މައިންބަފައިން ކުރި ބުރަ މަސައްކަތުގެ ފޮނި މީރުކަން ދަރިފުޅު ދައްކުވައިދީފި
ކޮންމެ މައެއްވެސް ދަރިޔަކު ބޮޑުކުރާނީ ވަރަށް ވެސް ފޮނި އުންމީދުތަކެއް ދެކިގެންނެވެ. ދަރިން ބޭނުމިއްޔާ ބޭނުން އެއްޗެއް ހޯދައިދީގެން ވެސް އުފަލުގައި ބެހެއްޓޭތޯ މަސައްކަތް ކުރެއެވެ.
ބުރަ މަސައްކަތްކޮށް ދަރިފުޅުގެ ކިޔެވުން ކުރިއަށް ގެންދިޔުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރެވޭތޯ ބަލައެވެ. އެއަށްވުރެ ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަކީ އަމިއްލަ ގައުމު ނޫން އެހެން ގައުމަކަށް ދަރިންގެ ހައްގުގައި ދިރިއުޅުން ބަދަލު ކޮށްލުމެވެ.
"އަކްޝިތާ ކަޕަސިއަވާލާ" ނަމަކަށް ކިޔާ ނާސާގެ ސިސްޓަމް އިންޖިނައަރަކީ އިންޑިއާ އަށް އުފަން އެންމެ ފުރަތަމަ ނާސާ އިންޖިނިއަރެވެ. އަކްޝިތާ ބުނީ މިލަގަބު ލިބެން މެދުވެރިވީ އޭނާގެ މައިންބަފައިންގެ ހިތްވަރާ މިންނެތް މަސައްކަތުން ކަމަށެވެ.
"އަހަރެން އިންޑިޔާއިން އެމެރިކާއަށް އައީ މީގެ 25 އަހަރު ކުރިން މައިންބަފައިންނާ އެކުގައެވެ. އެމީހުންގެ އަތުގައި ހުރި އަންނައުނު ކޮޅު އެކަނި ހިފައިގެން އަވަށްޓެރި އެމެރިކާއަށް ބަދަލުވީ ހަމަ އެންމެ ހުވަފެނެއް ދެކިންގެން، މަންމަމެން ބުނާގޮތުން އެއީ ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދުމަށް، އަހަރެން އުޅެ ބޮޑުވީ އަހަރެންގެ ބައްޕަ ދުވާލު 12-15 ގަޑިއިރު މަސައްކަތް ކުރާ ތަން ދެކެމުން ، ދާ އޮހޮރުވައިގެން މަސައްކަތް ކުރީ އާއިލާގެ 5 މެމްބަރުންގެ މުސްތަގްބަލަށް" އަކްޝިތާ ބުންޔެވެ.
އޭނާގެ މައިންބަފައިން ރުފިޔާ ރައްކާކުރި ގޮތް ވެސް އޭނާ ވަނީ ކިޔައިދީފައެވެ.
"އަހަރެމެން ދުވަހަކު ވެސް އާއިލީ ޗުއްޓީ ހޭދަކުރަން ތަންތަނަކަށް ނުދަން، ކޭމްޕް ކުރާކަށް ނުދަން، ފިލްމު ބަލާކަށް ސިނަމާ ތަކަށް ނުދަން، ބަންދު ދުވަސް ތަކުގައި ވެސް ތަންތަނަކަށް ނުދަން. އަހަރެމެން އެއްޗެއް ބޭނުން ވިޔަސް މަންމަމެން ބުނެފަ އޮންނަނީ މާ އަގު ބޮޑު ކަމަށް، ނޫނީ ފަހުން ސޭލް އެޅުވީމަ ގަނެދޭނެ ކަމަށް. އަހަރެންގެ މަންމަ އަކީ އިނގިރޭސި އެނގޭ މީހެއް ނޫން. އެއްވެސް ރައްޓެއްސެއް ނުހުރޭ. އެންމެ ކުޑަ މިނުން މަންމަގެ އާއިލާގެ މީހަކު ވެސް އެހީ އެއް ނުވާނެ. މަންމަވެސް ބައްޕަ ވެސް ވަރަށް ހިތްވަރު ގަދަ"
މި ހުރިހާ ކަމެއް ފެނި އަކްޝިތާގެ ހިތުގައި ގަދައަޅާ މަސައްކަތް ކުރުމުގެ ރޫހު އާލާވިއެވެ.
