ކޮވިޑް-19: ރާއްޖެއިން އިތުރު 49 މީހުން ފައްސި ވެއްޖެ

ކޮވިޑް-19 އަށް އިތުރު 49 މީހުން ރާއްޖެއިން ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ 33 ދިވެހިންނާއި 16 ބިދޭސީންނެވެ. އެއީ މާލެއިން 43 މީހުންނާއި އަތޮޅުތެރެއިން 6 މީހުންނެވެ.
ްއިއްޔެގެ 18:00 އިން މިއަދުގެ 18:00 އަށް 49 މީހުން ބައްޔަށް ފައްސި ވެފައިވާއިރު މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 10،943 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 9،783 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން މިހާރު ނިޔާވެފައިވަނީ 35 މީހުންނެވެ.
އައިސޮލޭޝަން ފެސިލިޓީތަކުގައި 389 މީހުން ފަރުވާ ހޯދަމުން ދާއިރު ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 68 މީހުންނެވެ.
ބަލިފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭ އިން ވަނީ ގިނަ އުސޫލުތަކެއް ގާއިމް ކޮށްފައެވެ. އޭގެ ތެރޭގައި ބަލި ފެތުރިފައިވާ ރަށްތަކުގެ މީހުން ބޭރަށް ނިކުންނައިރު މާސްކު އަޅައިގެން ނޫނީ ނުނިކުތުމަށާއި، ކޮންމެހެން ދާން ޖެހޭ ތަންތަނަށް ނޫނީ ނުދިޔުމަށް ވަނީ އަންގާފައެވެ. މީގެއިތުރުން މާލެ ސަރަޙައްދުގައި މިހާރު 22:00 ން ފެށިގެން އަނެއްދުވަހުގެ ފަތިހު 5:00 އާއި ހަމައަށް އެއްގަމު އުޅަނދު ދުއްވުން މަނަލެވެ. އަދި 21:30 ގައި ވިޔަފާރިކުރާ ތަންތަން ބަންދުކުރަން އަންގާފައިވާއިރު 22:00 އިން ފެށިގެން އަނެއް ދުވަހުގެ ފަތިހު 5:00 އާއި ހަމައަށް ބޭރުގައި އުޅުން ވެސް މަނަލެވެ.