ކޮވިޑް-19: ކުޅުދުއްފުށި ކޭސްތަކާ ގުޅިގެން ޚާއްސަ ޓާސްކުފޯހެއް އެކުލަވާލައިފި

ހދ. ކުޅުދުއްފުށީގެ ކޮވިޑް ކޭސްތަކާއި ގުޅިގެން ޚާއްސަ ޓާސްކުފޯހެއް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އެކުލަވާލައިފިއެވެ.
މިކަމާއި ގުޅޭގޮތުން ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީ ގައި ކޮވިޑް-19 ފެތުރޭތީ އެޗްއީއޯސީ ގެ ޚާއްސަ ޓީމަކުން އެކަމާއި ބެހޭ ކަންކަން ބެލުމަށް ރައީސް ޞާލިޙް ނިންމެވުމާއި ގުޅިގެން އެކަމާއި ބެހޭ ޢަމަލީ މަސައްކަތް ނައިބު ރައީސް ފައިސަލް ނަސީމު މިއަދު ފައްޓަވައިފި ކަމަށެވެ.
ކުޅުދުއްފުށީގެ ކޮވިޑް ކޭސްތަކާއި ގުޅިގެން އެޗްއީއޯސީ ގެ ޓެކްނިކަލް ޓީމުގެ ބޭފުޅުން ވެސް ހިމެނޭ ގޮތަަށް ޓީމެއް ފޮނުއްވުމަށް ވަނީ ނިންމަވާފައެވެ.
މިކަމާއި ގުޅޭގޮތުން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމެވީ ޚާއްސަ ޓީމުގެ މަސައްކަތްތައް ކުރިއަށްދާއިރު ކުޅުދުއްފުށި ސިޓީގެ މުހިންމު ކަންތައްތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަކަށް މަަސައްކަތްތައް ރޭވުމަށެވެ.