ހަގީގީ ހާދިސާ ދީން

ރާއްޖޭގެ މަޝްހޫރު ފަންނާނަކަށް ޙަޔާތުން އެއްޗެއް މަދުވާކަން އިޙްސާސްވެ،ﷲގެ ހިދާޔަތް ލިބުނު ގޮތް

ދެން އެމްވީ ، ދެން އޮންލައިން

މިއީ ރާއްޖޭގެ މިޔުޒިކީ ދާއިރާގައި، އެންމެ ކާމިޔާބު ފަންނާނުންގެ ލިސްޓުގެ އެންމެ އިސް ސަފުގައި ކުރިން ހިމެނުނު ޒުވާނެކެވެ.

Ads by Sosun Fihaara

އެކިއެކި ޝޯތައްދީ، އަމިއްލަ އަލްބަމްތައް ވެސް ނެރުނެވެ. އޭނާ ދިޔަ ކޮންމެ ތާކުން މީހުންނަށް އޭނާ އެނގެން ފެށިއެވެ. ލިބެމުންދިޔަ ކާމިޔާބީއާއެކު ނުބައި މަގުވެސް އޭނާއަށް އިޚްތިޔާރު ކުރެވުނެވެ.
ނަމަވެސް މިހާރު އޭނާ ވަނީ އެހުރިހާ ކަމަކުން ދުރުހެލިވެ، މިޔުޒިކީ ޙަޔާތުން ވެސް ދުރަށް ގޮސްފައެވެ. މިއީ "ދެން" އަށް އޭނާ ކިޔައިދިން އޭނާގެ ވާހަކައެވެ.

"އަހަރެންގެ އުމުރުން މިއަހަރު ފުރޭނީ 26 އަހަރެވެ. ދިރިއުޅެމުން ދިޔައީ މާލޭގައެވެ. މިޔުޒިކީ ހަޔާތުގައި އުޅުނު އިރު އަހަރެންގެ އާއްމު ދިރިއުޅުން ހުންނަ ގޮތަކީ ހޭލާގޮތަށް ސްޓޫޑިއޯއަށް ދިޔުމެވެ. ގިނަވަގުތު ހުރެވުނީ މަސްތުގެ ޙާލަތުގައެވެ. ކެއިން ބުއިމެއް އެވަރަކަށް ނޯވެއެވެ.
އާއިލާއާއިވެސް އެއިރު އެހާ ބޮޑު ގުޅުމެއް ނޯވެއެވެ. ރަށްޓެހިން ވެސް ގިނަ ދުވަސްކޮޅެއް ކަމުން ފޫއްސެއް ނުވެއެވެ.
ލަވަކިޔައިގެން އެއިރު ފުދޭވަރަކަށް ލާރިލިބުނެވެ. 'ލަވަފޮށިން' ވެސް ލާރި ލިބުނެވެ.

އަހަރެންގެ މަންމަ ނަމާދުކުރާތަން ކުޑައިރުއްސުރެ ދެކެމެވެ. އެކަމަކު އޭގެން މާބޮޑު އަސަރެއް ނުކުރެއެވެ. މީހާ ހުރީ އެއަށްވުރެ ބޮޑަށް ޣާފިލުވެފައެވެ.
މާބޮޑު އުފަލެއް ނުލިބުން ކަމުގައި ވިޔަސް ފައިސާއާއި މަޝްހޫރުކަން ލިބުމުން އެހެން މީހުންނަކީ އަހަންނަށް ވުރެ ދަށް ބައެއް ކަމަށް ހީވާން ފެށިއެވެ. އެއިޙުސާސްތައް އަހަންނަށް ކަމުގޮސް، އަމިއްލަ އެދުމުގެ ވިސްނުންތަކުގައި ބޮޑާވެ ގަތީމެވެ.އަގު ބޮޑެތި ގަޑިއާއި ސައިކަލާއި ގަތީމެވެ.

