ތިޔަ ނިންމެވުމަކީ ވަރަށް ވެސް ފުރިހަމަ ނިންމެވުމެއް: ރައީސް ނަޝީދު
މިނިސްޓަރ އޮފް ހެލްތުގެ މަގާމަށް ހ. ހިކިފިނިފެންމާގޭ އަހުމަދު ނަސީމް (ކެރަފާ ނަސީމް) އައްޔަން ކުރެއްވުމުން، މަޖިލިސް ރައީސް މުޙައްމަދު ނަޝީދު އެކަމަށް ތައުރީފު ކުރައްވައިފިއެވެ.
ނަސީމް ހެލްތު މިނިސްޓަރު ކަމަށް އައްޔަނު ކުރެއްވުމުން އެކަމަށް މަރުހަބާ ދަންނަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ސިއްޙީ ދާއިރާއަަށް ނުހަނު ބޮޑަށް ހިންގުންތެރި، ތަޖުރިބާހުރި ބޭފުޅެއް ބޭނުން ވެފައިވާ މިދަނޑިވަޅުގައި، ނަސީމް އެމަގާމަށް އައްޔަނު ކުރުމަކީ ރައީސް ޞާލިޙް ނިންމެވި ވަރަށް ފުރިހަމަ ނިންމެވުމެއް ކަމަަށެވެ.
"އަޅުގަނޑަށް ޔަގީން މިނިސްޓަރ ނަސީމް ތަފާތު ދައްކަވާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރު ކަމަށް ނަސީމް އައްޔަނު ކުރެއްވިއިރު އޭނާ ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގައެވެ. މީގެއިތުރުން އޭނާ އަކީ ވެރިކަން ކުރާ ޕާޓީ އެމްޑީޕީ ގެ އިސް ބޭފުޅެއް ވެސް މެއެވެ.
ހެލްތު މިނިސްޓަރ ކަމަށް ނަސީމް އައްޔަނު ކޮށްފައި މިވަނީ ކުރިން އެމަގާމުގައި ހުންނެވި ޢަބްދުﷲ އަމީން އިއްޔެ އިސްތިއުފާ ދެއްވުމުންނެވެ. އަމީން އިސްތިއުފާ ދެއްވީ ވެންޓިލޭޓަރު މައްސަލައިގައި ޚިޔާނާތްތަކެއް ހިންގާފައިވާކަމުގެ ތުހުމަތުތަކެއް ކުރެވި، އެމައްސަލަ ބަލާ، އެކަމާއި ގުޅިގެން އޭނާ މަގާމުން ވަކި ކުރުމުގެ މަސައްކަތްތަކެއް ވެސް ކުރަމުން ދަނިކޮށެވެ.