"މި ހުރިހާ ކަމަކުން އަހަންނަށް ވަރަށް ގިނަ އެއްޗިހި ދަސްވި. އެންމެ ކުދި ކުދި ކަންތައް ތަކަށް ވެސް ޝުކުރުކޮށް ދިރިއުޅުމުގައި ކަންކަން ކުރުމަށް ހުވަފެން ދެކި ކަންކަމާ ކުރިމަތިލާން ބިރު ނުގަންނަން ދަސްވި. ކަންކަމުގައި އަޒުމު ވަރުގަދަކޮށް ކަންތައްތަކާ ކުރިމަތިލާން ދަސްވި. އެންމެ ބޮޑު ކަމަކަށް ދަސްވީ ކަންކަމުގައި ނާކާމިޔާބުވުމަކީ ތިމާޔަށް ހުރި ގޮތް ނޫންކަން. މީގެ 5 އަހަރު ކުރިން އަހަރެން ހީ ސަމާސާ ކުރިން އަހަރެން ކަހަލަ މީހަކަށް ނާސާ ކަހަލަ ބޮޑު ތަނަކުން ވަޒީފާ ލިބޭނެ ކަމާމެދު. އެކަމަކު މީގެ މަހެއް ކުރިން "މާރޝަލް ސްޕޭސް ފްލައިޓް ސެންޓަރ" އިން ލިބުނު ސިޓީއެއްގައި އިންޖިނިއަރިންގ މަގާމަށް ކުއްޖަކު ބޭނުން ވާ ކަމަށް އޮތް، އަހަރެން ހިތަށް އެރި ހުވަފެންތައް ހަގީގަތަކަށް ހެދޭނެއޭ. ގަދަ އަޅާ މަސައްކަތް ކޮށް އެއްވެސް މީހަކު ތިމާޔަށް އެ ކަމެއް ނުވާނެޔޭ ބުނަން ފުރުސަތު ނުދީ"
އަކްޝިތާ ވަނީ ރުޓްގާރޓް ޔުނިވާސިޓީން ބެޗެލާރސް އިން ސައިންސް(މެކޭނިކަލް އިންޖިނިއަރިންގް) ހާސިލުކޮށްފައެވެ. މީގެ އިތުރުން ވެސް އޭނާ ވަނީ ނަވަލް ސަރފޭސް ވަރފެއަރ ސެންޓަރގައި ޖޫނިއަރ ސިސްޓަމް މޮޑެލަރ އެއްގެ ވަޒީފާ އަދާ ކޮށްފައެވެ.
ނާސާގެ ހިއުމަން ލޭންޑިންގް ސިސްޓަމް ގައި މަސައްކަތް ކުރަމުން ދާއިރު މީގެ ތެރޭގައި ސޮފްޓްވެއަރ އެކްސްޓެންޝަން މަސައްކަތްތަކުގެ އިތުރުން ސިސްޓަމްގެ މެއިންޓަނެންސް ވެސް އަކްޝިތާ ބަލަހައްޓަން ޖެހެއެވެ.
އަކްޝިތާ ކަޕަސިއަވާލާ އެހާ ހިސާބަށް ދިޔުމުގައި އެންމެ އިސް ރޯލެއް އަދާކުރި ބަޔަކީ އޭނާގެ މައިންބަފައިންނެވެ. މައިންބަފައިން ދަރިންނަށްޓަކައި ކޮށްދޭ ކަންތައްތައް ގުނާ އަދަދު ނުކުރެވޭހާ ގިނައެވެ. އެންމެ އާދައިގެ އާއިލާއަކުން ވެސް ފަޚްރުވެރި ނަމެއް ހާސިލް ކޮށްލާނެ ދަރިޔަކު ބިނާވެދާނެ ކަން މި އާއިލާއިން ދައްކުވައި ދީފިއެވެ.