ކޮވިޑް-19: އުނގޫފާރު މޮނީޓަރިންއަށް ލައިފި

ރ. އުނގޫފާރުގައި ކޮވިޑް-19 ފެތުރޭތޯ ބެލުމަށް ރެންޑަމްކޮށް ނެގި ސާމްޕަލެއް ފައްސިވުމާ ގުޅިގެން އެރަށް މޮނީޓަރިންއަށް ލައިފިއެވެ.
އުނގޫފާރުން ނެގި ރެންޑަމް ސާމްޕަލެއް ފައްސި ވެފައިވާކަން އެރަށު ކައުންސިލުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
ކައުންސިލުން އިތުރަށް ބުނީ އެރަށުން ފައްސި ވެފައިވަނީ އެރަށުގައި ދިރިއުޅޭ މީހެއް ކަމަށެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބުނީ މިކަމާއި ގުޅޭ އިތުރު ތަފްސީލު މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވާނެ ކަމަށެވެ.
އުނގޫފާރަކީ އެއަތޮޅުގެ ރީޖަނަލް ހޮސްޕިޓަލު ހުންނަ ރަށްކަމުން، އެކި ރަށްރަށުން އެރަށަށް ވަރަށް ގިނަ މީހުން ޑޮކްޓަރަށް ދައްކަން ގޮސް ހަދައެވެ. ކޮވިޑްގެ ހާލަތާއި ގުޅިގެން މާލެއަށް ޑޮކްޓަރަށް ދައްކަން ނާދެވޭތީ ވެސް، އެކި އަތޮޅުތަކުންވެސް މީހުން އެރަށަށް ޑޮކްޓަރަށް ދައްކަން ދެއެވެ.
މޮނީޓަރިންގެ ޙާލަތުގައި އޮންނަ ރަށަކުން އަރާ ފައިބާ ހެދޭނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ ގެ ޚާއްސަ ހުއްދައެއް ލިބިގެންނެވެ.