ހައްގު ތައުރީފާއި ޝުކުރު ހުސްވާނެހޭ، ތިޔަ ވަފާތެރިކަން ހިތުން ފިލުވޭނެހޭ؟
ދިވެހިރާއްޖެ ވަށާ މިއަދު ބޯކުރަމުން މިދަަނީ އޭގެ އަނދިރިކަން އަންދާޒާ ނުކުރެވޭހާ ބޮޑު ކަޅު ވިލާގަނޑެކެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް19 ނުވަތަ ކޮރޯނާ ވައިރަސް މިވަނީ ވެރިރަށް މާލެ ސިޓީގައި ވެސް ހަލުވިކަމާއިއެކު ފެތުރެން ފަށާފައެވެ. މިދަނޑިވަޅުގައި މުޅި ގްރޭޓަރ މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު، ގިނަ ރަށްތަކެއް ވެސް ވަނީ ބަންދުކޮށްފައެވެ. މިފަދަ ނާޒުކު ހާލަތެއްގައި އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހޮޅިގެން، ގައުމީ ހިދުމަތުގައި ދެމި ތިބި އެކި ޚިދުމަތްތެރީންނަށް ނަޒަރު ހިންގާލުން މުނާސަބު ވެގެން ވެއެވެ. ނުފުދުނު ނަމަވެސް ޝުކުރުގެ ބަހެއް ވެދުންކޮށް ލެވޭތޯއެވެ.
ލިސްޓުގެ އެންމެ ކުރީގައި ތިބީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކެވެ. ހާއްސަކޮށް ނަރުހުންނާއި ޑޮކްޓަރުންނެވެ. ކޮވިޑް19 ޖެހޭ ފަރާތްތަކަށް ފަރުވާ ދިނުމުގައި ވަރުބަލި ކަމެއް ނެތި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންގެ ނަން ރަން އަކުރުން ތާރީހުގައި ލިޔެވިގެން ދާނެއެވެ. އެއްވެސް ޖެހިލުންވުމެއް ނެތި ދިވެހި ރައްޔިތުންގެ ހައްގުގައި ކުރަމުން ތިގެންދާ މަސައްކަތަށް ކިތަންމެ ވަރަކަށް ޝުކުރު އަދާކުރި ނަމަވެސް އެވަރު މަދުވާނެއެވެ. ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ތިޔަ ބޭފުޅުންގެ ހިތްވަރަށް ހަމަ ސާބަހެވެ. ތިޔައީ އަންނާން އޮތް ޖީލުތަކުން ތިޔަބައިމީހުންނާއި މެދު ފަޚުރުވާނެ ދިވެހިންނެވެ. ސެލިއުޓެވެ.
ދިވެހި ފުލުހުންނާއި ސިފައިންނަކީ އަބަދުވެސް މިގައުމަށް ދިމާވާ ކޮންމެ ކާރިސާއެއްގައި ރައްޔިތުންގެ ހައްގުގައި އެންމެ ފުރަތަމަ ތެދުވާ މީހުންނެވެ. އާއިލާ އާއި ދުރުން، ވަރުބަލި ކަމެއް ނެތި ދިވެހި ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގައި ތި ތިއްބެވި ސާބިތުކަމަށް މުޅި ދިވެހި ގައުމު ފަހުރުވެރިވާނެއެވެ. ކޮވިޑް19އާ ގުޅިގެން މާލެ ސިޓީ ލޮކްޑައުން ކުރުމުން، އާއްމުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުން ފެށިގެން، އާންމުންގެ މީހަކު ގެ ބަދަލު ކުރި ނަމަވެސް ސާމާނު އުފުލުމުގައި ފުލުހުންނެވެ. މި ހުރިހާ މަސައްކަތަކެއްގައި ދިވެހި ފުލުހުން ދާ އޮހޮރުވަމުންދާއިރު ބްލަޑް ބޭންކުން ލޭ މަދުވި ނަމަވެސް "އާދޭހޭ" ކިޔާ ބުލަޑް ބޭންކަށް އެމީހުންގެ ލޭ ހަދިޔާ ކުރުމަށް އެ ދުއްވައި ގަންނަނީ ފުލުހުންނެވެ. ގައުމާއި ރައްޔިތުންގެ ހައްގުގައި ތިވެލައްވާ ހުރިހާ ގުރުބާނީއަކަށް ސިފައިންނާއި ފުލުހުންނަށް ހިތުގެ އުމުގުން ނުހަނު ލޯތްބާއެކު ޝުކުރު އަދާކުރަމެވެ.
