ރިޕޯޓް

ޤައުމީ ދުވަހުގެ ބަޠަލު ޣާޒީ ބަންޑާރައިން: އެނގެނީ ކިހައިވަރަކަށް؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ޣާޒީ މަހާރަދުންގެ މަގުބަރާ

މިއަދަކީ ޤައުމީ ދުވަސްކަން އަޅުގަނޑުމެން އެންމެންނަށް ވެސް އެނގެއެވެ. ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ބައެއް ޒުވާނުންނަށް، އަދި ހަރު އުމުރުގެ ބައެއް މީހުންނަށް ވެސް ގައުމީ ދުވަހަކީ ކީއްވެ ފާހަގަ ކުރާ ދުވަހެއްކަން ނޭނގޭތީއެވެ. ގިނަ ބަޔަކަށް ގައުމީ ދުވަސް އެނގެނީ އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާތީއެވެ. އެ ދުވަސް ކަލަންޑަރުގައި ރަތް ދެލިން ފާހަގަ ކޮށްފައިވާތީ އެވެ.

Ads by Sosun Fihaara

އެހެން ނަމަވެސް ހަގީގަތަކީ ގައުމީ ދުވަހުގެ ފަހަތުގައި އަޅުގަނޑުމެން އިބުރަތް ހާސިލް ކުރަންވީ އެތައް ކަމެއް ވާކަމެވެ. އަޅުގަނޑުމެންނަކީ ދިވެހީންނަށް ވީ ހިނދު އެނގެން ޖެހޭ އެތައް ވާހަކަ ތަކެއް ވާކަމެވެ. އަޅުގަނޑުމެން އެ ބޭފުޅުންގެ ޒިކުރާ އައު ކުރަން ޖެހޭ އެތައް ބަޠަލުންނެއް މި ދުވަހާ ގުޅިފައިވާ ކަމެވެ.

ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީޢުލް އައްވަލް މަހުގެ 1 ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (ޣާޒީ ބަންޑާރައިން) ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ. އަޅުވެތިކަމުން މިނިވަންކަމަށް އައިކަމުގެ ހަނދާނުގައެވެ. ގައުމީ ދުވަހެއް ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ފާހަގަ ކުރީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހުއެވެ. އެއީ މީލާދީ ގޮތުން 4 ފެބްރުވަރީ 1946އެވެ. އޭގެ ކުރިން ގައުމީ ދުވަހުގެ ނަމުގައި ވަކި ޚާއްސަ ދުވަހެއް ފާހަގަ ކުރެއްވިކަން އެނގެން ނެތްކަމަށް ތާރީޚީ ޢިލްމުވެރީން ލިޔުއްވައެވެ.

ގައުމީ ދުވަހުގެ ބަޠަލަކީ އެއްވެސް ޝައްކެތް ނެތް ގޮތުގައި ޤާއިދުލްއައުޡަމް އުތީމު މުޙައްމަދު ތަކުރުފާނެވެ. އަދި އެތަކުރުފާނާއެކު ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަތްދަށުން ސަލާމަތް ކުރުމުގައި ބައިވެރިވި ވަރުގަދަ ފަހުލަވާނުންނެވެ. ނަމަވެސް މިއަދުގެ މަދަރުސާ ދަރިވަރުންނަށް އަދި ޒުވާނުންނަށް ވެސް މުޙައްމަދު ތަކުރުފާނަކީ ކޮން ބޭފުޅެއް ކަމެއް ނޭނގެއެވެ.

އަލްޣާޒީ މުޙައްމަދު ތަކުރުފާނަކީ މީލާދީން 1873 ން 1885 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 1081 ން 1093 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި 1081 ވަނަ އަހަރު ގައެވެ. ދިވެހި ތާރީޚްގައި މިރަދުން މަޝްހޫރު ވެފައިވަނީ ބޮޑު ތަކުރުފާނުގެ ނަމުންނެވެ. ބޮޑު ތަކުރުފާނު އަކީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކޮށް ދެއްވި ހަރުދަނާ ބަޠަލެވެ. ބޮޑު ތަކުރުފާނު އަކީ ދިވެހިންގެ ގައުމީ ބަތަލެކެވެ. ގައުމީ ދުވަހުގެ ބަތަލު ވެސް މެއެވެ

އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމަކީ 1573މ. ގައި ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ރާއްޖެ ސަލާމަތްކުރެއްވި ޤައުމީ ބަޠަލެވެ. ރަސްކަމަށް އިސްވެވަޑައިގަތުމުގެ ކުރިން މި ރަދުންނަކީ އުތީމު މުޙައްމަދު ތަކުރުފާނެވެ. ބޮޑުތަކުރުފާނެވެ. މި ރަދުންގެ އެއްބަނޑު އެއްބައްޕާ ބޭފުޅަކީ ޙަސަން ޚަޠީބު ތަކުރުފާނެވެ. އެއްބައްޕަ، ނަމަވެސް އެހެން ބަނޑެއްގެ ބޭފުޅުންނަކީ، ބޭބޭފުޅު ޢަލީ ޚަޠީބު ތަކުރުފާނާއި ދައިތާފުޅު ފާޠިމާފާނެވެ. އެނގިފައިވާ ގޮތުގައި ދެ ބޭފުޅަކާ މި ރަދުން ކައިވެނިފުޅު ބައްލަވައިގަތެވެ. އެއީ ބާރަށު ބުޅާ ފާތުމާގެ ރެހެންދި (ފަހުން އާމިނާ ރަނިކިލެގެފާނު)އާއި ޢަލީ ރަސްގެފާނުގެ ދަރިކަނބަލުން ސިއްތި މާވާ ރަނި ކިލެގެފާނެވެ.

ތުއްޕުޅު އިރު، ތުނޑީކޮޅުގައި މަޅިފަތި ޖައްސަވައިގެން ދޫނި ހިއްޕަވާން އުޅުއްވި ކަމަށް ބުނެވެއެވެ. ދޫންޏެއް މަޅިފަތީގައި ޖެހިއްޖެ ނަމަ އެ ދޫނި މިނިވަން ކުރައްވައެވެ.

މުޙައްމަދު ތަކުރުފާނު ތަޢުލީމް ޙާޞިލް ކުރެއްވީ ބައްޕާފުޅު އުތީމު ޙުސައިން ޚަޠީބު ތަކުރުފާނާއި، ބޮޑު ބޭބޭފުޅު ނޮޅިވަރަންފަރު އެދުރުކަލޭގެފާނުގެ އަރިހުންނެވެ. މީގެ އިތުރުން ބޭދާޅީން ހެވިކަމުގެ އެކިއެކި ހުނަރާއި ތަޖުރިބާތައް ހޯއްދެވިއެވެ. އެއީ އެ ތަކުރުފާނުގެ ޒުވާން ޢުމުރުފުޅުގައި، އިންޑިޔާގެ ބޭދާޅީއަށް ކިޔަވައިވިދާޅުވާން ވަޑައިގެންނެވެ.

ޕޯޗުގީޒުން ޢަލީރަސްގެފާނު ޝަހީދުކޮށް، ދިވެހިރާއްޖެ ހިފައިފައި ވަނީ 1 ޝަޢުބާން 965ހ. (19 މެއި 1558) ގައެވެ. ޕޯޗުގީޒުންގެ ވެރިއަކަށް ހުރި އަނދިރިއަނދިރިންގެ ނުބައިކަމާއި، އަނިޔާ ވަނީ ބޮޑުވެފައެވެ. ދެކުނުގެ ތިން އަތޮޅު ފިޔަވައި، ރާއްޖޭގެ ހުރިހައި އަތޮޅަކަށްމެ ވަނީ ޕޯޗުގީޒުންގެ ބާރު ފޯރައިފައެވެ. މުޅި ރާއްޖެ ދަނީ ޣައިރުދީނަށް އެނބުރެމުންނެވެ. މި ދަރަޖައަށް ރާއްޖޭގެ ކަންތައްތައް ގޮސްފައި ވަނިކޮށް، އުތީމު ޙުސައިން ޚަޠީބު ތަކުރުފާނުގެ ތިން ދަރިކަލުން، ޢަލީތަކުރުފާނާއި މުޙައްމަދު ތަކުރުފާނާއި ޙަސަން ތަކުރުފާނު، ޕޯޗުގީޒުންގެ ކިބައިން ދިވެހިރާއްޖެ ސަލާމަތްކުރައްވައި މާތްވެގެންވާ އިސްލާމްދީން ރާއްޖޭގައި އަލުން ޤާއިމްކުރެއްވުމަށް ޢަޒުމް ކަނޑައެޅުއްވިއެވެ. އަދި އެ ތިން ބެއިންގެ ޒަޢީމަކަށް މުޙައްމަދު ތަކުރުފާނު ހެއްދެވިއެވެ.

