ދެ ނޫސްވެރިއަކަށް އަލްހާން ބިރުދެއްކި މައްސަލައެއް ފެންމަތިވެއްޖެ

މާލެ ސިޓީގެ މޭޔަރު ކަމަށާއި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ، ދެ ނޫސްވެރިއަކަށް ބިރުދެއްކި މައްސަލައެއް ފެންމަތި ވެއްޖެއެވެ.
އެގޮތުން އަލްހާން ބިރުދައްކާފައި ވަނީ "ދިޔަރެސް" ނޫހުގެ އަހުމަދު އަޒާން އަށާއި ނާހިލް އަހުމަދު އަށެވެ.
މިކަން ހާމަކުރަމުން އަޒާން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އަލްހާން އާއި އޭނަގެ އެކުވެރިއެއް، އެ ދެ ނޫސްވެރިންނަށް ބަހުގެ ހަމަލާތަކެއް ދީފައިވާ ކަމަށެވެ.
އަލްހާން ދަނީ އެ ދެ ނޫސްވެރިންގެ ފޮޓޯތަކެއް ވެސް ފޮޓޯޝޮޕްކޮށް މީސް މީޑިއާގައި ހިއްސާ ކުރަމުން ކަމަށް ވެސް އަޒާން ބުނެފައިވެއެވެ.
މިމައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށާއި އިންސާފުވެރިކޮށް މިކަން ބައްލަވާ ދެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އަރިހުން އަޒާން އެދިފައިވެއެވެ.
އަލްހާން ފަހުމީ ދެ ނޫސްވެރިއަކަށް ފުރައްސާރަ ކޮށްފައިވާ މައްސަލައެއް މިރޭ ފެންމަތިވެފައިވާއިރު، މިދިޔަ ހަފްތާގައި އޭނާވަނީ ޢަލީ ރަމީޒް އަށް ވެސް މީސްމީޑިއާގައި ވަރަށް ބޮޑަށް ފުރައްސާރަ ކޮށްފައެވެ.