ދީން

ކޯވިޑުން ރައްކާތެރިވުމަށް ރަސޫލާ (ޞޢވ)ގެ އާދަފުޅުތައް!

ދެން އެމްވީ ، ދެން އޮންލައިން

އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) ސާފު ޠާޙިރުވެލެއްވުމަށް ގެންގުޅުއްވި އާދަކާދަތަކަކީ، ތާރީޚުގައި ނުހަނު ތަފްސީލާއެކު ރިކޯޑު ކުރެވިފައިވާ އަދި އެއާދަކާދަތަކުގެ ސަބަބުން އެކިއެކި ބަލިތަކުން ވެސް ރައްކާތެރިވެވޭ ކަމަށް ޒަމާނުއްސުރެ އެތައް ބަޔަކު ޤަބޫލު ކުރަމުން އަންނަ އާދަތަކެކެވެ.

Ads by STELCO

މިކަމުގެ އެއް ހެއްކަކީ، ހަލުވިކަމާއެކު މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަހުން ސަލާމަތްވުމަށް ވެސް އެކަލޭގެފާނު ގެންގުޅުއްވި ބައެއް އާދަކާދަތައް ގެންގުޅުމަށް ބާރު އަޅަމުން އަންނަ ކަމެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވެ ތިބުމަށް ގިނަގިނައިން ދެއަތްތިލަ ދޮވުމަށާއި މީހުންނާއި ގައިދުރުކަމެއް ބެހެއްޓުމަކީ ހުރިހާ ދީނެއްގެ މީހުންވެސް މިދުވަސްކޮޅު ގޮވާލަމުން އަންނަ ކަންތައްތަކެވެ. މިކަންކަމަކީ އަހަރެމެންގެ ރަސޫލާ (ޞޢވ) މީގެ 1400 އަށްވުރެ ގިނަ އަހަރުތައް ކުރިން ގެންގުޅުއްވި އާދަތަކެކެވެ. އަދި އެކަލޭގެފާނުގެ ސުންނަތުގެ ތެރެއިން ހިމެނިގެންވާ ކަންތައްތަކެއް ވެސް މެއެވެ.

"ސާފު ޠާހިރުކަމަކީ އަހަރެމެންގެ ދީނުގައި (އިސްލާމް ދީނުގައި) ހުރުން އެންމެ މުހިންމު އެއް ކަންތައް. ސާފު ޠާހިރުނުވެ އަހަރުމެންނަށް އަޅުކަމެއް ވެސް ނުކުރެވޭނެ" ތުރުކީގެ ޑިރެކްޓޮރޭޓް އޮފް ރިލިޖަސް އެފެއާރޒްގެ ކަމާއިބެހޭ މާހިރެއް ކަމުގައިވާ ޙުސެއިން އާރީ ވިދާޅުވެފައިވެއެވެ.

ކޮންމެ ނަމާދެއްވެސް ކުރަން ފެށުމުގެ ކުރިން ވުޟޫ ކުރަން ޖެހެއެވެ. ވުޟޫ ކުރާއިރު ދެ އަތްތިލަ ދޮވުމައި، އަނގަޔާއި ނޭފަތައް ފެންލުން ހިމެނެއެވެ. އަދި މޫނު ދޮވުމާއި އުޅަނބޮށްޓާއި ހަމައަށް ދެއަތް ދޮވުމުގެ އިތުރުން ދެ ކަންފަތުގައި ފެން ފުހުމާއި ދެ ފައިތިލަ ދޮވުން ވެސް ހިމެނެއެވެ. މުސްލިމުންގެ މައްޗަށް ދުވާލަކު ފަސް ނަމާދު ފަރުޟު ކުރައްވާފައިވުމުން އޭގެ މާނައަކީ ދުވާލަކު ފަސް ފަހަރު މުސްލިމުން ވުޟޫ ކުރާނެ ކަމެވެ. ވުޟޫ ކުރުމަކީވެސް ސާފު ޠާހިރުވުމަށް ރަސޫލާ (ޞޢވ) އުނގަންނަވާ ދެއްވާފައިވާ ކަމެކެވެ.

ބައެއް މުސްލިމުން ދުވާލަކު ފަސް ފަހަރަސްވުރެ ގިނައިން ވެސް ވުޟޫ ކުރެއެވެ. އޭގެ ތެރޭގައި ރޭގަނޑު ނިދުމުގެ ކުރިން ވުޟޫ ކޮށްގެން ނިދާ މުސްލިމުން ވެސް ހިމެނެއެވެ.

ސާފު ޠާހިރުވެ ތިބުމަށް އަހަރެމެން މުސްލިމުންގެ ފޮތް ކަމުގައިވާ ކީރިތި ޤުރްއާނުގައި ވެސް މާތް ﷲ އަންގަވާފައިވެއެވެ. އެގޮތުން ތިމާ ލާ އަންނައުނު ވެސް ޠާހިރު ކަންމަތީ ބެހެއްޓުމަށާއި ސާފު ޠާހިރުކަންމަތީ ތިބޭ އަޅުތަކުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގަންނަވާ ކަމަށް ވެސް އެފޮތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

"ސާފު ޠާހިރުކަމަކީ އީމާންކަމުގެ އެއްބައެވެ" ރަސޫލާ (ޞޢވ) ޙަދީޘް ކުރައްވާފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!