މި ޢަޒްމު ކަނޑައެޅުއްވުމަށް ފަހުގައި، އުތީމު ތިންބޭން އެންމެ ފުރަތަމަ އެޅުއްވި ފިޔަވަޅަކީ ޢާއިލާގެ ބޭފުޅުން މަލިކަށް ގެންދެވުމެވެ. އެ ބޭފުޅުން ދަތުރުކުރެއްވީ ތިލަދުންމަތީގައި ޕޯޗުގީޒުން ބަހައްޓައިފައި ހުރި ވިޔަޒޯރުގެ އެހީގައި ބަންނަވައިފައިވާ ބާރަށް ދުވާ އޮޑި "ކަޅުއޮއްފުންމީ" ގައެވެ. މަލިކުން އެ ބޭފުޅުންނާ ބައްދަލުވީ، ޢަލީ ޙާޖީއާއި ޙަސަން ޙާޖީއާ ދެބޭންނެވެ. މި ދެބޭން ވެސް އުތީމު ތިން ބޭންނާ އެއްބައިވިއެވެ. މި މަދު މީސްކޮޅުގެ ތެރޭގައި ދެން ހިމެނުނީ އެ ބޭފުޅުންގެ އަރިހުގައި ގެންގުޅުއްވި ދުވާފަރު ޢަލީ ދަންޑެހެލެވެ.

އެއަށް ފަހު ''ކަޅުއޮއްފުންމީ''ގައި އެ ބޭފުޅުންގެ ޖިހާދު ފެށްޓެވީއެވެ. ރޭގަނޑުގެ އަނދިރިއާ އެކުގައި ރާއްޖޭގެ އެތެރެއަށް ވަންނަވައި، ރަށްރަށުގައިވާ ޕޯޗުގީޒުންގެ މީހުން މަރުއްވައި، މީސްތަކުންގެ ހިތްތަކުގައި އިސްލާމީ ރޫޙު އައުކުރެއްވިއެވެ. ފަތިސްވާ އިރު ކަޅުއޮއްފުންމި ރާއްޖެއިން ބޭރަށް ގޮސް، ވާނުވާ ތަނެއް ނުއެނގެއެވެ. މި ހަނގުރާމައިގެ ތެރޭގައި ޢަލީ ތަކުރުފާނު ޝަހީދުވިއެވެ. މިހާރު ވެސް ފޮރިން މިނިޓްސްޓްރީގެ މަތީ ބަޔަށް އަރާފައި ބަލައިލާ އިރު އެ ތަކުރުފާނުގެ މަހާނަފުޅު ހުރި ފުނަދޫއާއި އެ މަހާނަފުޅު އެ އޮތީ ފެންނާށެވެ.  މި ކަން ދިމާވި ގޮތަކީ، އެއް ރެއަކު ތިލަދުންމަތީ ތަކަންދުއަށް ކަޅުއޮއްފުންމި ކުރި ދަތުރެއްގައި، ޢަލީ ތަކުރުފާނު އޭނާގެ އަނބިކަނބަލުންގެ ގޭގައި އޮންނަވަނިކޮށް އަވަހާރަފުޅު ލެއްޕެވިގެން ފަތިސް ވީ އިރު ވެސް އޮޑިދޮށަކަށް ވަޑައެއް ނުގެންނެވުނެވެ. ކަޅުއޮއްފުންމިއަށް ފުރައިގެން ދާންޖެހުނީ ޢަލީ ތަކުރުފާނު އެ ރަށަށް ދޫކޮށްލައިފައެވެ.

އަނެއް ދުވަހު، ޢަލީ ތަކުރުފާނު އެ ރަށުގައި ވާކަން ކާފަރުންނަށް އެނގިގެން އެ ތަކުރުފާނު ޝަހީދުކޮށްލީއެވެ. ބުނެވެނީ ޢަލީ ތަކުރުފާނުންގެ އިސްތަށިފުޅު އެ މީހުން އަނދިރިއަނދިރީންނަށް ވެދުމަށް މާލެއަށް ފޮނުވީ ކަމުގައެވެ. މާލެއަށް ގެނައި ޢަލީ ތަކުރުފާނުންގެ އިސްތަށިފުޅު، މާލޭގެ އަހުލުވެރީން އަތުލައި، މާލެ ކައިރީގައި އޮންނަ ފުނަދޫގައި ވަޅުފުޅުލީއެވެ. ޢަލީ ތަކުރުފާނު ޝަހީދުވީ ހިޖުރީ ސަނަތުން 980 (1572މ.) ވަނަ އަހަރުއެވެ. މުޙައްމަދު ތަކުރުފާނާއި ޙަސަން ތަކުރުފާނު އިތުރު ބާރާއި ހިތްވަރުފުޅާ އެކު، މަސައްކަތް ކުރިއަށް ގެންދެވީއެވެ.

މި ބޭފުޅުން ރާއްޖޭގައިވާ ޕޯޗުގީޒުގެ މީހުނާއި ދިމާކޮށްލެއްވުމުގެ ސަބަބުން އެ ބައި މީހުން އެ ކަމަށް ހޭލައި ފަރުވާވެ ތިބޭން ފަށައިފިއެވެ. ޕޯޗުގީޒުންގެ ހުޝިޔާރުކަން އިތުރުވުމާ އެކު، ކަޅުއޮށްފުންމީގެ ފަހުލަވާނުންނަށް އެކަނި ޕޯޗުގީޒުން ބަލިކުރައްވައި މާލެ ނުހިއްޕެވޭނެކަން މުޙައްމަދު ތަކުރުފާނަށް އެނގިވަޑައިގެންފިއެވެ. އެހެންކަމާ އެކު އޭނާ ކަންނަންނޫރަށް ވަޑައިގަންނަވައި އަލީ ރާޖާއާ ބައްދަލުވެވަޑައިގަތެވެ. ދިވެހިންނަށް ހަނގުރާމަމަތީ ގުރާބާއި ލަޝްކަރެއް ދެއްވަން އަލީރާޖާ އެއްބަސްވެވަޑައިގަތެވެ. މި މީހުން ގޮވައިގެން އެ ބޭފުޅުން މާލެ ވަޑައިގެންނެވި ރޭގެ އަނެއް ދުވަހަކީ، ކިރިސްޓިއަން ދީނަށް ނުވަންނަ ކޮންމެ މީހަކު މަރައިލާނޭ ކަމަށް ޕޯޗުގީޒުން އަންގައިފައިވާ ދުވަހެވެ. އެއިރު މާލޭގައި ތިބި ހިތްވަރުގަދަ ބަޔަކު، ލިބެން ހުރި ހަތިޔާރެއް އެއްކޮށް، ދީނަށް ޓަކައި ޝަހީދުވާން ތައްޔާރުވަނީއެވެ.

އެރޭ މުޙައްމަދު ތަކުރުފާނުގެ އެކުވެރިން ޕޯޗުގީޒުންނާ ހަނގުރާމަކުރައްވައި އެންމެން މަރުއްވައިލެއްވީ ކަމަށް ބުނެވެއެވެ. އަނދިރިއަނދިރިން މަރުވި ކަމަށް ބުނެވެނީ މުޙައްމަދު ތަކުރުފާނު ޖެއްސެވި ބަޑީގެ އުއްޑައަކުންނެވެ. މިކަން ހިނގީ ހިޖުރައިން 1 ރަބީޢުލްއައްވަލް 981 (2 ޖުލައި 1573މ.) ގައެވެ. ޕޯޗުގީޒުން ރާއްޖޭގައި ވެރިކަން ކުރީ 15 އަހަރާއި 6 މަސްދުވަހުއެވެ.

ރަސްކަމަށް އިސްވެވަޑައިގަތުމަށް ފަހު، ޣާޒީ ބަންޑާރައިން ދައުލަތް ހިންގެވުމުގެ ކަންތައްތައް ހަރުދަނާ ކުރެއްވިއެވެ. ސަރުކާރު ހިންގެވުމުގައި އިސް ބައިވެރިއަކު ކަމުގައި އޭނާ ޚިޔާރުކުރެއްވީ، އޭނާގެ އަޚު ޙަސަން ޚަޠީބު ތަކުރުފާނެވެ.

ރަސްކަމުގެ ދުވަސްވަރު

ސަރުކާރުގެ ހިންގުމަށް އިސްލާހުތަކެއް ގެންނެވިއެވެ. ދިވެހިރާއްޖޭގައި ހަނގުބޭކަލުން އުފައްދަވައި ވަކި ހަމަތަކެއްގެ މަތިން ތަރުތީބު ކުރައްވައި އެ މީހުންނަށް ވަކި ޤަވާޢިދެއްގެ މަތިން އެއްޗެހި ދެއްވިއެވެ. މިއީ ރާއްޖޭގައި މިކަން މި ގޮތަށް ކުރެވުނު ފުރަތަމަ ފަހަރެވެ. ފައިސާގެ ގޮތުގައި ދިގުލާރި ޖެއްސެވުމާއި، ތާނަ އަކުރުގެ ފެށުން ވެސް އައީ މި ރަސްކަމުގައި ކަމަށް ބުނެވެއެވެ.

ބޮޑުތަކުރުފާނަށް ހަމަޖެއްސެވުމަށް އެންމެ ދަތިފުޅުވީ، ދީން އުނގަންނަވައިދެއްވުމުގެ މައްސަލަތަކެވެ. މިހެނީ، އޭނާ ރަސްކަމަށް އިސްވެވަޑައިގެންނެވި އިރު، އިސްލާމްދީނުގެ ޢިލްމްވެރިއެއް ދިވެހިރާއްޖެއަކު ނެތެވެ. ނަމަވެސް، ދިވެހި ދަންނަބެއިކަލަކު، ރާއްޖެއިން ބޭރުގައި، އެތަކެއް އަހަރު އުޅުއްވުމަށް ފަހު، އެ ދަނޑިވަޅުގައި އެނބުރި މާލެއަށް ވަޑައިގެންނެވިއެވެ.

އެ ބެއިކަލަކީ، އައްޝައްޚު މުޙައްމަދު ޖަމާލުއްދީނެވެ. ދިވެހި ތާރީޚުގެ ވާދޫ ދަންނަކަލޭގެފާނެވެ. މި ކަލޭގެފާނަކީ، ޝަރުޢީ ޢިލްމު އުނގެނުމުގެ މަޤްޞަދުގައި ހިލާލީ ދަރިކޮޅުގެ މުޙައްމަދު ރަސްގެފާނުގެ ރަސްކަމުގައި ރާއްޖެއިން ބޭރަށް ދަތުރުކުރެއްވި ބޭފުޅެކެވެ. ޢިލްމު ޙާޞިލުކުރެއްވީ ޙަޟްރަމައުތުގެ އެކިއެކި އެދުރުބެއިކަލުންގެ ގާތުންނެވެ. އިސްލާމްދީނުގެ ކަންތައްތައް، ހިންގަވައި ދެއްވުމަށް ޓަކައި، މާލޭގައި ހުންނެވުމަށް މުޙައްމަދު ޖަމާލުއްދީންގެ ކިބައިން ރަދުން އެދިވަޑައިގަތެވެ. ނަމަވެސް އެކަލޭގެފާނު އެދިލެއްވީ، "އެކަހެށިން ފުށި ރަށެއްގައި" ހުންނެވުމުގެ އަމުރުފުޅު ދެއްވުމަށެވެ. ރަދުންގެ އަމުރުފުޅާ އެކު އައްޝައިޚު މުޙައްމަދު ޖަމާލުއްދީން ދުރުވެ ވަޒަންވެރިވެވަޑައިގަތީ ހުވަދު އަތޮޅު ވާދޫގައެވެ. އެކަލޭގެފާނުން ހުންނަވާނޭ ގެއެއް އެ ރަށުގައި އަޅުއްވައިގެން ވަރަށް އަވަހަށް ދީނީ ޢިލްމު ކިޔަވައިދެއްވާން ފަށްޓަވައިފިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ރާއްޖޭގެ އެތަންމިތަނުން، ޠާލިބުން އައިސް، އޭނާގެ އަރިހުން ކިޔަވާން ފަށައިފިއެވެ. މިކަލޭގެފާނުންގެ ދަރިވަރުންގެ ތެރެއިން، އެންމެ މަޝްހޫރު މީހުންނަކީ، އަބޫބަކުރު ފަނޑިޔާރުތަކުރުފާނާއި، އައްޑޫ ބޮޑު ފަނޑިޔާރުތަކުރުފާނާއި، ދެ ކަލުންނެވެ.

އަވަހާރަވުން

އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމް ނުވަތަ ބޮޑު ތަކުރުފާނު 11 އަހަރާއި 6 މަސްދުވަހު ރަސްކަން ކުރެއްވުމަށްފަހު ، އަވަހާރަވީ 1 ރަމަޟާން 993 ހ ގައެވެ.އެއީ 18 އޮގަސްޓް 1585މ ގައެވެ. ފަސްދާނު ލެވިފައިވަނީ މާލޭ ބިހުރޯޒް ކަމަނާގެ މިސްކިތުގެ ގޯތި ތެރޭގައެވެ.

މިއަދު އަޅުގަނޑުމެން 78 ވަނަ ގައުމީ ދުވަސް ފާހަގަ ކުރަމުންދާއިރު، ގައުމީ ދުވަހުގެ ބަޠަލް މުޙައްމަދު ތަކުރުފާނަކީ ކޮން ބޭކަލެއްކަން އަޅުގަނޑުމެންނަށް އެނގެން އެބަޖެހެއެވެ. އަޅުގަނޑުމެން މުހައްމަދު ތަކުރުފާނުންގެ ޒިކުރާ މިއަދު އައު ކުރަން އެބަޖެހެއެވެ. ދިވެހިރާއްޖޭގެ ސުކޫލުތަކުގައި މި ވާހަކަތައް ދަރިވަރުންނާ ހިއްސާ ކުރަން އެބަ ޖެހެއެވެ.

މިއަދު އަޅުގަނޑުމެން އިސްލާމްކަންމަތީ ދެމިތިބުމުގެ އަސްލަކީ އުތީމު ތިން ބެއިން ކަޅުއޮއްފުއްމީގައި ކުރެއްވި މަތިވެރި ޖިހާދުކަން ގައިމެވެ. މިނިވަންކަން މަތީ އޮތީ ވެސް އެހެންވެގެންނެވެ. ގައުމީ ދުވަހުގެ ހެޔޮ އެދުންތައް މި އަރިސް ކުރަނީ، ގައުމީ ދުވަހުގެ ބަޠަލް ޤާއިދުލްއަޢުޡަމް އުތީމު މުޙައްމަދު ތަކުރުފާނާއި ބެހޭގޮތުން މައުލޫމާތުކޮޅެއް ހުށަހަޅައިލެވިއްޖެކަމަށް ހީކުރަމުންނެވެ.

މަސްދަރު: ދިވެހި ބަހުގެ އެކެޑަމީ/ ވިކިޕީޑިއާ

 

Ads by Ooredoo
  1. ާއަލީ

    “އަލްޣާޒީ މުޙައްމަދު ތަކުރުފާނަކީ މީލާދީން 1873 ން 1885 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ” 5 ވަބަ ޕެރެގްރާފްގެ އަހަރުތައް ރަނގަޅު ނޫންހެން ހީވަނީ.