ޚަބަރު

ކޮވިޑް-19: ކުޅުދުއްފުށީގައި ރޯގާގެ އަލާމާތްތައް ހުރި މީހުން ލަސްނުކޮށް ފްލޫ ކްލިނިކަށް ދިޔުމަށް އެދިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހދ. ކުޅުދުއްފުށީގައި ހުމާއި ރޯގާގެ އަލާމާތްތައް ހުރި މީހުން އެރަށުގައި ގާއިމު ކޮށްފައިވާ ފްލޫ ކްލިނިކަށް ލަސްނުކޮށް ދެއްކުމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން އިލްތިމާސް ކުރައްވައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުޙައްމަދު ޢަލީ ވިދާޅުވީ، ކުޅުދުއްފުށިން ޕޮޒިޓިވްވި ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށުން މިހާތަނަށް ނެގި ސާމްޕަލްތައް ނެގެޓިވް ވެފައި ވީނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެއްވެސް ރައްޔިތަކު ފަރުވާކުޑަ ކޮށްގެން ނުވާނެކަމަށެވެ.

މިއީ މުޅި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމުން ހުރިހާ ފަރާތްތަކަކުން ވެސް މިކަމަށް އެއްބާރުލުން ދިނުން މުހިއްމުކަން ވެސް ޑރ. މުޙައްމަދު ޢަލީ ފާހަގަ ކުރައްވާފައި ވެއެވެ.

"ބަލީގެ ޢަލާމާތްތަކުގެ ގޮތުގައި މި ހުންނަނީ އާދައިގެ ރޯގައިގެ ޢަލާމާތްތައް. މިސާލަކަށް ރޯގާ އައުން، ހުން އައުން. ބަލި ޖެހޭ މީހުންގެ 85 އިންސައްތަ މީހުންގެ ފުށުން މި ފެންނަނީ ހުން އައުން. ދެން ކެއްސުން، ނޭވާލާން އުނދަގޫވުން. ވަރަށް މަދު ޙާލަތެއްގައި ވަސް ނުދުވުން ނުވަތަ ރަހަނުލުން މިދިމާވަނީ. އެހެންވީމަ ހުމާއެއްކޮށް ނުވަތަ ހަމައެކަނި ހުން ވައްތަރު ވިޔަސް ނުވަތަ ހަމައެކަނި ކެއްސުމެއް އަޔަސް މިދުވަސްވަރު ފްލޫ ކްލިނިކަށް ދެއްކުމަކީ ވަރަށް މުހިއްމު ކަމެއް" ޑރ. މުޙައްމަދު ޢަލީ ވިދާޅުވިއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!