ހަގީގީ ހާދިސާ ދީން

ދީން ދޫކޮށް އެތީސްޓަކަށް ބަދަލުވި ދިވެހި ޒުވާނާ ، އަލުން ހިދާޔަތް ލިބުމުގެ އެއް ސިއްރަކީ ބައްޕަ އެޅުއްވި ޙިކުމަތްތެރި ފިޔަވަޅު

ދެން އެމްވީ ، ދެން އޮންލައިން

މުޅި ދުނިޔެއަށްވެސް ރާއްޖެ މަޝްހޫރު ވެފައިވަނީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައެވެ.

Ads by STELCO

ނަމަވެސް ރާއްޖޭގައި މިހާރު ފުރިހަމަ މުސްލިމުންނާއި، އިސްލާމްދީނުގެ ހަމަތަކަށް ނޫޅޭ މީހުން އުޅޭކަމީ އެންމެންނަށް ވެސް އެނގޭ ބޮޑު ސިއްރެކެވެ.
އެބައިމީހުންނަށް ނުވިސްނިގެން އެހެން އުޅުނު ކަމުގައިވިޔަސް، ﷲގެ ރަޙުމަތްފުޅުން ފަހުން ތެދުމަގުލިބި، ސިރާތުލް މުސްތަގީމްގެ އަލިކަމުގެ ތެރެއަށް ވަދެ ތައުބާވާ މީހުންވެސް އުޅެއެވެ.

މިއީ ވެސް އެފަދަ ދިވެއްސެއްގެ ހަގީގީ ވާހަކައެކެވެ. ނަން ހާމަ ނުކުރުމަށް އެދި އޭނާ މިވާހަކަ "ދެން" އާއި ހިއްސާކުރީ އޭނާ ކުރިން އުޅުނު ފަދައިން އުޅޭ މީހުންނަށް ފިލާވަޅެއް ދިނުމުގެ މަޤްސަދުގައެވެ.

އޭނާ ވަރަށް ކުޑައިރު މަންމަ ވަނީ ނިޔާވެފައެވެ. ބައްޕަގެ އިތުރުން ދެން ހުންނަނީ ބޭބެއެވެ. މަޔަކާއި ނުލާ އެދެބެން ބަލާ ބޮޑުކުރީ އޭނާގެ ބައްޕައެވެ. އަދި އޭނާގެ އުމުރުން 16 އަހަރުގައި ބަައްޕައަށް މެލޭޝިއާ އިން ވަޒީފާއެއް ހަމަޖެހުމުން، ދިރިއުޅުން އެޤައުމަށް ބަދަލުކުރިއެވެ.

ދިރިއުޅުން ނުބައިމަގަށް ބަދަލުވީ އެހިސާބުންނެވެ.
މެލޭޝިއާއަށް ދިރިއުޅުން ބަދަލުކުރިތާ އެއް އަހަރު ފަހުން އެޤައުމުގެ މީހަކާއި ބައްޕަ ކައިވެނި ކުރިއެވެ. އެކަމާއި އޭނާގެ ބޭބެގެ މައްސަލައެއް ނެތް ކަމުގައިވިޔަސް، ދޮން މަންމައެއް ގެނައުންވީ އޭނާއަށް ބަރުދާސްތު ކުރަން އުނދަގޫ ކަމަކަށެވެ. އެކަމާއި ފާޅުގައި ނުރުހުން ވެސް ފާޅުކުރިއެވެ. ދޮންމަންމައާއި ދިމާލަށްވެސް އޭނާގެ ބައްޕައާއި ދިމާލަށް ވެސް އެއްޗެހި ބުނެ އުޅުނެވެ. ދޮންމަންމައަށް ޖެއްސުން ވެސް ކުރިއެވެ. ނަމަވެސް އެހުރިހާ ކަމަކަށް ވެސް އެއެންމެން ކެތްކުރިއެވެ.
ދޮންމަންމަ ގެއިން ފޮނުވާލުމަކީ އުނދަގޫ ކަމެއްކަން އެނގުމުން ދެން އޭނާ ނިންމީ އޭނާ ގެއިން ބޭރުގައި ގިނަ ވަގުތު އުޅޭށެވެ. އެހެންކަމުން އޭނާގެ އެކުވެރިންނާއެކު ބޭރުތެރޭގައި އުޅެން ފެށިއެވެ. ބައެއް ރޭ ރޭ ފުދޭވަރަކަށް ގިނަ ވަގުތުގައެވެ. އުމުރުން 18 އަހަރު ފުރުމަށްފަހު އޭނާ ބޭރުގައި އުޅުނު ވަގުތު އިންތިހާއަށް ގިނަވިއެވެ.

މެލޭޝިއާއަކީ އިސްލާމީ އާދަކާދަ އޮތް ޤައުމެއް ކަމުގައިވިޔަސް، އެތަނުގައި އެހެން ދީން ތަކުގެ މީހުން ވެސް އުޅެއެވެ. އެގޮތުން އެންމެ ގާތް އެކުވެރިންގެ ގޮތުގައި އޭނާއަށް އުޅެވުނީ ކްރިސްޓިއަނުންނާއި އެތީސްޓުން ތަކަކާއެކުގައެވެ.
އެމީހުންނާ އެކީ އުޅެމުން އޭނާ މަގުން ކައްސާލިއެވެ. ރާ ބުއިމާއި ކްލަބުތަކަށް ދިޔުމުގެ އިތުރުން ފާހިޝް އަމަލުތަކުގެ ކަނޑަށް އޭނާ ޣަރަޤުވިއެވެ. މަރާއި ހަޔާތުގެ ހިސާބު ދޭންޖެހޭ ދުވަހެއްވާ ކަމުގެ އެއްވެސް ބިރެއް ނެތިއެވެ.

