ޚަބަރު

ރައީސް ވައުދުވީ ވަޒީފާގެ ބިރު ފިލުވާލަން، އެމްޓީސީސީން ފެންނަނީ އޭގެ އިދިކޮޅު!

ދެން އެމްވީ ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން އެތައް ވައުދެއް ވެވަޑައިގަތެވެ. އެގޮތުން ވަޒީފާގެ ބިރު ފިލުވާލާނެ ކަމަށް، އެތައް ފަހަރަކު، އެތައް ޕޯޑިއަމެއްގައި، އެތައް ގޮތަކަށް ވައުދުވެ ވަޑައިގަތެވެ. އެކަމަކު އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމުން ކަން ހިނގަނީ ހަމަ އެ އުސޫލުން ހެއްޔެވެ؟ ނޫނެކެވެ. ފެންނަނީ އެ މަންޒަރެއް ނޫނެވެ.

Ads by Sosun Fihaara

ސަރުކާރު ހިއްސާވާ އެމްޓީސީސީ އަށް އެކަނި ބަލައިލުމުން މިއަދު އެކަން ވަރަށް ރަނގަޅަށް ސާފެވެ. އެތައް ދުވަހަކު އެ ކުންފުނީގެ މަތީ މަގާމުތަކުގައި ތިބި ގާބިލް، ތަޖުރިބާކާރު އަދި މުވައްޒަފުންގެ އިހުތިރާމާއި ލޯބި ލިބިފައިވާ އިސް ވެރިން ތަކެއް ކުއްލިއަކަށް ވަޒީފާއިން ވަކި ކޮށްފިއެވެ. ވަކިކުރި މަގާމުތަކަށް މުޅިން އާ ބަޔަކު ގެނެސް ކުންފުނީގެ ތެރޭގައި ހަޑި ހާވަން ފަށާފައިވާ ކަމުގެ އަޑުތައް އިންތިހާ އަށް ގަދަވެއްޖެއެވެ.

އެމްޓީސީސީގެ ތެރެއަށް މި ތޫފާން އެރީ، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އާދަމް އާޒިމް އެ ކުންފުންޏާ ހަވާލުވުމާ އެކުގައެވެ. އެގޮތުން ފުރަތަމަ ވަކިކުރީ ސީއެފްއޯ މުހައްމަދު ހިލްމީ އާއި ޓްރޭޑިންގެ ޖެނަރަލް މެނޭޖަރު އިސްމާއިލް އަދުހަމެވެ. އެއަށް ފަހު، ކޮމްޕެނީ ސެކްރެޓަރީގެ މަގާމުގައި ހުންނެވި ފާތުމަތު ލިއުޝާއަށް މަގާމުން އިސްތިއުފާ ދޭން މަޖުބޫރު ކުރުވައިގެން އޭނާ މަގާމުން ވަކިވިއެވެ. އަދި ޕްރޮކިއުމަންޓް މެނޭޖަރު އަލީ ޝާހިދު ވަނީ ވަކިކޮށްފައެވެ. އޭގެ އިތުރުން އާޒިމް ބޭނުންވި ގޮތަށް ކަންކަން ނުކުރުމުން، އެމްޓީސީސީގެ ރިއަލް އެސްޓޭޓް ކުންފުނި އުވާލަން ނިންމި ކަމަށް ބުނެ، އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރަކަށް ހުންނެވި އިހުސާން ޝަރީފް ވަކިކުރިއެވެ.

އޭގެ އިތުރުން އެތައް ބަޔަކު ވަނީ މަގާމުގެ މަސްއޫލިއްޔަތުން ދުރުކޮށް "އެހެލާފަ"އެވެ. އަދި އާޒިމް ގެންގުޅޭ "އަޅުވެތި ކުރުވުމުގެ" ސިޔާސަތާމެދު ހިތްހަމަ ނުޖެހިގެން އެ ކުންފުނީގައި ގިނަ ދުވަސްވީ އެތައް މުވައްޒަފުންނެއް ވަނީ އަމިއްލަ އަށް ވަކިވެގެން ގޮސްފައެވެ. އެގޮތުން އާޒިމްގެ ޕްރެޝަރާ ހެދި ލޮޖިސްޓިކްސްގެ ޖެނަރަލް މެނޭޖަރަކަށް ހުންނެވި ހުސައިން ޒުހުރީ ކުންފުނި ދޫކޮށް އިސްތިއުފާ ދިނުން ފާހަގަ ކުރެވެއެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލަތައް ސީދާ ރައީސް ސޯލިހުގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. އެކަމަކު އަދި މިކަމާއި މެދު އެއްވެސް ފިޔަވަޅެއް އެޅިތަނެއް ނުފެނެއެވެ. އަނެއްކާ މިއީ ރައީސް ސޯލިހު ވައުދުވި ވަޒީފާގެ ބިރުވެރިކަން ނައްތާލާ ގޮތުގެ މިސާލެއް ހެއްޔެވެ؟ ވަޒީފާއިން އެތައް ބަޔަކު ވަކިކޮށް އެތައް އާއިލާއެއް ބިކަ ކުރަމުން ދާއިރު ސަރުކާރުން މި ސުވާލުގެ ޖަވާބު އެ އާއިލާތަކަށް ސާފުކޮށް ދޭން ޖެހޭނެއެވެ.

