ބޭރު ދުނިޔެ

ބޭރުމީހުންނަށް އިންޑިއާގެ ބޯޑަރުތައް ހުޅުވަން ނިންމައިފި

މުޙައްމަދު ޝިފާއު

ދުނިޔެއަށް ކުރިމަތިވެފައިވާ ދުނިޔަވީ ވަބާއެއް ކަމުގައިވާ ކޮވިޑު-19ގެ ސަބަބުން އިންޑިއާގެ ބޯޑަރުތައް ބަންދުކޮށް، އެތައް މަސްތަކެއް ފަހުން އިންޑިއާގެ ބޯޑަރުތައް ހުޅުވާލަން ނިންމައިފިއެވެ.

އިންޑިއާގެ ހޯމް މިނިސްޓަރު މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ، ފަތުރުވެރިން ނޫން ގޮތަށް އިންޑިއާއަށް އަންނަ ބޭރު މީހުންނަށް މިހާރު އިންޑިއާގެ ބޯޑަރު ހުޅުވާލެވިފައިވާ ކަމަށާއި، ހުއްދަ ދެވޭ މީހުންގެ ތެރޭގައި، އޯވަސީސް ސިޓިޒެން އޮފް އިންޑިއާ ކާޑާއި، ޕާސަން އޮފް އިންޑިއަން އޮރިޖިން ކާޑު އޮންނަ މީހުން ހިމެނެއެވެ.

އެ މިނިސްޓްރީން މިއަދު ބުނެފައިވާ ގޮތުގައި، ކޮވިޑު ބަލިމަޑުކަމުގެ ސަބަބުން ގައުމުން ބޭރުގައި ތާށިވެފައިވާ މީހުން އަނބުރާ ގަައުމަށް ގެންދަން ހިންގާ "ވަންދޭ ބާރަތު މިޝަން" ގެ ފްލައިޓުތަކުން އަދި "އެއާ ޓްރެވެލް ބަބުލް" ހަދާފައިވާ ގައުމުތަކާއި، ދެމެދުގައި ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަނުން ހުއްދަ ދެވޭ އެހެން ފްލައިޓު ތަކުންނެވެ.

ހަމަމިއާއިއެކު، އިލެކްޓްރޯނިކް ވިސާ، ޓޫރިސްޓު ވިސާ އަދި މެޑިކަލް ވިސާތައް ފިޔަވައި ބޭރު މީހުންގެ އަތުގައި މިހާރު އޮތް ހުރިހާ ވިސާއެއް ވެސް ބޭނުންކުރެވޭ ގޮތަށް އިންޑިއާ ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އިންޑިއާއަށް ބޭސް ފަރުވާއަށް ދާން ބޭނުންވާ މީހުން ދެން ޖެހޭނީ އައު މެޑިކަލް ވިސާއެއް ހައްދަން ކަމަށް ވެސް އެގައުމުން ވަނީ ބުނެފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!