ކޮވިޑް-19: ކުޅުދުއްފުށިން ފަހުން ނެގި ހުރިހާ ސާމްޕަލެއް ނައްސި
ހދ. ކުޅުދުއްފުށިން ކޮވިޑް-19 އަށް ފައްސިވީ މީހުންނާއި ގުޅިގެން ނެގި 78 ސާމްޕަލާއި ރެންޑަމްކޮށް ނެގި 120 ސާމްޕަލް ވެސް ނައްސި ވެފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން މިރޭ ހާމަކޮށްފިއެވެ.
އެސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަބްދުﷲ މައުރޫފް ވިދާޅުވީ މި އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު ކުޅުދުއްފުށިން ހަތަރު މީހަކު ފައްސި ވެފައިވާއިރު އެމީހުންނާއި ކޮންޓެކްޓްވި މީހުންގެ އަދަދު އުޅެނީ 78 ގައި ކަމަށެވެ.
މައުރޫފް އިތުރަށް ވިދާޅުވީ ކުޅުދުއްފުށީގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް ރެންޑަމްކޮށް 120 ސާމްޕަލެއް ނަގާފައިވާ ކަމަށާއި އެހުރިހާ ސާމްޕަލެއް ވެސް ނައްސި ކަމަށެވެ.
މީގެއިތުރުން މައުރޫފް ވިދާޅުވީ ރެންޑަމް ސާމްޕަލް ނެގުމުގައި ބަލާފައި ވަނީ ކޮމިއުނިޓީ ސާވިސްދޭ ފަރާތްތަކަށް ކަމަށާއި އެގޮތުގެ ދަށުން ބިދޭސީ މަަސައްކަތްތެރިންގެ ތެރެއިން 34 ސާމްޕަލަކާއި 17 ފިހާރައަކުން އަދި 24 ކެފޭ ރެސްޓޯރަންޓެއްގެ އިތުރުން ބޭންކާއި އެއާޕޯޓުން 13 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ.