ތޫނު ހަތިޔާރާއެކު ހައިޖެކް ކުރީ ޖާބިރުގެ މަސްދޯންޏެއް
ލ. ގަމާ 11 މޭލު ބޭރުން ، ތޫނު ހަތިޔާރާއެކު ބަޔަކު އަރާ ހައިޖެކް ކުރީ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ގެ މަސްދޯންޏެއްކަން ހާމަ ވެއްޖެއެވެ.
ރޭ ދަންވަރު 12:30 ހާއިރު ތޫނު ހަތިޔާރާއެކު ބަޔަކު އަރާފައިވަނީ ސ. ހިތަދޫ "ފަސްކުރި" ނަމަކަށް ކިޔާ ދޯންޏަކަށެވެ. އެދޯނި އެވަގުތު އޮތީ ލ. ގަމު "ވަޑިނޮޅު" ކައިރީ އެންދަމަން ދިއްލައިގެން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
އޮންލައިން ނޫސް "ސީއެންއެމް" އިން ބުނެފައިވަނީ ހައިޖެކް ކުރި ދޯންޏަކީ ލ. ގަމު މީހަކު މީގެ ދެ އަހަރު ކުރިން އެމްޕީ ޖާބިރަށް ކުއްޔަށް ދިން ދޯންޏެކެވެ. އަދި އެ ދޯނި ޖާބިރަށް ލިބޭ ގޮތަށް އެގްރިމެންޓް ހަދާފައިވަނީ މަހުން މަހަށް ދައްކާ ހަތް މިލިއަން ރުފިޔާ ހަމަވުމުންނެވެ. ނަމަވެސް ޖާބިރު އަދި މިހާތަނަށް ދައްކާފައި ވަނީ 7 ހައްކަ ރުފިޔާ ކަމަށް ވެސް އެނޫހުން ބުނެފައިވެއެވެ.
މިމައްސަލަ އާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސް ދޯންޏެއް ބަލައި ލޯންޗެއްގައި ބަޔަކު އެ ދޯންޏަށް ދިޔަ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި ދޯނި ލ. ގަން ތުނޑި އަށް ކައިރި ކުރިކަން އެނގިފައިވާ ކަމަށެވެ. އަދި ފުލުހުން ގޮސް ބެލި ބެލުމުން ދޯންޏަށް އިތުރު ބަޔަކު އަރާފައިވާ ކަމަށާއި ނަމަވެސް އެއްވެސް މާރާމާރީއެއް ހިނގައިފައި ނުވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ވިދާޅުވެ، ފުލުހުން ވިދާޅުވީ ދޯނި ތެރެއިން ބައެއް ތޫނު ހަތިޔާރު ފެނިފައިވުމުން ތަހުގީގަށް އެތަކެތި ގެންގޮސްފައިވާނެ ކަމަށެވެ.
"މިހާތަނަށް އެނގިފައިވާ ގޮތުގައި އެއީ އެއްބަސްވުމެއްގެ ދަށުން ގަނެވިފައިވާ ދޯންޏަކަށް ވެފައި އެއްބަސްވުމަށް އަމަލު ނުކުރާ ކަމަށް ބުނެ ދޯންޏަށް ދިޔަ ބަޔަކު ކަމަށް މައުލޫމާތު ލިބޭ" ފުލުހުން ވިދާޅުވިއެވެ.
މީގެއިތުރުން ފުލުހުން ވިދާޅުވީ އެދޯނި ބަނދަރާ ކައިރިކުރިއިރު ފުލުހުން ބަނދަރުގައި ތިބި ކަމަށާއި މައްސަލައިގެ މައުލޫމާތު ލިބުނު ހިސާބުން ހާލަތު މޮނިޓަރ ކުރަމުން ދިޔަ ކަމަށެވެ.