ކައުންސިލް އިންތިހާބު އެމްޑީޕީ އަކަށް ފަސޭހައެއް ނުވާނެ: ރައީސް ނަޝީދު

ކުރިއަށް އޮތް ކައުންސިލު އިންތިހާބު އެމްޑީޕީއަށް ފަސޭހައެއް ނުވާނެ ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ތާޖުއްދީން ސްކޫލްގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ފަސޭހަ ނުވާނެ ކަމަށާއި ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހަކީ ރާއްޖޭގައި މި ވަގުތު އޮތް އެންމެ ބޮޑު ސިޔާސީ އެއް މުއައްސަސާ ކަމަމަށް ވާތީ ގައުމީ މަޖިލީހުގެ އެހީތެރިކަމާ އެކު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ގެ ސަރުކާރަށް ކާމިޔާބު ލިބޭނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން އެންމެ އަވަހަށް ކުރިމަތިލާން އޮތް އިމްތިހާނަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބު ކަމަަށެވެ. އަދި ސަރުކާރުގެ ދައުރެއްގެ މެދުތެރެއިން ކުރިމަތިލާން ޖެހޭ އެއްވެސް އިންތިހާބަކީ ފަސޭހަ އިންތިހާބެއް ނޫން ކަމަށެވެ.
މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މި ސަރުކާރުގައި ދެން ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދަށް ކުރިމަތިވެފައިވާ ހީނާރުކަން ކަމަށެވެ.
"އަޅުގަނޑުމެންގެ އިހްތިސާދުގެ މުގުލުގައި ރައީސުލްޖުމްހޫރިއްޔާ ހުންނަވައިގެން އަދި ފިނޭންސް މިނިސްޓަރ ގެ ހިންގުމުގައި އެ ކުރައްވާ މަސައްކަތަކީ އަޅުގަނޑު ހަމަ ގައިމު ވެސް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ނުހަނު ބޮޑަށް ބަލައިގަންނަ މަސައްކަތެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.