އުމުރުން 70 އަހަރުގެ މި މީހާ އަންހެނުން ހޮސްޕިޓަލަށް ގެންދިއުމަށް ބައިސްކަލެއްގައި 90 ކިލޯމީޓަރު ކަޑައްތު ކޮށްފި
އިންޑިއާގެ އޮޑިޝާ ޕޫރީއަށް ނިސްބަތްވާ 70 އަހަރުގެ ފިރިހެނަކު އޭނާގެ އަންހެނުން ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި ބައިސްކަލެއްގައި 90 ކިލޯމީޓަރު ކަޑައްތު ކޮށްފިއެވެ.
އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރީ އިންޑިއާގައި ދުއްވާ އިންޖީނުލީ ރިކްޝާ (ކުރޮޅި)އެއްގައި އޭނާގެ އަނބިމީހާ ހޮސްޕިޓަލަށް ގެންދިއުމަށެވެ. އެހެން ނަމަވެސް އެވަރަށް އޭނާގެ އަތުގައި ފައިސާ ނެތުމުން އޭނާ އަށް ޖެހުނީ ބައިސްކަލް ރިކްޝާއެއްގައި އޭނާގެ އަންހެނުން ހޮސްޕިޓަލަށް ގެންދާށެވެ.
އޭނާގެ އަންހެނުން އެންމެ ފުރަތަމަ އެޑްމިޓް ކުރެވުނީ ޕޫރީ ޑިސްޑްރިކްޓް ހެޑްކުއާޓާރސް ހޮސްޕިޓަލުގައެވެ. އެހެންނަމަވެސް އޭނާގެ ހާލު ދެރަވުމުގެ ސަބަބުން އެ އަންހެން މީހާ އެސް.ސީ.ބީ މެޑިކަލް ކޮލެޖްއަށް ގެންދިއުމަށް އެތަނުގެ ޑޮކްޓަރުން ލަފާ ދިނެވެ.
މިމީހާ އަނެއްކާވެސް ބައިސްކަލު ރިކްޝާގައި ދަތުރު ފެށީ އެސްސީބީ މެޑިކަލް ކޮލެޖާއި ދިމާއަށެވެ. ދިޔަ މަގުމަތީގައި އޭނާގެ ބުރަ މަސައްކަތް އިންޑިއާގެ ނޫސްވެރިންތަކެއްގެ ލޮލުގައި އަޅައިގަތެވެ. އަދި އޭނާއާ ވާހަކަ ދައްކާލުމުން އޭނާއަށް އިންޖީނުލީ ރިކްޝާއެއްގައި އަނބިމީހާ ހޮސްޕިޓަލަށް ގެންދެވޭ ވަރަށް ފައިސާ ނެތުމުން މިނޫން އިތުރު ގޮތެއް ނެތުނީ ކަމުގައި އޭނާ ކިޔައިދިނެވެ.
އޭނާގެ އަންހެނުންނަށް ފަރުވާ ހޯދުމުގައި އޭނާ އުޅޭތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް ވެސް އޭނާ ކިޔައިދިނެވެ. ނަމަވެސް އޭނާގެ އަންހެނުން ފަރުވާ ހޯދަމުންދަނީ ކޮން ބައްޔަކަށް ކަމެއް ބުނެފައެއް ނުވެއެވެ.
އޭނާ އިތުރަށް ބުނީ އޭނާގެ އަންހެނުންނަށް އެސްސީބީ މެޑިކަލް ކޮލެޖުން ރަނގަޅު ފަރުވާ އެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމުގައެވެ.