މާތް ﷲ ދެކެ ހަގީގީ ލޯބި ވުމަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟: މުފްތީ މެންކް
މިއީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކްގެ ދަރުހަކުން ނަގާފައިވާ ކުރު ނަސޭޙަތް ކޮޅެކެވެ. މާތް ﷲ ގެ އިރާދަފުޅާއެކު، މީގައި މުފްތީ ބުނެ ދެއްވާފައިވާ ބަސްކޮޅު ތަރުޖަމާ ކޮށްދެވޭތޯ މަސަައްކަތް ކުރާނަމެވެ.
"ހަގީގީ ލޯތްބަކީ ކޮބައި ހެއްޔެވެ؟ އެއްދުވަހު މާތް ނަބިއްޔާ (ޞޢޥ) އަރިހަށް އަސްޙާބު ބޭކަލެއް ވަޑައިގެން ވިދާޅުވިއެވެ. 'މާތް ރަސޫލާ (ޞޢޥ) އެވެ. ތިމަން މާތް ﷲ ދެކެ ލޯބިވަމެވެ.'
މާތްް ﷲ ދެކެ ލޯބި ނުވާނީ ކާކު ހެއްޔެވެ؟ އެއީ އަަހަރެމެން ހެއްދެވި އިލާހެވެ.
ކީރިތި ޤުރްއާން ގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
﴿31﴾ قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّهُ غَفُورٌ رَّحِيمٌ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް تبع ވާށެވެ! އޭރުން، اللَّه، ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.
- އަލް އިމްރާން 31 ވަނަ އާޔަތް -
އެއާޔަތުގެ މާނައިގައި ވަނީ، މާތް ﷲ ދެކެ ހަގީގަތުގައި ވެސް ލޯބިވާނަމަ އެކަލާނގެ ރަސޫލާ (ޞޢޥ) އަށް ތަބަޢާވާށެވެ. އެކަލޭގެފާނު އެންގެވި މަގުން އުޅޭށެވެ.
އެކަލޭގެފާނު ވެސް ޙަދީޘްފުޅު ކުރައްވާފައިވަނީ، މާތް ﷲ ދެކެ ލޯބިވާނަމަ، އެކަލޭގެފާނު އެންގެވި މަގުން އުޅުމަށެވެ.
ލޯބިވެޔޭ، ލޯބިވެޔޭ ބުނުމަށްފަހު، އަންގަވާފައި ގޮތަށް ނޫޅޭނަމަ އެވެވެނީ ލޯތްބެއް ނޫނެވެ.
އެކަލާނގެ ދެކެ ލޯބިވާނަމަ ފަތިސް ނަމާދު ގަޑީގައި ނިދަން ނޯވެ، ނަމާދު ގާއިމް ކުރާށެވެ. އަދި އެހެން ނަމާދުތައް ވެސް ގަވާއިދުން އެވަގުތެއްގައި ގާއިމް ކުރާށެވެ.
މާތް ﷲ ދެކެ ލޯބިވާނަމަ ހެދުން އަޅާ ގޮތާއިމެދު ވިސްނާށެވެ. ރަނގަޅަށް ޢަވްރަ ނިވާ ކުރާށެވެ.
މާތް ﷲ ދެކެ ލޯބިވާނަމަ ފާޙިޝް ޢަމަލުތަކުން ދުރުވާށެވެ. ފާޙިޝް ޢަމަލުތައް ހިމެނޭ އެއްޗެހި ވެސް ނުބަލާށެވެ. ޖުވާ ވެސް ނުކުޅޭށެވެ. ކުރުކޮށް ބުނާނަމަ އެކަލާނގެ ދެކެ ލޯބިވާނަމަ އެންމެހާ ނުބައި ޢަމަލުތަކުން ދުރުވެގަންނާށެވެ. ހެޔޮ ޢަމަލުތައް ގިނަ ކުރާށެވެ. އެކަލާނގެއާއި އެކަލާނގެ ރަސޫލާ (ޞޢޥ) އެންގެވި މަގުން ހިނގާށެވެ. އެކަލާނގެ ދެކެ ހަގީގީ ލޯބިވުމަކީ މިއީއެވެ."