ކޮވިޑް-19: އުނގޫފާރުގައި ނެގި ރެންޑަމް ސާމްޕަލް އެއް ފައްސިވެއްޖެ

ރ. އުނގޫފާރުގައި ކޮވިޑް-19 ފެތުރޭތޯ ބެލުމަށް ރެންޑަމްކޮށް ނެގި ސާމްޕަލެއް ފައްސިވެއްޖެއެވެ.
އުނގޫފާރުން ނެގި ރެންޑަމް ސާމްޕަލެއް ފައްސި ވެފައިވާކަން އެރަށު ކައުންސިލުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
ކައުންސިލުން އިތުރަށް ބުނީ އެރަށުން ފައްސި ވެފައިވަނީ އެރަށުގައި ދިރިއުޅޭ މީހެއް ކަމަށެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބުނީ އެފަދަ ކޭސް އެއް އުޅޭނަމަ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރު މައުލޫމާތު ދެއްވާނެ ކަމަށެވެ.
އުނގޫފާރަކީ އެއަތޮޅުގެ ރީޖަނަލް ހޮސްޕިޓަލު ހުންނަ ރަށްކަމުން، އެކި ރަށްރަށުން އެރަށަށް ވަރަށް ގިނަ މީހުން ޑޮކްޓަރަށް ދައްކަން ގޮސް ހަދައެވެ. ކޮވިޑްގެ ހާލަތާއި ގުޅިގެން މާލެއަށް ޑޮކްޓަރަށް ދައްކަން ނާދެވޭތީ ވެސް، އެކި އަތޮޅުތަކުން ވެސް މީހުން އެރަށަށް ޑޮކްޓަރަށް ދައްކަން ދެއެވެ.