ކޮވިޑް19 މާލެގައި ފެތުރެމުންދާ މި ދަނޑިވަޅުގައި ބޭރުތެރޭގައި އުޅުމަކީ ކިހާ މިންވަރަކަށް ނުރައްކާ އޮތްކަމެއް ކަން އެނގިތިބެމެ މާލެ ކުނިވާން ދޫކޮށް ނުލާ، ވެމްކޯގެ ހީވާގި މުވައްޒަފުން ކޮންމެ ދުވަހަކު ގްރޭޓަރ މާލެ ސަރަހައްދު ސާފު ކުރުމަށް ތިކުރައްވާ ބުރަ މަސައްކަތް ފެނި، ލޮލުން ސުކުރުގެ ކަރުނަ ނިރާލައެވެ. މާލެ ސަރަހައްދު ސާފުކޮށް ބެހެއްޓުމަށް ވަރުބަލި ކަމެއް ނެތި ތިކުރައްވާ މަސައްކަތަކީ ހަމަގައިމުވެސް ޝުކުރުގެ ދެތިން ބަހަކުން އެކަމުގެ އަގު ވަޒަން ކުރެވޭނެ ކަމެއް ނޫނެވެ.
ކޮވިޑް19 ފެތުރޭ މިދަނޑިވަޅުގައި ނޫސްވެރިންނާއި ސަރުކާރުން އެކުލަވާލި ކޮވިޑް19 ޓާސްކް ފޯހުން ކުރަމުން ގެންދާ ބުރަ މަސައްކަތްވެސް ފާހަގަކޮށްލާނަމެވެ. ވަރުބަލި ކަމެއް ނެތި، ރައްޔިތުންނަށް ކޮވިޑް19 ގެ އެންމެ ފަހުގެ މައުލޫމާތު ގެނެސް ދިނުމަށް ތިކުރާ މަސައްކަތް ހުރިހާ ރައްޔިތުންވެސް ޝުކުރުން ފުރިފައިވާ ހިތްތަކަކާއިއެކު ބަލައިގަންނަ ކަން ފާހަގަކުރަމެވެ. ނޫސްވެރިންނާއި ކޮވިޑް19 ޓާސްކް ފޯހުން ގައުމަށް އެކޮށްދެނީ ހާދަ އަގުހުރި މަސައްކަތެކެވެ.
ފުރަބަންދުގައި ތިބި އާއްމުންނަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ މަސައްކަތް ކުރާ ފަރާތްތަކާއި، ކޮވިޑް19އާ ގުޅޭ ކަންކަމުގައި ހިލޭ ސާބަހަށް ހަރަކާތްތެރިވާ ފަރާތްތަކަށް ވެސް ޝުކުރު ހައްގެވެ. ހަމަގައިމުވެސް ގައުމަށްޓަކައި ތި ވެވަޑައިގަންނަވާ ގުރުބާނީ އަޅުގަނޑުމެން އަބަދުވެސް ހަނދާން ހުންނާނެއެވެ. އަންނާން އޮތް ޖީލުތަކަށް ތިޔަބައިމީހުންގެ ޚިދުމަތް ފޮތްތަކެއްގެ ސިފައިގައި ގެންދާނަމުއެވެ.
އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ލައިގެން، އިންސާނިއްޔަތަށްޓަކައި، ކޮވިޑް19 އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އެހީތެރިވެދެއްވާ ހުރިހާ ދިވެހި ހިތްވަރު ގަދަ ފިސާރި ދަރިންނަށް ޝުކުރު އަދާކުރަމެވެ. ހަމަގައިމުވެސް ދިވެހި ތާރީހުގައި ކޮވިޑް19އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެހީތެރިވި ހުރިހާ ފަރާތްތަކެއްގެ ނަން ރަން އަކުރުން ލިޔެވިގެންދާނެއެވެ. ތިޔަ ހިދުމަތްތެރިންގެ ނަން ވުޖޫދުގައި ވިދާ ބަބުޅާނެއެވެ. ﷲ ތިޔަބައިމީހުންގެ މަސައްކަތުގައި ބަރަކާތް ލައްވާ ހެޔޮ ޖަޒާ މިންވަރު ކުރައްވާށިއެވެ.