އަނެކާއާއިމެދު ހެޔޮ ބަހެއް ނޫނީ ނުބުނެވޭނަމަ ހަނު ހުރުން ބުއްދިވެރި: މުފްތީ މެންކް
މީހުންގެ ނުބައި ވާހަކަ ދެއްކުމަކީ ވަރަށް ގިނަ މީހުންކުރާ، ވަރަށް ވެސް ނުބައި އާދައެކެވެ. އަނެކާއަށް ގޯސްކޮށް ކަމެއް ނުކުރެވޭއިރު ވެސް އޭނާ އާއިމެދު ގޯސްކޮށް ދުށުމާ ، ހުންނަ ޒާތީ ނުރުހުމެއްގެ ސަބަބުން އޭނާގެ ރަނގަޅު އެއްވެސް ސިފައެއް ނުފެނުމަކީ ބައެއް މީހުންގެ ޠަބީޢަތުގައި ހަރުލާފައި ހުންނަ ވަރަށް ވެސް ނުރަނގަޅު އާދައެކެވެ.
ދީނީ ޢިލްމުވެރިޔާ މުފްތީ މެންކު ނަސޭޙަތް ދެއްވާފައި ވެއެވެ.
" އަނެކާއާއި ބެހޭގޮތުން ވާހަކައެއް ދައްކަނީނަމަ، ހެޔޮ ބަހެއް ނޫނީ ނުބުނާށެވެ. ހެޔޮ ބަހެއް ބުނެވެން ނެތްނަމަ ހަނުހުރުން ބުއްދިވެރިއެވެ.
މިއީ އަހުރެންގެ އަމިއްލަ ވިސްނުމުގެ މައްޗަށް އެކަނި ރިޢާޔަތްކޮށް ބުނާ ވާހަކައެއް ނޫނެވެ.
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ ﷺ قَالَ: «مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ؛ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ. وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ؛ فَلْيُكْرِمْ جَارَهُ. وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ؛ فَلْيُكْرِمْ ضَيْفَهُ»
އަބޫ ހުރައިރާ رَضِيَ اللَّهُ عَنْهُ ރިވާ ކުރެއްވިއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: ”ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ، ފަހެ އޭނާ ހެޔޮ ބަސް ބުނާށެވެ. ނޫންނަމަ ހަނު ހުންނާށެވެ. އަދި ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ، ފަހެ އޭނާގެ އަވަށްޓެރިޔާއަށް ހެޔޮކޮށް ހިތާށެވެ. އަދި ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ، ފަހެ އޭނާގެ މެހުމާނާއަށް ހެޔޮކޮށް ހިތާށެވެ.“
رَوَاهُ الْبُخَارِيُّ [6475]، وَمُسْلِمٌ [0047*]
މި ޙަދީޘްފުޅުން ވެސް ހާމަވެގެން ދަނީ މާތް ﷲ އަށާއި އެކަލާނގެ ރަސޫލާ (ޞޢޥ) އަށް ފުރިހަމައަށް އީމާންވެ، އާޚިރަތާއިމެދު ވިސްނާ މީހަކުނަމަ، އަނެކާއާއިމެދު ހެޔޮ ބަހެއް މެނުވީ ނުބުނާނެ ކަމެވެ.
އެހެންކަމުން އަމިއްލަ ނަފްސާއި ސުވާލު ކޮށްލާށެވެ. ޤިޔާމަތް ދުވަސް އަންނާނެކަން ޤަބޫލު ކުރަންތޯ، ތިމާގެ ހުރިހާ ޢަމަލުތަކަކާއިމެދު ޖަވާބުދާރީ ވާން ޖެހޭ ދުވަހެއް އަންނާނެކަން ޤަބޫލުކުރަންތޯ ސުވާލު ކޮށްލާށެވެ. ތިމާހުރީ އާޚިރަތް ދުވަހަށް ތައްޔާރަށްތޯ ސުވާލު ކޮށްލާށެވެ.
މިކަންކަން ފުރިހަަމައަށް ޤަބޫލުކުރާނަމަ، ތިމާގެ ހުރިހާ ޢަމަލުތަކަކުންނާއި ބުނެވޭ ބަސްތަކުން ވެސް އެކަން ހާމަވާން ހުންނަން ވާނެއެވެ.
މާތް ﷲ އަޅަމެންނަށް ސީދާ ވެގެންވާ ތެދުމަގު ދައްކަވާފާނދޭވެ. އަޅަމެންނަށް ދެދުނިޔޭގައި ވެސް ހެޔޮކަން އަދި އާޚިރަތުގައި ވެސް ހެޔޮކަން ދެއްވާފާނދޭވެއެވެ. އާމީން"