ޚަބަރު

ރާއްޖޭގައި ކޮވިޑު-19 ވެކްސިން ދިނުމުގައި އިސްކަން ދޭނެ މީހުން ކަނޑައަޅައި ތައްޔާރީތައް ވަނީ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮވިޑު-19 އަކީ ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރިފައިވާ ނުރަައްކާތެރި ދުނިޔަވީ ވަބާއެކެވެ. މިބައްޔަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ދުނިޔޭގެ އެކި ހިސާބު ތަކުން ނަން މަޝްހޫރު ފާމަސޫޓިލަކް ކުންފުނިތަކުން އަންނަނީ ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 190 އަށް ވުރެ ގިނަ ވެކްސިން ތައްޔާރު ކުރުމުގެ މަސައްކަތްތައް ކުރެވެމުން އަންނަ އިރުގައި ބައެއް ވެކްސިންތައް ވަނީ ތިންވަނަ ޓްރަޔަލް ގައެވެ. އަދި އާންމުކޮށް މި ވެކްސިން ތަކުން ވެސް ކާމިޔާބު ވަނީ ގާތްގަނޑަކަށް 5 ނުވަތަ 7 އިންސައްތަ ވެކްސިނެވެ.

Ads by Sosun Fihaara

ވޯލްޑް ހެލްތު އޯގަނައިޒޭޝަން އިން ވަނީ ގަވީ ވެކްސިންސް އެލަޔަންސާއި ގުޅިގެން ކޮވެކްސް ފެސިލިޓީއެއް އުފައްދާފައެވެ. މި ފެސިލިޓީގައި ކޮވިޑު-19 ގެ ވެކްސިން ވަކި ބައެއްގެ އަތް މައްޗަށް ދޫކުރެވި، ގައުމެއްގައިވެސް އެންމެ އަވަހަށް ވެކްސިން ބޭނުންވާ ހައިރިސްކު ކެޓަގަރީގެ މީހުންނަށް ވެކްސިން ލިބޭނެކަން ކަށަވަރު ކުރެވޭނެއެވެ. މި ފެސިލިޓީ މެދުވެރިކޮށް ބައިވެރިވެފައިވާ ކޮންމެ ގައުމެއްގެ ވެސް 20 އިންސައްތަ އާބާދީއަށް ވެކްސިން ލިބިގެން ދާނެއެވެ. އެގޮތުން މި ފެސިލިޓީގައި ރާއްޖެއިން ވެސް ވަނީ ބައިވެރި ވެފައެވެ.

އެހެން ކަމުން ދިވެހި ރާއްޖޭގެ އާބާދިގެ 20 އިންސައްތަ މީހުންގެ ތެރެއިން ހައި ރިސްކް މީހުނަށް މި ވެކްސިން ލިބިގެން ދާނެއެވެ. ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް ވިދާޅުވެފައިވަނީ މި ފެސިލިޓީ މެދުވެރިކޮށް ރާއްޖޭގެ 20 އިންސައްތަ އާބާދީއަށް ހިލޭ ވެކްސިން ލިބިގެންދާއިރު އެންމެ ފުރަތަމަ ވެކްސިން ދެވިގެން ދާނީ ރާއްޖޭގެ 3 އިންސައްތަ މީހުންނަށް ކަމަށެވެ. އަދި ބާކީ 17 އިންސައްތަ މީހުނަށް މި ވެކްސިން ދެވޭނީ އެއަށް ފަހުގައި ކަމަށެވެ.

ވެކްސިން ދެވޭ އެންމެ ފުރަތަމަ 3 އިންސައްތަ މީހުންގެ ތެރޭގައި ހިމެނެނީ، އެންމެ ފުރަތަމަ ވެކްސިން ލިބެންޖެހޭ އެންމެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ކަމަށްވެސް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ. އަދި ވެކްސިން ދިނުމުގައި އިސްކަން ދެވޭނެ މީހުން ކަނޑައެޅުމަށް މަސައްކަތް ކުރެވިފައިވާ ކަމަށްވެސް ނަޒްލާ ވިދާޅުވެފައި ވެއެވެ. އަދި މިކަން ކޮށްފައި ވާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އެކިކަންކަމުގައި ލަފާދޭ މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ

ވެކްސިން ޖެހުމަށް އިސްކަން ދެވޭ މީހުން ކަނޑައެޅިފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެކްސިން ދިނުމަށް އިސްކަން ދެވޭނެ މީހުން ތިބީ ކިހާ މިންވަރަކަށްތޯ ވެސް މިހާރު އަންނަނީ ބަލަމުން ކަމަށް ވެސް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!