ދީން

"ކާއެއްޗެއް ބާކީ ހުރިނަމަ އުކާނުލާ ބޭނުން ޖެހިފައިވާ މީހުންނަށް ފޮނުވާ ، ޚާއްޞަކޮށް ބިދޭސީންނަށް އިހްސާންތެރިވެލައްވާ"

ދެން އެމްވީ ، ދެން އޮންލައިން

މިއަހަރުގެ ރަމަޟާން މަސް އަހަރެމެންނާއި މި ބައްދަލުކުރީ ހިތާމައާއި ބިރުވެރި ވަގުތެއްގައި ކަމަށާއި އެހެން ނަމަވެސް މިއީ ސަވާބާއި ދަރުމަ އިންތިހާއަށް ހޯދުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

''މި ޙާލަތުގައި ރަމަޟާންމަހުގެ ބަރަކާތް ޙާޞިލް ކުރާނީ ކިހިނެއް؟'' މި މައުޟޫގައި މި ނޫހުން ގެނެސްދިން ދަރުސްގައި ވާހަކަފުޅު ދައްކަވަމުން ޑރ.ޝަހީމް ވިދާޅުވީ މި ޙާލަތުގައި އެންމެ ބޮޑު ހިތްދަތިކަމެއްގައި ތިބީ އެމީހުންގެ ގައުމާއި އާއިލާ ދޫކޮށް އަހަރެމެންނަށް ޚިދުމަތް ކުރަން ގެނެސްފައިތިބި ބިދޭސީން ކަމަށާއި އެފަދަ މީހުންނަށް އިހްސާންތެރިވެ ހެޔޮކޮށް ހިތަން ވާނެ ކަމަށެވެ. އަދި މިއީ ރަމަޟާންމަހުގެ ސަވާބާއި ދަރުމަ ތިބާއަށް އެތައް ގުނައަކުން އިތުރުވެގެން ދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ ދުވަހު މަސައްކަތުން ފައިސާ ހޯދައިގެން ދިރިއުޅޭ ދިވެހިންނާއި އެތައް ބިދޭސީންނެއް އެބައުޅޭ ކަމަށާއި މިއީ އެފަދަ މީހުންނަށް ހެޔޮކޮށް ހިތައި ކިތަންމެ ކުޑަ ނަމަވެސް ޚަރަދެއް ކޮށްލަންވީ ވަގުތު ކަމަށެވެ. އަދި ކިތަންމެ ކުޑަ ސަދަގާތެއް ކޮށްގެން ވެސް ﷲގެ ޙަޟްރަތުން އެމީހަކަށް ސުވަރުގެ ހާސިލް ކުރެވިދާނެ ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

''ނިކަން ބައްލަވާ މަސައްކަތު މީހުން މިއަދު އެތިބީ ނިކަމެތި ވެފައި، ދުވަހު މަސައްކަތް ކޮށްގެން ލާރިކޮޅެއް ހޯދައިގެން ކައިގެން އުޅޭ މީހުން ، އޭގެ ތެރޭގައި ދިވެހިން ވެސް އެބައުޅޭ ، ޓެކްސީ ކުރާ މީހުން ، ދަތުރުފަތުރުތައް ވަނީ ހުއްޓިފައި ، ފައިސާ ލިބޭނެ ގޮތެއް ނެތް ، މިއަދު އެމީހުން ދިރިއުޅެމުން އެދަނީ ކާރިސާއެއްގެ ތެރޭގައި ،މިއީ އެފަދަ މީހުންނަށް ހެޔޮކޮށް ހިތަންވީ ވަގުތު ، ހެޔޮ ފޯރުވައިދޭންވީ ވަގުތު ، ކިތަންމެ ކުޑައެއްޗެއް ޞަދަޤާތް ކޮށްގެން ވެސް ﷲގެ ޙަޟްރަތުން އެމީހަކަށް ސުވަރުގެ ޙާޞިލް ކުރެވިދާނެ''ޑރ.ޝަހީމް ވިދާޅުވިއެވެ.

މި މައުޟޫގައި ވާހަކަފުޅު ދައްކަވަމުން ޑރ.ޝަހީމް ވިދާޅުވީ އަވަށްޓެރިޔާއާއި ގެންގުޅޭ ބިދޭސީންނަށް އިހްސާންތެރިވާން ޖެހޭނެ ކަމަށާއި އެގޮތުން ގޭގައި ކާއެއްޗެއް ބާކީ ހުރި ނަމަ އެތަކެތި އުކާނުލާ އަވަށްޓެރިޔާ ނުވަތަ ހާލުގައި ތިބި ބިދޭސީންނަށް ފޮނުވަން ވާނެ ކަމަށެވެ. އަދި މީހަކަށް ރޯދަ ވީއްލުން ދިނުމުގެ މާތްކަން ބަޔާން ކުރަމުން ، ކުޑަ މިނުން ފެން ފުޅިއެއް ނަމަވެސް ސަދަގާތް ކުރުމަށް އެމަނިކުފާނު ނަސޭހަތްތެރިވިއެވެ.

''ހެޔޮ ފޯރުކޮށްދިނުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެއް ، ޖެހިގެންހުރިގޭގެ މީހާ ހުރީ ކައިގެންތޯ ބަލަން ވާނެ ، ތިމާ ގެންގުޅޭ ބޭރު މަސައްކަތު މީހާ ނުވަތަ ޑްރައިވަރަށް އިހްސާންތެރިކޮށް ހިތަން ޖެހޭނެ، އެމީހުންގެ ގައުމު ދޫކޮށް އަހަރެމެންނަށް ޚިދުމަތް ކުރަން އައިސްތިބި ބޭރު މީހުންނަށް އިހްސާންތެރިކޮށް ހިތަން ޖެހޭނެ ، ގޭގައި ކައްކާ ކާއެއްޗެހި އުކާ ނުލާންވީ ، ބާކީ އެއްޗެއް ހުރިނަމަ އެ ފޮނުވަންވީ އެކި މީހުންނަށް ، މިސްކިތްތައް ފޮޅާ ސާފުކުރަން ތިބި ބޭރު މީހުންނަށާއި ކުންފުނިތަކުގައި މަސައްކަތް ކުރާ ބޭރު މީހުންނަށް "ޑރ.ޝަހީމް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!