމަތާ ރައްކާތެރިކަން ދޭނެކަމުގެ ޔަގީންކަން ދިން ނަމަވެސް އަވަށަށް އައިތަނުން ދެމީހުން ހައްޔަރު ކުރިއެވެ. އަދި އެ ސަރަހައްދުގެ ކޯޓުން (ރަސްމީކޯޓެއް ނޫން) ހުކުމް އިއްވީ އެ ދެމީހުން ކުށްވެރި ވެފައިވާ ކަމަށެވެ. މި ހުކުމާއެކު އަންހެން މީހާ އަވަށަށް ދިޔަ ވެހިކަލުން ނެރެ ހެދުން ވީދާލާ ބަރަހަނާ ކުރިއެވެ. މީގެ އިތުރުން އެތައް އަނިޔާތަކެއް އޭނާއަށް ކުރަމުން ގެންދިޔައެވެ. އަންހެންމީހާއަށް ލިބެމުން ދިޔަ އަނިޔާތަކަށް ހުރަސް އެޅުމަށް އޭނާއަށް އެހީތެރިވެދިން ފިރިހެންމީހާ މަސައްކަތް ކުރުމުން އޭނާއަށް ވެސް ވަނީ އަނިޔާކޮށްފައިކަމަށް މީޑިއާތައް ބުނެއެވެ.

އަންހެންމީހާއަށް ދިން އަދަބެއްގެ ގޮތުގައި ބޯ ބާލުވައި، ފިނި ފެނުން ފެންވެރުވިއެވެ. މީގެ އިތުރުން އުމުރަށް ކައިވެނި ކުރުން މަނާކޮށް ، އެ ސަރަހައްދު ދޫކޮށް ދިޔުމަށް އަންހެން މީހާއަށް އެންގުމަށް ވެސް ކޯޓުން ނިންމިއެވެ. މި ނިންމުން ވަނީ އަންހެން މީހާގެ ކާފައަށް އަންގާފައެވެ.

އަންހެން މީހާ ސަލާމަތް ކުރީ ކާފަ ، ފުލުހުންނަށް ރިޕޯޓް ކޮށްގެންނެވެ. އޭރު އޭނާ ވަނީ ސުކޫލް އިމާރާތެއްގައި ބަންދުކޮށްފައެވެ. މީޑިއާތައް ބުނާ ގޮތުގައި އޭނާ އަވަށަށް އައިރޭ އަދަބު ދިނުމަށްފަހު އެ ސުކޫލަށް ލާފައިވަނީ ބަރަހަނާ ހާލުގައެވެ. އަދި އޭނާއަށް އެރޭ ކާންބޯން އެއްވެސް އެއްޗެއް ދީފައެއް ނުވެއެވެ.

މި ހާދިސާގައި ބައިވެރިވި 38 މީހުންގެ ތެރެއިން 15 މީހަކު މިހާރު ވަނީ ފުލުހުންގެ ހައްޔަރުގައި ކަމަށް ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތައް ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!