މެންބަރުން މިނިސްޓަރުންނަށް ގުޅާ ދާއިރާގެ ކަންކަމުގައި ނުކިޔަން މަޖިލީހުގެ ރައީސް އެދިވަޑައިގެންފި
މަޖިލީހުގެ މެންބަރުން މިނިސްޓަރުންނަށް ގުޅާ އެމެންބަރުންގެ ދާއިރާގެ ކަންކަމުގައި ނުކިޔުމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މެންބަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
ރައީސް ނަޝީދު މިއަދުގެ ޖަލްސާގައި މި މޭރުމުން ވާހަކަފުޅު ދެއްކެވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ސުވާލު ކުރުމުގެ ތެރެއިން މެންބަރަކު ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން މިއަދުގެ ޖަލްސާގައި ދާއިރާގެ ކަންކަމުގައި މަޝްވަރާ ކުރުމަށް މިނިސްޓަރު އިމްރާނަށް ފޯނުން ނުގުޅޭތީ ކަންބޮޑުވުން ފާޅު ކުރެއްވިއެވެ. އަދި ދާއިރާއާ ގުޅޭ ކަންކަމުގައި މަޝްވަރާ ކޮށް އެކަންކަން ސާފު ވާނީ މަޖިލީހަށް ހާޒިރުކޮށްގެން އެކަނިތޯ ސުވާލު އުފެއްދެވިއެވެ.
އިކްރާމް މިގޮތަށް ސުވާލު އުފެއްދެވުމުން ރައީސް ނަޝިދު ވިދާޅުވީ، ދާއިރާގެ ކަންކަން ސާފު ކުރަންވާނީ މިނިސްޓަރަށް ގުޅައިގެން ނޫން ކަމަށާއި މެންބަރާ މެދު ގުޅުން ގާއިމުކުރަން ވާނީ މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްގެން ކަމަށެވެ.
ހަމަ އެހެންމެ ނަޝީދު ވިދާޅުވީ އެގޮތަށް މިނިސްޓަރަކާ މެންބަރަކާ ދެމެދު އޮންނަ ރަހުމަތްތެރިކަމުގެ ސަބަބުން ފޯނުން ގުޅައިގެން ދާއިރާގެ ކަންކަމުގައި އެދޭނަމަ އެހެން ދާއިރާތަކުގެ މެދުގައި ތަފާތު ކުރުމަށް މަގުފަހި ވެގެން ދާނެ ކަމަށެވެ. އަދި ނިޒާމް ބައްޓަންވެފައި ވަނީ އެގޮތަށް އެކަން ކުރުމަށް ނޫންކަމުގައި ވެސް ފާހަގަ ކުރެއްވިއެވެ.
މެންބަރު އިކްރާމްގެ ވާހަކަތަކާ ގުޅިގެން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅުވައި މިނިސްޓަރު އިމްރާން ވިދާޅުވީ، އޭނާއަށް ވީވަރަކުން ހުރިހާ މެންބަރުންގެ ކަންބޮޑުވުންތައް އައްސަވަމުން ގެންދަވާ ކަމަށެވެ.