އެމްޓީސީސީގެ އިސް ވެރިންތަކެއް ކުއްލި އަކަށް، މައްސަލައެއް ނެތި ވަޒީފާ އިން ވަކިކުރުމަށް ފަހު ދެން ގެނައީ "ޖަރީމާ" ހިންގުމަށް އާޒިމްއާ އެކު ގެންގުޅޭ ޓީމެއް ކަމަށް ވެއެވެ. އެގޮތުން އެއީ ކުރީ ސަރުކާރުގައި އާޒިމް އެސްޓީއޯގައި ހުރިއިރު އެ ތަނުން ފެށިގެން، އޭނާ ހިންގުމާ ހަވާލުވާ ކޮންމެ ކުންފުންޏަކަށް ވެސް، އާޒިމްގެ ފަހަތުން އަންނަ ބައެކެވެ. އެކަމަކު އާޒިމް މީޑިއާތަކަށް ވިދާޅުވާ ގޮތުން ސިޔަވަނީ އެއީ "އިއްތިފާގެއް"ގެ ގޮތުގައެވެ. އެކަމަކު ހަގީގަތަކީ އެއީ ބޮޑު ކޮރަޕްޝަނެކެވެ. އެކަން ފަޅާއަރައި، އެތައް ބަޔަކު އެ ވާހަކަ ދައްކަން ފެށުމުން ތެޅިގަނެގެން މީޑިއާގައި ދެއްކެވީ ޖޯކު އަދި ތާކުންތާކު ނުޖެހޭ ވާހަކަތަކެކެވެ.

އެމްޓީސީސީގެ ޕްރޮކިއުމަންޓް ހެޑަކަށް އާޒިމް ގެނައި، އޭނާގެ ގާތް އެކުވެރިޔާ އަބްދުﷲ ޝަފީއު މަހުމޫދަކީ އެސްޓީއޯގެ ބިޑް ކޮމެޓީން ކޮރަޕްޝަން ހިންގި މައްސަލައެއްގައި ދައުވާ ކުރުމަށް ފޮނުވާފައިވާ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭސީސީން 2013 ވަނަ އަހަރު އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ބުނެފައިވަނީ އެސްޓީއޯގެ ބިޑް ކޮމިޓީގެ ހުރިހާ މެމްބަރުންގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ބެހޭ ގާނޫނުުގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖައިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ މިހާރު ގޮސްފައި އޮތީ ކިހާ ހިސާބަކަށް ކަމެއް ސާފެއް ނުވެ އެވެ.

އޭގެ އިތުރުން ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގެ ހެޑަކަށް އައްޔަން ކޮށްފައިވާ ރަމްޒީ އަބޫބަކުރަކީ، މި ސަރުކާރުން އެސްޓީއޯގެ ހިންގުން ހުސައިން އަމްރަށް ހަވާލު ކުރުމުން އެ ކުންފުނީގެ ސްޓްރަކްޗަރަށް ބަދަލު ގެނެސް، ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ވަކިކުރި މީހެކެވެ. އެއާއި އެކު އޭނާ ދިޔައީ އާޒިމް އެމްޑީއަކަށް ހުރި، އެމްޑަބްލިއުއެސްއީގެ، އައިލެންޑް ބެވަރޭޖްގެ ޖެނަރަލް މެނޭޖަރަކަށެވެ. އާޒިމް އެ ކުންފުނިން ވަކިވެ، އެމްޓީސީސީ އަށް އައުމާއު އެކު ރަމްޒީ އަށް އެމްޓީސީސީގެ މަތީ ވަޒީފާއެއް ލިބުމަކީ ހަމަ އިއްތިފާގެއް ހެއްޔެވެ؟