އަހަންނަށް ޙަޤީޤީ ދިރިއުޅުން ނުވަތަ ޙަޔާތަކީ ކޮބައިކަން ފަހުމްވާނެ ފެށީ އޭގެ ފަހުންނެވެ.
''އުފާވެރިކަމުގައި'' އަހަރެންގެ ދުވަސްތައް ހޭދަ ކުރަމުން ދަނިކޮށް ހަށިގަނޑަށް ފާޑެއްގެ އުނދަގޫތަކެއް ވާން ފެށިއެވެ. ދެ ދުވަހަކު ނޭވާހާސްވާހެން ހީވެގެން ސްޓޫޑިއޯއިން ވެސް ނިކުތީމެވެ.
އަބަދުވެސް ކޮންމެވެސް އެއްޗެއް މަދުވާހެން ހީވާން ފެށިއެވެ. މީހުންނާއި ވާހަކަ ދެއްކުން މަދުވެ، އެކަނި އިނދެވެން ފެށިއެވެ. ސިކުނޑީގައި ހިނގަނީ ކޮންކަމެއްކަން އަހަންނަށް ވެސް ނޭނގެއެވެ. އޭރު މިވާހަކަތައްހިއްސާ ކޮށްލުމުން އެކަމަށް ރަނގަޅު ޖަވާބެއް ދެވޭނެ ވަރުގެ މީހަކު ވެސް ކައިރީގައި ނެތެވެ. ހިއްސާ ކުރާކަށް ވެސް ބޭނުމެއް ނުވިއެވެ.

އެހެން އުޅެމުން އެއްދުވަހު ލަވައެއްގެ މަސައްކަތް ނިންމާފައި ގެއަށްދިޔަ މަގުމަތީގައި ފޭސްބުކް ބަލަމުން ދަނިކޮށް ނަފްސާނީ ބައްޔާއި ބެހޭގޮތުން އޮތް ޕޯސްޓެއް ފެނުނެވެ.
އަހަރެންގެ ކިބައިގައި ވެސް މައްސަލަތަކެއް އެބަހުރިކަން ޤަބޫލު ކުރެވެން ފެށީ އެ ޕޯސްޓްގެ މައުލޫމާތު ހިތަށް ވަތް ހިސާބުންނެވެ. ނަފްސާނީ ބަލީގެ ޝިކާރައަކަށް ވެއްޖެކަން އެނގުނެވެ.

އޭގެ ފަހުން މަދު މަދުން، މަސްތުވާ ތަކެއްޗާއި މިޔުޒިކުން ދުރުވާން ފެށުނެވެ. ނަމަވެސް އެއްކޮށް ދުރެއް ނުވެވުނެވެ. ދެން އަހަރެން ވަނީ ވަޒީފާއަކަށެވެ.
ވަޒީފާއަށް ވަނުމުން އެހެން ކަންކަމަށް ވަގުތު ދެވޭވަރު މަދުވާން ފެށިއެވެ.

ވަޒީފާ އަދާކުރިތަނުގެ ވެރިޔާ ވަރަށް އެހީތެރިވިއެވެ. އޭނާއަކީ ބަރާބަރަށް ނަމާދުކުރާ މީހެކެވެ. އަހަންނަށް ހެޔޮމަގު ދައްކައިދޭން ވެސް އޭނާ ވަރަށް އެހީތެރިވިއެވެ. ނަތީޖާއެއްގެ ގޮތުން ވަޒީފާގައި އެއް އަހަރު ދުވަސް ހޭދަވީއިރު، މުޅި މީހާއަށް ހުރީ ވަރަށް ބޮޑު ބަދަލެއް އައިސް، ލަވަޔާއި ދުރުވެ ސިކުނޑިވެސް ތާޒާ ވެފައެވެ.
އެއްދުވަހު އޮފީހުގެ ވެރިޔާއާއެކު މިސްކިތަށް ނަމާދަށް ދިޔައީމެވެ. އަދި ނަމާދުން އައިއިރު މުޅިން ތަފާތު އިހުސާސެއް ކުރެވޭކަން ފާހަގަ ކުރެވުނެވެ. ހަށިގަނޑާއި ހިތަށް ލުއިވެ އަރާމެއް ލިބޭ ކަމުގެ ފޮނި އިހްސާސް ކުރެވުނެވެ. އަދި އޭގެ ފަހުން ނަމާދު ކުރަން އާދަވިއެވެ.