އެކުވެރިންނާއެކު ޕާޓީ ކުރަން ދިޔަ ރެއެކެވެ. ރާތައްޓެއް ބޯން ފަށަން އުޅެނިކޮށް އޭނާގެ އެތީސްޓު އެކުވެރިއެއް އޭނާ ހުއްޓުވާފައި ބުންޏެވެ.
"މަސްތުވުމުގެ ކުރިން ޖަވާބު ދީބަލާށެވެ. ﷲ އަކީ ކާކު ހެއްޔެވެ؟"
ޖަވާބުގައި އޭނާ ބުނީ އެއީ ކަލާނގެ ކަމުގައެވެ.
"ކަލެއަށް ﷲ ފެނުނު ހެއްޔެވެ؟" އަނެއްކާވެސް އެކުވެރިޔާ ސުވާލުކުރިއެވެ.
"ނުފެނޭ. ނުފެނުނަސް އެއީ ކަލާނގެ އޭ ބައްޕަ ވެސް ކިޔައިދިން" ދޭންޖެހޭ ރަނގަޅު ޖަވާބު ނޭނގި އިނދެ އަދި އޭނާ އެބުނާ އެއްޗަކާއިމެދު އަމިއްލައަށް ވެސް ޝައްކެއްވެ އިނދެ އޭނާ ބުންޏެވެ.

އޭނާގެ ޖަވާބާއިމެދު ހިނިގަނޑެއް ޖަހާލާފައި އެއެކުވެރިޔާ ބުންޏެވެ.
"އެހެންވީރު ކަލޭ ރާ ބޯނެ ކަމެއް ނެތެވެ. ކަލޭގެ ބައްޕައާއި ﷲ ނުރުހޭނެއެވެ. ކަލޭލައްވާ ގަދަކަމުން ކަމެއް ކުރުވާ މީހެއް ކަމުގައި އަހަރެން ވާކަށް ނެތިން" އެކުވެރިޔާގެ އެ ޖަވާބުން އޭނާ މާޔޫސްވިއެވެ. ރާ ބޯން އިންތިހާއަށް ބޭނުންވިއެވެ.

"އަހަރެން ބޭނުން ރާ ބޯން. ކޮންމެ އަގެއްދީފައި ވިޔަސް. ކޮންމެ ކަމެއް ކޮށްގެން ވިޔަސް. ރާ ކޮޅެއް އަހަންނަށް ލިބޭނީ ކިހިނެއް؟ ކިހާ ވަރެއް ދޭންވީ" އާދޭސް ކުރާ ކަހަލަ ގޮތަކަށް، ޖީބުން ވޮލެޓުވެސް ނަގަމުން އޭނާ ބުންޏެވެ.

"ކަލޭގެ ބައްޕަގެ ލާރިގަނޑެއް އަހަރެން ބޭނުމެއް ނެތް. އަހަރެންމީ ފަގީރެއް ނޫން. އެކަމަކު ކަލޭ ކުރަންވީ ކަމަކީ އަހަރެން ގޮތަށްވުން. ހަގީގަތުގައި އަހަރެން އެހެން ދީން ތަކުގެ މީހުންނަށްވުރެ މުސްލިމުން ދެކެ ރުޅިއާދޭ. ކަލެއާއެކީ އުޅެނީ ކަލޭ މުސްލިމަކު އުޅޭހެން ނޫޅޭތީ. އެކަމަކު މިހާރު އަހަރެން ބޭނުމީ ކަލޭ އެކީ އެކައްޗަކަށް އެދީން ދޫކޮށްލަން. ވާނެތަ؟" އެކުވެރިއެއްގެ ގޮތަށް ފެނުނު މީހާ ޝައިތާނީ ޚިޔާލު ފާޅުކުރިއެވެ.

އޭނާ ފުން ވިސްނުމަކަށް ދިޔައެވެ. ސިކުނޑީގެ އެއް ބައިން ބުނަމުން އައީ އެކަން ނުކުރުމަށެވެ. ނަމަވެސް ކުރިމަތިން ފެންނަންހުރީ އޭނާ އެވަގުތު އެންމެ ބޭނުންވި އެއްޗެއްސެވެ.
"ކޮން ވިސްނުމެއް؟ އެހެން ނޫނަސް ކަލޭތީ ނަމާދުކޮށް، މުސްލިމެއްހެން އުޅޭ މީހެއް ނޫނެއްނު. އެހެން އުޅެވޭނޭ ހީވަންޏާ އަވަހަށްދޭ. ދެން އައިސްގެން ނުވާނެ. އަހަރެންގެ ގޭގައި މުސްލިމަކަށް ޖާގައެއް ނެތް" ނުރުހިގެން އެކުވެރިޔާ އެހެން ބުނުމުން އޭނާ ބިރުގަނެ ޖެހިލުންވިއެވެ. އަދި ވަގުތުން ބުންޏެވެ.

"އަހަރެން އިސްލާމްދީން ދޫކޮށްލައިފިން."

(ނުނިމޭ..މާދަމާ އަނެއްބައި ގެނެސްދޭނެ އިންޝާ ﷲ)

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!