ޚަބަރު

ޤައުމީ ޔުނިވާސިޓީ އަކީ އިސްލާމީ ތައުލީމާ ބީރައްޓެހި ތަނަކަށް ހެދުމުގެ މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ: ޑރ. އިޔާޒް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަކީ އިސްލާމީ ތައުލީމާ ބީރައްޓެހި ތަނަކަށް ހެދުމުގެ ހީލަތްތެރި މަސައްކަތްތަކެއް ކުރަމުން އެބަ ގެންދާ ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤައުމީ ޔުނިވަސިޓީއަކީ އިސްލާމި ތައުލީމާއި ބީރައްޓެރި ތަނެއް ކަމުގައި ހެދުމަށް އެތަނުގެ ކައުންސިލާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ހީލަތްތެރި މަސައްކަތްތަކެއް އެބަ ކުރައްވާ ކަމަށެވެ. ނަމަވެސް ޔުނިވަސިޓީގެ ކައުންސިލާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރައްވާ ހީލަތުގެ މަސައްކަތުގެ ތަފްސީލެެއް ޑރ. އިޔާޒް ހާމަކުރައްވާފައެއް ނުވެއެވެ.

އެކަން ހުއްޓުވާ ދެއްވުމަށް ޑރ. އިޔާޒް ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ނައިބު ރައީސް ފައިސަލް ނަސީމް ގެ އަރިހުން އެދިލައްވާފައެވެ.

ގައުމީ ޔުނިވަސިޓީ އިސްލާމީ ތައުލީމާއި ބީރައްޓެރި ތަނަކަށް ހެދުމަށް ހީލަތްތެރި މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ޑރ.އިޔާޒް ވިދާޅުވިއިރު، މިސަރުކާރުގައި ބައެއް ކަންކަން ހިނގަމުންދާ ގޮތާއިމެދު ވެސް ދީނީ ޢިލްމުވެރިން ވަނީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅު ކޮށްފައެވެ. ޚާއްސަކޮށް އިސްލާމް ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކާއިމެދު ފިޔަވަޅެއް ނާޅާކަން ވެސް ޢިލްމުވެރިން އަންނަނީ ފާހަގަ ކުރައްވަމުންނެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!