ދުނިޔެ

ފްރާންސްގެ މިސްކިތެއް 6 މަސް ދުވަހަށް ބަންދުކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ފްރާންސްގެ ވެރިރަށް ޕެރިސްގެ ޕެޓިންގައި މިސްކިތެއް 6 މަސް ދުވަހަށް ބަންދުކުރަން ނިންމާފައިވާ ކަމަށް އެޤައުމުގެ އިންޓީރިއަރ މިނިސްޓްރީން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

އެމިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެސަރަހައްދުގައި ހައްދު ފަހަނަ އަޅާފައިވާ ޖަމާއަތްތަކުގެ މަސައްކަތް ކުރިޔަށް ދާ ކަމަށާއި އަދި މިމިސްކިތަކީ މިހަރަކާތްތަކުގެ މޭސްތިރިން މަސައްކަތް ކުރަމުން އަންނަ މިސްކިތް ކަމުން އެމިސްކިތް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.

ޕެރިސްގެ މިމިސްކިތް ބަންދު ކުރަން އެޤައުމުގެ ސަރުކާރުން ނިންމާފައިވަނީ މިދިޔަ ހުކުރު ދުވަހު، އެޤައުމުގެ މަގުމަތީގައި ޓީޗަރެއްގެ ކަރު ބުރިކޮށްލުމާ ގުޅިގެން ހަމަނުޖެހުން އިތުރު ވެފައިވާ ދަނޑިވަޅެއްގައެވެ.

ޕެރިސްގެ މަގުމަތީގައި ކަރުބުރިކޮށް މަރާލާފައި ވަނީ، އެ ސިޓީގެ ސްކޫލެއްގައި ތާރީޚު އަދި ޖިއޮގްރަފީ ކިޔަވައިދޭ ޓީޗަރެކެވެ. އޭނާ މަރާލާފައި ވަނީ ދީނަށާއި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓޫނުތަކެއް ދަރިވަރުންނަށް ދެއްކި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

މި މައްސަލަ އާއި ގުޅިގެން މީގެ ކުރިން އެ ސްކޫލުގައި ކިޔަވާ ބައެއް ދަރިވަރުންގެ ބެލެނިވެރިން މައްސަލަ ހުށަހަޅާފައި ވެއެވެ. މިގޮތުން މީގެ ކުރިން ފްރާންސްގައި ބަޔަކު އިސްލާމް ދީނަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓޫނުތަކެއް ދަރިވަރުންނަށް ދައްކައި އެކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައި ވާތީ ބެލެނިވެރިން ނުރުހުން ފާޅުކޮށްފައިވާ ކަމަށް ވެސް ނޫސްތައް ބުނެއެވެ. ނަމަވެސް އެކަމާއި ގުޅިގެން އޭނާއާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!