ދެން އޮތީ ކޮމްޕެނީ ސެކްރެޓަރީ އަކަށް ވެއްދި އައިމިނަތު ޝިއުނާގެ ވާހަކައެވެ. އޭނާ އަކީ އާޒިމް އެސްޓީއޯ އެމްޑީއަކަށް ހުރި އިރު ޕާސަނަލް ސެކްރެޓަރީއެވެ. ޕަބްލިކް ކުންފުންޏެއްގެ ކޮމްޕެނީ ސެކްރެޓަރީ އަކަށް އޭނާ ނެގި އިރު، އެކަމުގެ އެއްވެސް ތަޖުރިބާއެއް ވެސް ނެތެވެ. އޭނާ އެ މަގާމަށް ނެގީ ޕަބްލިކް ކުންފުންޏެއްގައި 10 އަހަރު ވަޒީފާ އަދާކުރުމުން، އެ ތަޖުރިބާ އަށް ބަލައިގެން ކަމަށް ވެއެވެ.

ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ގޮތަށް ގިނަ މުއާމަލާތްތަކެއް އެމްޓީސީސީގެ ތެރެއިން އާޒިމް ހިންގަމުން އަންނަ ކަމަށް ތުހުމަތު ކުރެވޭއިރު  އާޒިމްގެ ޓީމް އެމްޓީސީސީ އަށް ވެއްދީ ސީދާ އޭނާގެ ނުފޫޒުން، އުސޫލުތަކާ ހިލާފަށް ކަމަށް އެމްޓީސީސީގެ ބޯޑު މެމްބަރަކު، ނަން ނުޖަހަން ޝަރުތުކޮށް “ދެން”އަށް މައުލޫމާތު ދީފައި ވެއެވެ. އެގޮތުން ޕްރޮކިއުމަންޓް ހެޑަކަށް ޝަފީއު ގެނައުމަށް، އެ މަގާމުގެ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރު) ބަދަލުކުރި ކަން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ޝަފީއު އަކީ ސީމާ ހަދާފައި ހުރި މީހެއް ކަމުން، އެ މަގާމު އިއުލާނު ކުރި އިރު، ސީދާ ޝަފީއު މަގާމަށް ނެގުމަށް ޝަރުތުތައް އެކަމަށް ފަހިވާގޮތަށް ބަދަލު ކުރި ކަމަށް ވެއެވެ.

އެމްޓީސީސީ އަށް ރަމްޒީ ވެއްދީ އެސިސްޓަންޓް ޖެނަރަލް މެނޭޖަރެއްގެ މަގާމަށެވެ. އެކަމަކު އެ މަގާމުގެ ޕްރޮބޭޝަން ވެސް ހަމަނުވެ އުޅެނިކޮށް، އެއް މަހާއި 12 ދުވަސް ފަހުން އޭނާ ޖެނަރަލް މެނޭޖަރެއްގެ މަގާމަށް ޕްރޮމޯޓް ކުރީ އެވެ. އޭނާ އެ މަގާމަށް ވެއްދި އިރު ވެސް، ޓީއޯއާރު ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން އިންޖިނިއަރިން އާއި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮމްޕޯނަންޓް ވަކިކޮށް، ރަމްޒީ ކިޔަވާފައި ހުރީ މެނޭޖްމަންޓް ދާއިރާއިން ކަމަށް ވުމުން، އޭނާ އަށް އެ މަގާމު ލިބޭނެ މަގު ފަހިކޮށްދިނީއެވެ.

ރަމްޒީ އަށް ޖެނަރަލް މެނޭޖަރުގެ މަގާމު ދޭން އޭނާގެ މަތިން ޖެނަރަލް މެނޭޖަރަކަށް ހުރި އަހުމަދު ލަތީފު، ސީދާ އާޒިމްގެ ރޭވުމުގެ ދަށުން ޗީފް ރިސްކް އޮފިސާގެ ނަމުގައި މަގާމެއް ހަދައި، އެ މަގާމަށް ބަދަލު ކުރީ އެވެ. މިއަދާ ހަމައަށް ވެސް ލަތީފުގެ ދަށުން އެއްވެސް މީހަކު މަސައްކަތް ކުރަން ލާފައި ނުވާއިރު، އެމްޓީސީސީގެ ޓީމުން ފާހަގަ ކޮށްލެވޭ ވަރުގެ ތަޖުރިބާކާރު އަދި ތައުލީމީ ބޭފުޅެއް ކަމަށްވާ ލަތީފު މިހާރު އެ ހުރީ "އެހެލާފަ" އެވެ.