އަހަރެންގެ ހަޔާތް ބަނަކޮށްލި މަސްތުން އަހަރެން ދުރުވީ މަސައްކަތުގެ މާހައުލުގައި ބުރަކޮށް އުޅެން ފެށުމުންނެވެ. ދީނީ ކަންކަމަށް ސަމާލުވެ އަޙައްމިއްޔަތުކަން ދެވުނީ އެދުވަހުކުރި ނަމާދުންނެވެ. މިޔުޒިކްގެ އަޑާއި ލަވަތަކުގެ ބައިތުތައް ހިތުން ފޮހެވުނީ ގިނައިން ޤުރުއާން އަޑުއަހައިގެންނެވެ. އެކަމަށްޓަކައި އަހަރެން ނިދަނީ ވެސް ޤުރްއާނުގެ އާޔަތްތައް ޖަހައިގެންނެވެ. ﷲއަށް ޙަމްދު ކުރަމެވެ. ހުރިހާ ނަމާދެއްވެސް ސާބިތުކަމާއެކު ޤާއިމް ކުރަމެވެ.
އިން ޝާ ﷲ ކުރިއަށް އޮތް ތަނުގައި ވެސް އަހަރެން، ނުހިފެން ހުރި ބާރެއްގައި ނުހިފާނަމެވެ. އެއްވެސް މީހަކަށް އެއްވެސް ނުރުހުމެއް ނަފްރަތު ކަމެއްވެސް ނެތެވެ.

ހިދާޔަތް ދެއްވާނީ މާތް ﷲ އެވެ. އަހަންނަށް މިލިބުނީ ވަރަށް ބޮޑު ނަސީބެކެވެ. އިރާދަކުރެއްވިއްޔާ ދެން ދުވަހަކު ވެސް ޖާހިލިއްޔަތަކަށް ނުދާނަމެވެ. ކޮންމެ ދުވަހަކުވެސް މިބަލަނީ ނަފުސް އިސްލާހް ކުރާށެވެ. ދީން އުނގެނުމާއި ދިރިއުޅުމުގެ ކަންކަމުގައި ސާބިތުވާށެވެ.

މަސްތާއި އެހެނިހެން ފާފަތަކުގައި ޣަރަޤުވެ މާޔޫސްވި ނަމަވެސް އަހަންނަށް އެންމެ ބޮޑު ހިތްވަރާއި ސާބިތުކަން ލިބުނީ، މާތްﷲގެ ދީލަތިވަންތަ ކަމާއި އެއިލާހަކީ ގިނަގިނައިން ފާފަފުއްސަވާ އިލާހުކަން ހިތުގެ އަޑީން ޤަބޫލު ކުރެވުނު ދުވަހުއެވެ.

ތައުބާގެ ދޮރަކީ އެމީހަކު ދިރިހުރިހާ ދުވަހަކު ލެއްޕޭނެ ދޮރެއް ނޫންކަން ވިސްނާލި މީހަކަށް އެނގޭނެއެވެ. އެންމެ މޮޅު މީހަކީ އަގު ބޮޑު ގަޑިއާއި ސައިކަލާ ހުންނަ މީހާއެއް ނޫނެވެ. އެންމެ މޮޅު މީހަކީ ކުށްތަކަށް ތައުބާ ވާމީހާއެވެ.
މަރަކީ ވޭން ހުރި އެއްޗެކެވެ. އެއީ ކީރިތި ޤުރްއާނުންނާއި ރަސޫލާ (ޞޢވ) ގެ ޙަދީޘްފުޅުތަކުން ސާފުކޮށް އެނގެން އޮތް ކަމެކެވެ. ވޭންދެނިވި މަރެއްގައި މަރުވާކަށް އަހަރެން ބޭނުމެއް ނޫނެވެ. މިދުނިޔެއާއި ވަކިވެ ދިޔުމަށްފަހު ފައިދާ އޮތް ލިބެން އޮތީ ތިމާ މިދުނިޔޭގައި ކުޅަ ޢަމަލަކުންނެވެ.
ނަމާދު އެޅުން އެއީ ކާފަރުންގެ ސިފައެކެވެ. ނަމާދު ނުކުރާ މީހަކީ މުސްލިމެއް ކަމުގައިވެސް ނުވެއެވެ."

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!