ކުޅިވަރު

އިސްލާމްދީނާއި ޓެރަރިޒަމާ ގުޅުވައިގެން ފްރާންސްގެ ރައީސް ވާހަކަ ދެއްކުމުން، ޕޮގްބާ ގައުމީޓީމަށް ކުޅުން ހުއްޓާލައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިސްލާމްދީނަކީ ޓެރަރިޒަމްގެ އަސްލު ކަމުގައި ތުހުމަތުކޮށް ފްރާންސްގެ ރައީސް އިމޭނުއަލް މެކްރޯން ވާހަކަ ދެއްކުމުން، އެގައުމުގެ ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު ޕައުލް ޕޮގްބާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފިކަމަށް ބޭރުގެ ރިޕޯޓްތަކުން ބުނެފިއެވެ.

Ads by STELCO

މެންޗެސްޓާރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޮގްބާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމީ އެއްވެސް ހެއްކެތް ނެތި އިސްލާމްދީނަަކީ ޓެރަރިޒަމްގެ އަސްލު ކަމަށް ހުކުރު ދުވަހު ފްރާންސްގެ ރައީސް ތުހުމަތުކޮށް ވާހަކަ ދެއްކުމުންނެވެ.

ހަމަ އެހެންމެ ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް އަށް ފުރައްސާރަކޮށް، ތަސްވީރު ކުރެހި ޓީޗަރަަކަށް ފްރާންސްގެ ސަރުކާރުން އިއްޒަތާއި ގަދަރު ދޭން ނިންމުމަކީ ވެސް ޕޮގްބާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމި އެެއް ސަބަބު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބޭރުގެ ގިނަ މީޑިއާތަކަކުން ޕޮގްބާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރިޕޯޓް ކޮށްފައި ވީ ނަމަވެސް ޕޮގްބާވެސް އަދި ފްރާންސްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވެސް މިކަމާ ގުޅިގެން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަ ކޮށްފައެއް ނުވެއެވެ.

ފްރާންސްގެ ރައީސް، އިސްލާމްދީނަކީ ޓެރަރިޒަމްގެ އަސްލު ކަމަށް ތުހުމަތުކޮށް ދެއްކި ވާހަކަ އަކީ ފްރާންސްގެ ހުރިހާ މުސްލިމުންނަށް އަދި ޕޮގްބާއަށް ފުރައްސާރަ ކޮށް ދެއްކި ވާހަކައެއްގެ ގޮތުގައި އޭނާ ސިފަކުރެއެވެ.

ފްރާންސް އަކީ ނިސްބަތުން ބަލާއިރު މުސްލިމުންގެ އަދަދު މަދު ގައުމެއް ނޫނެވެ. ފްރާންސްގައި 5,760,999 މުސްލިމުން އުޅޭ ކަމަށް ތަފާސް ހިސާބުތައް ދައްކައެެވެ. އެގޮތުން އެ ގައުމުގައި އެންމެ ގިނަ މީހުން ގަބޫލު ކުރާ ދީނަކީ ކްރިންސްޓިއަން ދީން ކަމަށް ވާއިރު ދެވަނަ އަށް އެންމެ ގިނަ ބަޔަކު ގަބޫލު ކުރާ ދީނަކީ އިސްލާމްދީނެވެ.

ފްރާންސް އަކީ 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަނުންނެވެ. އެފަަހަރު ދުނިޔޭގެ އެއްވަނަ ކަމުގެ މަގާމު ފްރާންސްއިން އުފުލާލި އިރުވެސް ސްކޮޑުގައި 7 މުސްލިމް ކުޅުންތެރިން ތިބިއެވެ. އެ ކުޅުންތެރިންނަކީ ޕޮގްބާ، ޑެމްބެލޭ، ކަންޓޭ، ރާމީ، ސިޑިބެ، ބެންޖަމިން މެންޑީ އަދި ނާބިލް ފެކިރް އެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!