އާޒިމް ވިދާޅު ވަނީ އެއީ ބޯޑުން ނިންމާ ނިންމުންތަކެއް ކަމަށާއި، އެކަމަކީ އާޒިމް ކުރާ ކަމެއް ނޫން ކަމަށެވެ. އެކަމަކު ހަގީގަތުގައި ކަން ހިނގަނީ ވަރަށް ތަފާތު ކޮށެވެ. އެއްވެސް މަގާމަކަށް މީހަކު ނަގާއިރު އިންޓަވިއު ކުރުމަކީ ބޯޑުން ކުރާ ކަމެއް ނޫނެވެ.ބޯޑުން ހަމައެކަނި ކުރާނެ ކަމަކީ އެ މަގާމުތަކަށް އައްޔަން ކުރަން ފެންނަނީ މިވެނި މީހެއް ކަމަށް ބޯޑަށް ހުށަހެޅުމުން، އެންޑޯޒް ކުރުމެވެ. އާންމުކޮށް އެގޮތަށް ހުށަހަޅާ ހުށަހެޅުންތައް، ވަރަށް ބޮޑު މައްސަލައެއް ފާހަގަ ނުވާނަމަ ބޯޑުން ފާސްކުރާނެ އެވެ.

މި މައްސަލަތައް ސީދާ ރައީސްގެ ސަމާލުކަމަށް ގެނެސްފައިވާއިރު، އޭސީސީ އާއި ރައީސް އޮފީހުގެ ކޮރަޕްޝަނުގެ މައްސަލަތައް ހުށަހަޅާ ޕޯޓަލް އަށް ހުށަހެޅުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހާއި، ޕްރައިވަޓައިޒޭޝަން ބޯޑާއި، ލޭބާ ރިލޭޝަން ފަދަ ތަންތަނުގެ ސަމާލު ކަމަށް މި މައްސަލަތައް ގެނައުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

Ads by Allied Insurance
  1. އެމްޓީސީސީ

    ޖަރީމާ އައްޕަ.

  2. ިަފަހުދު

    އާޒިމު ސަރުކާރުން ބޭރުކުރޭ!!މީނާގެ ވެސް ކޮރަޕްްޝަން
    މައްސަލަތައްބަލާ ފިޔަވަޅުއަޅާދީ

  3. މުހައްމަދު

    ވަގުން އަށް ލިބެމުން ދޔަ އެއްޗެހިތަށް ނުލިބެން ފެށީމަ ހުޅުނބު ދަން ދެން ތެޅެނީ.. ހިލްމީ ކިހިނެއްހޭ ނޯވެލް ހުޅުވީ… ވަޒީފާ ގަ ލިބެމުން ދިޔަ ލާރިން ހަމަ؟؟

  4. ާަަާނިއުމަ

    މަރިއަން މަނިކެ ޣެ ވާހަކަވެސް ގެނެސް ދިން ނަމަ

  5. ޢަލީ

    އާދަމް އާޒިމް އަކީ ވަރަށް ނުލަފާ ޖަރީމާ ހިންގުމަށް އަރާހުރި މީހެއެށް. ތީ އެސް. ޓީ . އޯގެ ނޫފަހި ޖަރީމާ ހިންގި ޓީމު.

  6. ޒީރޯ

    މީނަ ވަކިކުރޭ ޖަރީމާ ހިންގަނީ ބޮޑު މުސީބާތަކައް ވާނެ މި އާޒިމް .

  7. އެމްޓީސީސީ

    ވައްކަން ހަބޭސް. މިހާރު އުޅެނީ ލޯންޗުތަކެއްގެ ކަންތަކާ އަވަދިނެތި.

  8. ޅިއަނު

    ޢާޒިމް ހަދާދޮގު އިނގޭނުން މިހާރު މީހުނަށް. މީނަ ބޭރުކުރޭ.ް

  9. ާއާދަނު

    ރަނގަޅު ވާހަކަތަކެއް. މުޅި މީޑިއާ ހިސޯރުކޮށްގެން މިދައްކިނީ މުޅިން އެހެން މަންޒަރެއް. ހަގީގަތް މި އެގެނީ….